ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ އަތޮޅު ނާގޯއްޓަށް ވަޑައިގެން، ރިސޯޓު ހެދުމުގެ މަސައްކަތް އެމްޓީޑީސީއާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒުއާއެކު -- ފޮޓޯ: މިހާރު
25 އޯގަސްޓް 2025 - 18:10
ޓޫރިޒަމަށް މީގެ 17 އަހަރު ކުރިން ދޫކުރި ހދ. ނާގޯށީގެ މަސައްކަތް ނިންމައި، އަންނަ އަހަރު ހުޅުވަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
ހދ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގައި މިއަދު މެންދުރު އެ މަނިކުފާނު ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ.
މިއަދު އެ އަތޮޅު ނާވައިދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވަނީ އެމްޓީޑީސީއާ އެތަން ހަވާލުކޮށް އަލުން މަސައްކަތް ފެއްޓެވުމަށް ގަސްދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އޭގެފަހުން، ނާގޯށި ތަރައްގީކުރުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތަށް ރައީސް މިއަދު މެންދުރު އެ ރަށަށް ވަޑައިގަތެވެ. ދޮޅު އަހަރު ދުވަހުން ނިންމާ ގޮތަށް މަޝްރޫއު އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެމްޓީޑީސީ ޗެއާމަން އަބްދުﷲ ފާއިޒާއި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފްގެ އިތުތުން ބޭންކުގެ ޗެއާމަން އަހުމަދު އަލީ ހަބީބް އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ އަތޮޅު ނާގޯއްޓަށް ވަޑައިގެން، ރިސޯޓު ހެދުމުގެ މަސައްކަތް އެމްޓީޑީސީއާ ހަވާލު ކުރެއްވުން.-- ފޮޓޯ: މިހާރު
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒު ވިދާޅުވީ އެ މަޝްރޫއުގެ ކުރިއަށް ގެންދަން ރާވާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.
ފުރަތަމަ ފިޔަވަހީގައި 183 ކޮޓަރިއެއްގެ މަސައްކަތް ނިންމާ، އަންނަ އަހަރުގެ ޑިސެމްބަރުމަހަށް ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިސެމްބަރަށް ނިންމަނީ 183 ކޮޓަރި. އޭގެ ތެރޭގައި ބީޗް ވިލާ، ޖަކޫޒީ ބީޗް ވިލާ އަދި ވޯޓާ ވިލާސް ހިމެނޭހެން ހަތަރު ކެޓަގަރީއެއްގެ ކޮޓަރި ހިމެނޭނެ،" ނިޔާޒު ވިދާޅުވި އެވެ.
އެ މަސައްކަތް ނިންމާއިރު އެ ރިސޯޓުން އެކަނި 600 ވަޒީފާ އުފެދޭނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
"އޭގެ ސަބަބުން މުޅި ހދ. އަތޮޅަށް ވެސް އޭގެ ފައިދާ ކުރާނެ. ކުރިއަށް އޮތް އަހަރު ތެރޭގައި މިރަށަށް [ނާގޯށި]އަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް ފަށައި ތަމްރީނުތައް ދިނުމުގެ މަސައްކަތް ވެސް ފަށާނެ،" އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތު ނިންމާލެއްވުމަށްފަހު ރައީސް ވަނީ އެ ރަށް ބައްލަވާލައްވައިފަ އެވެ.
ނާގޯށި މަޝްރޫއު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެމްޓީޑީސީ ޗެއާމަން އަބްދުﷲ ފާއިޒާއި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފްގެ އިތުތުން ބޭންކުގެ ޗެއާމަން އަހުމަދު އަލީ ހަބީބް-- ފޮޓޯ: މިހާރު
ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ރަޝިޔާގެ ކުންފުންޏެއް ކަމަށްވާ ތްރީކޭއާ އެންމެ ފުރަތަމަ ހަވާލުކުރީ 2007ގަ އެވެ. އެ ރަށުގައި 600 އެނދުގެ ރިސޯޓެއް ތަރައްގީކުރަން އެމްޓީޑީސީން މަސައްކަތް ކުރި ނަމަވެސް ދައްކަން ޖެހޭ ކުލި ގަވައިދުން ނުދެއްކުމުގެ ސަބަބުން، ނުވަ އަހަރު ފަހުން، 2016ގައި އެ ކުންފުނީގެ އެއްބަސްވުން ބާތިލްކުރީ އެވެ.
