ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކުޅުދުއްފުށީގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ރައީސް ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
26 އޯގަސްޓް 2025 - 23:22
މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ކައުންސިލްތައް ބާރުވެރި ކުރުވަައި، ނަފާ ހޯދޭނެ މަގުތައް ފަހިކޮށްދީގެން ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިރޭ ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކައުންސިލްތަކުން ފާސްކޮށްފައި އޮންނަ ލޭންޑްޔޫޒް ޕްލޭނާ އެއްގޮތަށް ކަމެއް ކުރަން ހުށަހަޅައިފި ނަމަ އެކަމެއް މަނާ ނުކުރައްވާނެ ކަމަށެވެ. އެކަމަކަށް ހުއްދަ ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ނަމަވެސް އޭގެން ބޭރުން ކަމެއް ހުށަހަޅައިފި ނަމަ ސަރުކާރުގެ ސިޔާސަތާއި އެމަނިކުފާނުގެ ވައުދުތަކާ ދިމާވޭތޯ ސަރުކާރުން ބަލާނެ ކަމަށް ވިދާޅުވި އެވެ.
ބޯޅަ އޮތީ ކައުންސިލްގެ ކޯޓުގައޭ މިހާރު. އެތައް ކައުންސިލަކަށް ދެވިއްޖޭ އެތައް ރަށެއް މިހާރު. އެހެންވެ އެކަން ކުރައްވަންވީއޭ މިހާރު. މި ރަށު ކައުންސިލާ ވެސް ހަވާލުކޮށްފައި އޮންނާނެ ސްވިމިން ޓްރެކެއް އަޅަން. އެކަމަކު އަދިވެސް ނާޅާ. -- ރައީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ރައީސް އޮފީސް
"އެއީ ގާނޫނުގައި އޮންނަ ގޮތް. ސަރުކާރުގެ ސިޔާސަތާ ދިމާވޭތޯ ބަލައި އެއްވެސް ކަމެއް ނުހިފަހައްޓާނެ. ވަޒީފާއަކަށް މީހަކު ނަގަން ވިޔަސް. ފާސް ކޮށްފައި އޮތް އޮނިގަނޑާ އެއްގޮތަށް އަދި ބަޖެޓު ހަމަޖެހިފައި އޮތްނަމަ ބަލާފައި ހުއްދަ ދޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މާލޭގެ މޭޔަރަކަށް އެމަނިކުފާނު ހުންނެވިއިރު، ވެރިކަން ކުރި އެމްޑީޕީގެ ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް ކުރި "ޖެއްސުންތައް" މި ސަރުކާރުގައި އެއްވެސް ކައުންސިލަކަށް ކުރިމަތިވާން އެދިވަޑައިނުގަންނަވާ ކަމަށެވެ. އޭގެ ބަދަލުގައި މި ސަރުކާރުން މަސައްކަތް ކުރާނީ، ކައުންސިލްތަކަށް ނަފާ ހޯދައިދިނުމަށް، އިހްތިސާސް ތެރޭގައި އޮންނަ ފަޅު ރަށްތަށް ވެސް ކައުންސިލަށް ހަމަޖައްސަައިދީގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ކައުންސިލްތަކުން ދައްކާ ބައެއް ވާހަކަ ގަބޫލުނުކުރެއްވޭ ސަބަބެއް ކަމަށް ރައީސް ވިދާޅުވީ މިހާރު ކައުންސިލްތަކަށް ކަންކަން ކުރުމުގެ ގާނޫނީ ބާރު ދެއްވާފައި އޮވެމެ ކަންކަން ނުކޮށް ތިބުމެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ކުޅުދުއްފުށީ ރައްޔިތުން ބާއްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ .-- ފޮޓޯ: ރައީސް އޮފީސް
"ބޯޅަ އޮތީ ކައުންސިލްގެ ކޯޓުގައޭ މިހާރު. އެތައް ކައުންސިލަކަށް ދެވިއްޖޭ އެތައް ރަށެއް މިހާރު. އެހެންވެ އެކަން ކުރައްވަންވީއޭ މިހާރު. މި ރަށު ކައުންސިލާ ވެސް ހަވާލުކޮށްފައި އޮންނާނެ ސްވިމިން ޓްރެކެއް އަޅަން. އެކަމަކު އަދިވެސް ނާޅާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނަށް މުހިންމީ ކޮންމެ ރައްޔިތަކަށް ވެސް ހަމަހަމަ ކަމާއެކު ހިދުމަތް ކުރެއްވުމެވެ. ސިޔާސީ ގޮތުން ސަރުކާރާ ވަރަށް ބޮޑަށް ހިޔާލު ތަފާތު ރަށްރަށަށް ދަތުރުކުރައްވައި ރައްޔިތުންނާ ބައްދަލު ކުރައްވާއިރު ވެސް ވަކި ސިޔާސީ ފިކުރެއް އެމަނިކުފާނަށް މުހިއްމެއް ނޫން ކަމަށް ވިދާޅުވި އެވެ. ސަރުކާރުން އެއްވެސް ރައްޔިތަކާ މެދު ތަފާތު ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައި ބިލް ތަސްދީގު ކުރައްވާފައިވާ އިރު، ބައެއް ކައުންސިލްތަކުން އަންނަނީ އެ ބަދަލާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އަދި އެ ބަދަލުތަކާ މެދު އިތުރަށް ވިސްނެވުމަށް ކައުންސިލްތަކުން އަންނަނީ ރައީސަށް ހުށަހަޅަމުންނެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީގެ މޭޔަރު އަހުމަދު އާތިފް ވެސް ވަނީ ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހާ މެދު ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވަނީ އެ ގާނޫނުގައި ހުރި ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ކައުންސިލްތަކުން ކޮށްދޭން ޖެހޭ ކަންކަން ނުކޮށްދެވޭ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި އެ ގާނޫނާ މެދު އަލުން ވިސްނަވައި އިސްލާހު ކުރައްވަން ވެސް ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ކުޅުދުއްފުށީ ރައްޔިތުން ބާއްދަލުކުރެއްވުމަށް ބެއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެނެސްފައި ވާއިރު ކައުންސިލްތަކުގެ އަދަދު މަދުކުރުން ފަދަ ބަދަލުތައް ގެންނަވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެއީ މެންބަރުން މަދުކުރުމުގެ ގޮތުން، 2،000 އިން ދަށުގެ އާބާދީގެ ރަށްރަށުގައި ތިން މެމްބަރުންގެ ކައުންސިލެއް އަދި 2،000 އަށް ވުރެ އާބާދީ ބޮޑު ނަމަ ފަސް ކައުންސިލަރުން ތިބޭ ގޮތަށް ހަމަޖެއްސުމެވެ.
އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން ހޮވަން ވެސް އެ ރޭޝިއޯ ހަމަޖެއްސުން ހިމެނެ އެވެ. އެކަމަކު، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާގެ މަގާމަށް މުޅި ރަށުގެ ރައްޔިތުން ވޯޓުލައިގެން މީހަކު އިންތިހާބުކުރުމާއި އެއީ ފުލްޓައިމް ވަޒީފާއަކަށް ހަދަން ގާނޫނު އިސްލާހު ކުރާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
27 August 2025
އަނހާ! ތިޔައީ ވަރަށް ރަނގަޅުކަމެއް. ހުރިހާ ވަޢުދެއް ކައުންސިލްތަކާ ހެދި ފުއްދާ ނުދެވުނު ކަމަށާއި ކައުންސިލުތަކަކީ ރައްޔިތުންގެ ތަރައްގީއަށް އެއްވެސް ކަމެއް ކޮންދޭން ބޭނުންނުވާ ތަންތަން ކަމުގައި ބުނެ ކައުންސިލުތަކުގެ ބޮލުގައި އެކަންއެޅުވުމަށްވުރެ ވަކިރަނގަޅުކަމެއް އޮތްކަމަކަށް އަހަންނަށް ނުފެނުނު.
ރައީސް ބޯޅަ
27 August 2025
ކޮންމެ ކައުންސިލަކުންވެސް ރައީސް ޖައްސަވާ ބޯޅަ ނިކަން ބާރަށް އަނބުރާ ރައީސްގެ ކޯޓަށް ޖަހަންވާނެ. ނޫނީ ފެއިލްވާނީ ކައުންސިލަރުން.
ތޫބާ ޏާޡިމް
27 August 2025
ރަނގަޅު ވާހަކައެއް. މުއިއްޒްގެ ބުންޔަސް ތެދެއް ވާނީ ތެދަކަށް. ކައުންސިލްތަކަށްވެސް އެހެންނޭ ކިޔާފަ ނުޖެހޭ ބޮޑެތި ބަޖެޓް ދީ އިސްރާފްކުރާކަށް.
