އިޒްރޭލުން ޣައްޒާގެ ސަރަހައްދެއް ބިމާ ހަމަކޮށްފައި: އިޒްރޭލުން ނޫސްވެރިންނާއި އާންމުން މެރުމަށް ފަހު ކުރާ ކަމަށް ބުނާ ތަހުގީގުން ނަތީޖާ ނުނެރެވޭތީ އދ. އިން ވަނީ ފާޑު ކިޔާފައި. -- ފޮޓޯ: އޭއެފްޕީ
26 އޯގަސްޓް 2025 - 16:12
ފަލަސްތީނުގެ ޣައްޒާގައި ގާނޫނާ ހިލާފަށް މީހުން މެރުމުގެ އަމަލުތައް އިޒްރޭލުން ތަހުގީގުކުރަން ޖެހޭނެ ކަމަށާއި ހޮސްޕިޓަލަކަށް ހަމަލާދީ ނޫސްވެރިން ހިމެނޭ ގޮތަށް 20 މީހަކު ޝަހީދުކޮށްލި ހަމަލާ ފަދަ ކަންކަން ތަހުގީގުކުރަން ޖެހޭނީ ނަތީޖާ ނެރެވޭ ގޮތަށް ކަމަށް އދ. އިން މިއަދު ބުނެފި އެވެ.
"އިންސާފު ލިބެން ޖެހޭނެ،" ޖެނީވާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާގެ ތަރުޖަމާނު ތަމީން އަލް ޚީތާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޣައްޒާ މަރުވި މީޑިއާގެ މުވައްޒަފުންގެ އަދަދު އެހާ ގިނަވާތީ "ނޫސްވެރިންނަށް އަމާޒުކޮށް ދިން ހަމަލާތަކާ މެދު އެތައް ސުވާލެއް އުފެދޭ" ކަމަށެވެ.
އޭނާ މިހެން ވިދާޅުވީ ޣައްޒާގެ ދެކުނުގެ އަވަށެއް ކަމަށްވާ ޚާން ޔޫނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލަށް ހޯމަ ދުވަހު އިޒްރޭލުން ދިން ހަމަލާއެއްގައި ފަސް ނޫސްވެރިޔަކާ އެކު މަދުވެގެން 20 މީހަކު ޝަހީދުކޮށްލުމުން މުޅި ދުނިޔެއިން އެކަން ކުށްވެރިކުރަމުން ދަނިކޮށެވެ.
ރޮއިޓާސް އާއި އެސޯސިއޭޓެޑް ޕްރެސް އަދި އަލްޖަޒީރާ އިން ވެސް އެ މީހުންގެ މުވައްޒަފުން މަރުވުމާ ގުޅިގެން ހިތާމަ ފާޅުކޮށް ބަޔާން ނެރެފައިވާއިރު، އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އެ ހާދިސާ ބަލާނެ ކަމަށް ބުނެފަ އެވެ.
"އިޒްރޭލުން މީގެ ކުރިން ވެސް މިފަދަ މަރުގެ ހާދިސާތައް ތަހުގީގުކުރާނެކަން އިއުލާނުކުރި،" ޚީތާން ވިދާޅުވި އެވެ.
"އެއީ އޮޅިފައި އޮތް ކަމެއް ނޫން. އިސްތިއުމާރީ ބާރުގެ ހައިސިއްޔަތުން މިކަން ތަހުގީގުކުރުމަކީ އިޒްރޭލުގެ މަސްއޫލިއްޔަތެއް - ނަމަވެސް، މި ތަހުގީގުތަކުން ނަތީޖާ ނެރެން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ޚީތާން ވިދާޅުވީ މިހެން ކުރި އެއްވެސް ތަހުގީގަކުން ނުކުތް ނަތީޖާއެއް ނެތް ކަމަށާއި ތަހުގީގުތަކުން ޒިންމާދާރުކޮށް އިންސާފު ގާއިމުކޮށްދެވެން ޖެހޭނެ ކަމަށެވެ.
ޚީތާން ވިދާޅުވީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާގައި ހަމަލާތައް ދޭން ފެށި ފަހުން ފަލަސްތީނުގެ 247 ނޫސްވެރިއެއްގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ.
"މި ނޫސްވެރިންނަކީ މުޅި ދުނިޔޭގެ ލޮލާއި ކަންފަތް. އެ ނޫސްވެރިން ހިމާޔަތް ކުރަން ޖެހޭ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy