ރަޔޯ ވަޔެކާނޯގެ ކެޕްޓަން އިސީ ޕަލަޒޯން: އޭނާ ބުނީ ބާސާއާ ޖެހުނީމަ ރެފްރީންނަށް އަބަދު ގޯސް ހެދެންވީ ކީއްވެހޭ
01 ސެޕްޓެމްބަރ 2025 - 11:46
ބާސެލޯނާއާ ޖެހޭއިރު ރެފްރީންނަށް އަބަދު ގޯސް ހެދެނީ ކީއްވެތޯ، ރަޔޯ ވަޔެކާނޯގެ ކެޕްޓަން އިސީ ޕަލަޒޯން ސުވާލު އުފައްދައިފި އެވެ.
މެޑްރިޑްގެ ވަޔޭކަސް ސްޓޭޑިއަމްގައި ބާސާއާ ދެކޮޅަށް ވަޔެކޯނޯ ރޭ ކުޅުނު މެޗު އެއްވަރުވީ 1-1 ންނެވެ.
އެ މެޗުގައި ބާސާ ސަލާމަތްވީ އެ ޓީމަށް ދިން ސުވާލު އުފެދޭ ޕެނަލްޓީއަކުންނެވެ. ވީއޭރް ޗެކް ކުރެވެން ނެތް ހާލަތުގައި ކުޅުނު އެ މެޗުގައި ލަމީން ޔަމާލް އަށް ވަޔެކާނޯގެ ކުޅުންތެރިން ފައުލު ކުރިކަމަށް ބަލައި ރެފްރީ މަޓޭއޯ ބުސްކެޓްސް ބާސާ އަށް ޕެނަލްޓީ ދިނެވެ.
އެކަމަކު އެއީ ހަމަ ހަގީގަތުގައި ވެސް ފައުލެއް ތޯ ވަޔެކާނޯގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ސުވާލު އުފެއްދި އެވެ.
ފުރަތަމަ ހާފުގައި ދިން އެ ޕެނަލްޓީން ބާސާ ލީޑް ނެގި އެވެ. ހާފު ބްރޭކަށް ފަހު ދަނޑަށް ނުކުތުމުގެ ކުރިން ޓީމުގެ ކުޅުންތެރިންނާ އެކު ޕަލަޒޯން ދެއްކި ވާހަކަ ކެމެރާތަކަށް ފޯރި އެވެ.
"ރެފްރީ އެއްބަސްވެއްޖެ އޭނާ އަށް ގޯސް ހެދުނުކަން،" އެހެން ކުޅުންތެރިންގެ ކައިރީ ޕަލަޒޯން ބުނެ އެވެ.
މެޗަށް ފަހު އޭނާއާ އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން ބުނީ އެކަހަލަ ކިތަންމެ ހާދިސާއެއް ވެސް އޭނާ އަށް ކިޔައި ދެވިދާނެ ކަމަށެވެ.
"އޭނާ [ރެފްރީ] އަކީ ވެސް އިންސާނެއް. އަދި އޭނާ އަށް ވެސް ގޯސްކޮށް ކަމެއް ކުރެވިދާނެ. އެކަމަކު މިއީ ކިހާބޮޑު އިއްތިފާގެއް އަބަދު އެއްބަޔަކާ ޖެހޭއިރު ރެފްރީންނަށް ގޯސް ހެދުން،" އޭނާ ބުންޏެވެ.
"އޭނާ [ރެފްރީ] ބުނި އެއީ އޭނާ އަށް އެކަނި ހެދުނު ގޯހެއް ކަމަށް. އެއީ ވީއޭރް ނެތުމުން. ރެފްރީ އަށް އުނދަގުވާނެ (ވީއޭއާރް ނެތުމުން). އެކަމަކު އާހިރުގައި ކަން ނިމޭއިރު ގޯސް ހެދެނީ އެއްބަޔަކާ ޖެހުމުން."
އޭނާ ބުނީ މިދިޔަ އަހަރު ބާސާގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރެފްރީންގެ ފަރާތުން ގޯސްތައް ފެނުނު ކަމަށެވެ.
ރޭގެ މެޗުގެ ދެވަނަ ހާފުގައި ރަޔެކާނޯއިން ނަތީޖާ ހަމަހަމަ ކުރީ ފްރާން ޕެރޭޒް ޖެހި ލަނޑުންނެވެ.
ކުޅުނު ތިން މެޗުން ބާސާ މޮޅުވީ ދެ މެޗުންނެވެ. އިންޓަނޭޝަނަލް ބްރޭކަށް ލީގު މެދުކަނޑާލި އިރު ކުޅުނު ތިން މެޗުން ވެސް މޮޅުވީ ރެއާލް މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފެއަރޕްލޭ
01 September 2025
މަ ރޭގަ ތިމެޗް ބެލިން. އެއީ ރަނގަޅު ޕެނެލްޓީ ދޭންޖެހޭ ފައުލެއް. ބޯޅަ ކުޅޭ މީހަކަށް ވާތީވެ އެނގިގެން މިބުނަނީ
ފަލާޒޯ
01 September 2025
މޮޅުވިނަމަ ރެފްރީ ވަރަށް އިންސާފު ވާނެ.
މުލޭ
01 September 2025
ރެއާލް މެޑްރިޑް މަތިން ހަނދާން ނެތުނީތަ!. ރެއާލް ތިކަމުގައި ކުރިހޯދާފައި އޮތީ.
ރޮނާލޑޯ
01 September 2025
އެތާ ކުޅޭ މީހުނައް ވުރެ ބޮޑައް ޒަމާނަކުން އެތަން ލޮލުން ނުދެކޭ މީހާއައްވެސް ކަން ކަން އިނގޭތީ ދެރައީ