އަފްރާސިޔާބު
27 August 2025
އާނ! ނުޖެހޭނެ އެކައްޗެއްވެސް ދޭކަށް. ފުޅިބައްތި ދިއްލަން ތެޔޮކޮޅެއްދިނީމާ ރައްޔިތުންނަށް އެވަރުން ފުދޭނެ.
ޑރ ވާންޗޯ
27 August 2025
ބޯޅައެއް އޮތަކަސް އަމިއްލަޔަށް ކުޅެންނޭގެންޏާ ކީއްކުރާނީ.
ސަލްމާން އަލީ
27 August 2025
ގިނަ ކައުންސިލަރުން ހީކުރަނީ ކައުންސިލް އިން ކުރަން ޖެހޭ ކަމަކީ ކައުންސިލްގެ ފެން ބިލާއި ކަރަންޓު ބިލް ދައްކާލާފާ ދެން ދާންޖެހެނީ ޕިކުނިކަށް ކަމަށެވެ،
އަމްރީން
27 August 2025
މިހެން އެ ދެންނެވީ ސަބަބެއް ނެތިއެއް ނޫނެވެ. ގިނަ ކައުންސިލަރުން އޮފީހުގައި ހޭދަ ކުރާއިރަށް ވުރެ ގިނަ ވަގުތު ހޭދަ ކުރަނީ ކޮފީ މޭޒު ތަކުގައާއި، ހޮޅު އަށި ތަކުގައެވެ. ހަގީގީ މާނަވީ މަސައްކަތް ކުރާނެ ވަގުތެއް ނުލިބެއެވެ، ކައުންސިލްތައް މިގޮތަށް އޮޕަރޭޓް ވާތީ އަސްލު ރަށްރަށަށް ބޭނުންވާ މުހިއްމު ކަންކަންވެސް އެމީހުނަކަށް ނޭނގެއެވެ.
ޙަބު
27 August 2025
ބަރަހަނާ ވާނީ ސަރުކާރު
ބަލޫބު
27 August 2025
މަނިކުފާނޫ މިއޮތް ޑިޖިޓަލް ޒަމާނުގަ ލާރި އަކީ ޑިޖިޓަލްކޮށް ޓްރާންފާ ނޫނީ ކާޑުން ކަނޑާ ޒަމާން. މިޒަމާނުގައި ފިޒިކަލް ލާރި ނަގަން އޭޓީއެން އަޅާފަ މެގަ ޕޮރޮޖެކްޓަކަށް ނުވާނެ. އޭޓީއެމް ބަހައްޓަން 6 ލައްކަ މަނިކުފާނު ދަތުރަށް 8 ލައްކަ. ދެކޮޅު ނުޖެހޭ ނޫންތޯ
އެޑްމުންޑޯ
27 August 2025
ރައީސް ވިދާޅުވާ ހުރިހާ ވާހަކައެއް ގަބޫލެއްނުކުރެވޭނެ ، މީހެއްގެ ކަރުގައި ހިފާ ތާށިކޮއްފައި ބަހައްޓާފައި ކުކުޅުރިހާ ބަތް ކާށޭ ބުންޏަސް ކިހިނެއްކާނީ ، ހަގީގަތުގައިވެސް ހުރިހާ ބާރެއް މައިސަރުކާރުގެ ބާރުގެ ދަށައް ޖަމާކުރަން އުޅުމަކީ ހިތާމަހުރިކަމެއް ، ރައީސް ދައްކާ ވާހަކަތަކާއި އަމަލުތަކާއި ދިމާނުވޭ ، ގެނާ ބަދަލުން ކައުންސިލްތަށް ބާރުވެރިވަނީތޯ ނިކަމަތިވަނީތޯ ބަލަންތިބި ރައްޔިތުންނަށް ވާނުވާ އެބައިގޭ ،
އަފްރާސިޔާބު
27 August 2025
އޭކީއްވެ ގަބޫލު ނުކުރެވެނީ. ގަބޫލު ނުކުރެވޭ ސަބަބެއްވެސް އޮންނާނެތާ؟ ބަރާބަރަށް ރަނުން ރަނަށް އެދަނީ ކޮށްދެމުންކަން ރައްޔިތުން ގަބޫލުކުރާއިރު ތިހެން ބުންޏަސް މަށަށް ނޭގޭ.
އަލީމްގ
27 August 2025
ރަށުގަ ސްވިމިން ޕޫލް އަޅަންވީމަ އެނގޭނީ ރަށު މީހުންނައް، މާލޭން ގޮތަް ނިންމާފަ ކައުންސިލައް އަންގާކައް ނުޖެހޭ
ހެހެހެހެހެ
27 August 2025
ސަޅި