އޭރު އެ ރިސޯޓްގެ 37 ޕަސެންޓް މަސައްކަތް އޮތީ ނިންމައިފަ އެވެ. އަދި ރަށުގައި ހަދާ ގިނަ ވިލާތަކާއި ރެސްޓޯރެންޓްތަކާއި އެހެނިހެން އިމާރާތްތަކުގެ ކޮންސްޓްރަކްޝަންގެ ގިނަ މަސައްކަތްތައް ހުރީ ގާތްގަނޑަކަށް ނިމިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ އަތޮޅު ނާގޯއްޓަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި-- ފޮޓޯ: މިހާރު
ސަރުކާރުން 2017 ވަނަ އަހަރު އެމްޓީޑީސީގެ އަތުން އެރަށް އަތުލީ އެވެ. އެކަމަކު 2021ގައި އާ ލީޒެއްގެ ދަށުން އެ ރަށް އަނެއްކާވެސް އެމްޓީޑީސީއާ ހަވާލުކުރީ އެވެ.
މި ރަށް ތަރައްގީކުރަން އެ ކުންފުނިން އެ އަހަރު ހަވާލުކުރީ ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއާ އެވެ. ތިން އަހަރު ވީއިރު ވެސް އެއްވެސް މަސައްކަތެއް ނުކުރުމުން، އެ އެގްރިމަންޓް 2023 ވަނަ އަހަރު އުވާލުމަށްފަހު މިދިޔަ އަހަރު އަނެއްކާ ވެސް ވަނީ އެމްޓީޑީސީއާ ހަވާލުކޮށްފަ އެވެ. އެޑިޓަރުގެ ނޯޓު: ނާގޯށި އަކީ ހދ. އަތޮޅުގެ ފުރަތަމަ ރިސޯޓުކަމަށް ޖެހިފައިވަނީ މައުލޫމާތުގެ ކުށަކުން ކަމަށްވާތީ، މި ހަބަރު މިހާރު ވަނީ އިސްލާހު ކުރެވިފައި.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގާސިމް
26 August 2025
ދިވެހިރާއްޖެ ތަރައްޤީ ކުރެވެން އޮތީ ޓޫރިޒަމް ފުޅާކުރެވިގެން، އެހެން ކަމުން މި ނިންމުމަކީ ރައްޔިތުންނަށް ނުހަނު ފައިދާ ކުރާނެ ނިންމުމެއް
ކޮންމެސްމީހަކު
26 August 2025
އަތްޖަހަންވީ؟ ޖަހަންވީތަހަމަ؟ ބުނެބަލަ
ކޮވެލި
25 August 2025
17 އަހަރު ވީއިރު ތިރަށަށް އެމްޓީޑީސީ އިން އަންދާލާފައި ހުރި ފައިސާގެ ޢަދަދު ކޮންވެސް ނޫސް ވެރިޔަކު ދިރާސާ ކުރާނެ ނަމަ ދޯ. އަސްލު މައްސަލައަކީ އެމްޓީޑީސީ ކުރިއަރާ ދާކަށް ސަން ޝިޔާމް އަދި އެހެން އެހެން ރިސޯޓް އޯނަރުން ބޭނުމެއް ނުވޭ. އެެހެންވެ ތިތަނުގެ ބޯޑް ކޮންޓްރޯލް ކުރަނީ އެމީހުން. އެމީހުންގެ ބޮޓޫން ތިތާ ތިބެނީ.
އުދުހޭ
25 August 2025
ކުރިންވެސް ދީފަ އޮއްވާ އަނެއްކާ ދިނީ؟ މީ ކިހިނެތްވާކަމެއް؟
ކުދުބެއްޔާ
25 August 2025
މީވެސް ހަމަ ރައްޔިތުންނަށް ދައްކާތާ 17 އަހަރުވެފައޮތް ހުވަފެނެއް. އަނެއްކާ އިތުރު ދެއަހަރަށް ދައްމާލީ.... ސަރީފުކައިރީބުނެގެން ތިރަށުގަވެސް އޭޓީއެމެއް އެޅޭތޯބަލާ. އެކަންވެދާނެ