ައަފްޣާނިސްތާނަށް ރޭ އައި ބިންހެލުމުގައި މަރުވި އަދި ޒަހަމްވި މީހުން ހޯދައި، ހޮސްޕިޓަލްތަކަށް ގެންދިއުމުގެ މަސައްކަތް މިއަދު ކުރަނީ. -- ފޮޓޯ: އޭއެފްޕީ
01 ސެޕްޓެމްބަރ 2025 - 15:36
އަފްޣާނިސްތާނުގެ ފަރުބަދަމަތީ ސަރަހައްދަކަށް ރޭ ދަންވަރު އައި ބާރުގަދަ ބިންހެލުމެއްގައި މިހާތަނަށް 800 އަށް ވުރެ ގިނަ މީހުން މަރުވެ 2500 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
މި ބިންހެލުމުގެ އަސަރު ވެރިރަށް ކާބުލް އާއި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދާ ހިސާބަށް ވެސް ކުރި އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ މި ބިންހެލުމުގެ އަސަރު 1.2 މިލިއަން މީހުންނަށް ކޮށްފައި ވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
ތާލިބާނުން ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަން ޒަބީހުﷲ މުޖާހިދު ވިދާޅުވީ، ބިންހެލުން އައި ތަނާ ކައިރިން، އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދުގެ ކުނާރު ޕްރޮވިންސުން އެކަނިވެސް ގާތްގަނޑަކަށް 800 މީހުން މަރުވެ 2،500 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
މީގެ އިތުރުން ނަންގަރްހާރު ޕްރޮވިންސުން އިތުރު 12 މީހަކު މަރުވެ، 255 މީހުން ޒަހަމްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު އަބްދުލްމަތީން ކާނީ އޭއެފްޕީއަށް ވިދާޅުވީ ގިނަ ގެތަކެއް ހަލާކުވެފައިވާ ކަމަށެވެ.
އަފްޣާނިސްތާނުގެ ގިނަ މީހުން ދިރިއުޅެމުން ދަނީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ފުރުސަތު ބޮޑު ސަރަހައްދުތަކުގައި، މަށިން ގަލުން ހަދާފައި ހުންނަ ގެތަކުގަ އެވެ.
އދ.ގެ މައިގްރޭޝަން އެޖެންސީން އޭއެފްޕީއަށް ބުނި ގޮތުގައި އެންމެ ބޮޑަށް ގެއްލުންވެފައިވާ އަދި ދުރުގައި އޮތް ކުނާރު ޕްރޮވިންސްތަކުގެ ބައެއް އަވަށްތަކަށް ދަތުރު ނުކުރެވޭ ވަރަށް މަގުތައް ވެސް ބިންހެލުމުގެ ސަބަބުން ހަލާކުވެފައިވާ ކަމަށެވެ.
ތާލިބާނުންގެ ކަމާބެހޭ އިދާރާތަކާއި އދ. އިން ވަނީ ގެއްލުން ލިބުނު ސަރަހައްދުތަކުން މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތައް ފަށައިފަ އެވެ. ޑިފެންސް މިނިސްޓްރީން ބުނީ މިހާތަނަށް 40 ފްލައިޓް މިޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy