ފަސްޓްލޭޑީ ސާޖިދާ މުހައްމަދު: މަސްއަރު ކަންކަމަށް ދަރިވަރުން ހޭލުންތެރިކުރަން ކަމާ ގުޅޭ އިދާރާތަކަށް ގޮވާލެއްވި.
01 ސެޕްޓެމްބަރ 2025 - 22:46
ގައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި މައްސަރުކަންތަކާ ގުޅޭ ގޮތުން ދަރިވަރުން ހޭލުންތެރިކުރުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު، ކަމާ ގުޅޭ މުއައްސަސާތަކަށް ގޮވާލައްވައިފި އެވެ.
"އެމްބްރޭސިން ވެލްނަސް: އަ ހޯލިސްޓިކް އެންޑް އެވިޑެންސް ބޭސްޑް އެޕްރޯޗް ޓު އަންޑަސްޓޭންޑިން އެންޑޯމެޓްރިއޯސިސް އިން ލައިޓް އޮފް ކަރަންޓް ރީސާޗް" ގެ ނަމުގައި ބޭއްވި ސިލްސިލާ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވަނީ އެ މަސައްކަތު ބައްދަލުވުމުން ލިބުނު ފިލާވަޅުތަކުގެ އަލީ ގައުމީ އެކްޝަން ޕްލޭން އެކުލަވައިލެއްވުމަށް އެދިވަޑައިގެންފަ އެވެ.
ފަސްޓް ލޭޑީ ވަނީ ފަރުވާ ދިނުމުގައި ހުރި ފުރުސަތުތަކާއި ބަލި ދެނެގަތުމުގެ އުކުޅުތަކާއި އެންމެ ފަހުގެ ދިރާސާތަކާ މެދު ހޭލުންތެރިވުމަކީ ފަންނީ ބޭފުޅުންގެ މައްޗަށް އޮތް އިހްތިޔާރެއް ނޫން ކަމަށާއި އެއީ ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
އެންޑޯމެޓްރިއޯސިސް ބަލި ތަހައްމަލު ކުރަމުންދާ އަންހެނުންގެ ވިލުންތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ފަސްޓް ލޭޑީ ވިދާޅުވީ އަންހެނުން ފަންނީ އަދި ގެވެށި ޒިންމާތައް އަދާކުރަމުންދަނީ ހަމަހިމޭންކަމާއެކު އިންތިހާ ވޭން ތަހައްމަލުކުރަމުން ކަމަށެވެ.
އެންޑޯމެޓްރިއޯސިސްގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ އަދި ނަފްސާނީ އުނދަގޫތަކާއި އެ ބަލި ދެނެނުގަނެވުމާއި މައްސަރުކަންތަކާ ގުޅިގެން އޮންނަ ތައައްސަބުތަކުގެ މައްޗަށް ވެސް ސާޖިދާ އަލިއަޅުއްވާލެއްވި އެވެ. އަދި ދުރާލައި ބަލި ދެނެގަނެވުމާއި އޯގާތެރިކަމާއެކު ފަރުވާދިނުމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ.
އެކަމާ ގުޅުން ހުރި ސިޔާސަތުތަކަށް ރާއްޖެ އިން ގެނެސްފައިވާ އިސްލާހުތަކަށް މަރުހަބާ ދަންނަވައި ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ އެންޑޯމެޓްރިއޯސިސް އާއި ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމަށް ދޭ ފަރުވާ އާސަންދާގައި ހިމެނުމަކީ ހަމަހަމަ ގޮތެއްގައި ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ފަސްޓް ލޭޑީ ސާޖިދާ ވަނީ އެންޑޯމެޓްރިއޯސިސްއާ ގުޅޭގޮތުން ދައްކަން ޖެހޭ ވާހަކަތައް ދެއްކުމާއި އަންހެނުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް އަޑުއުފުލުމުގައި ސާބިތުވެ ތިއްބެވުމަށް ގޮވާލައްވައިފަ އެވެ. އެ ނިންމާލި ބަައްދަލުވުން ވާންޖެހޭނީ ހަމައެކަނި މަޝްވަރާކުރުމުގެ މަންސައަކަށް ނޫން ކަމަށް ވިދާޅުވެ، އެއީ ސިއްހީ ނިޒާމު އިސްލާހުކުރުމަށް ލިބޭ ހިތްވަރެއްގެ ގޮތުގައި ބޭނުންކުރުމަށް ވެސް ސާޖިދާ އެދިވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިކަންވެސް
03 September 2025
މައްސަރުކަންކަމާ، ބާލިޣުވީމާ ކުދިންނަށް ކަންކަން ދީނީ ގޮތުން ކުރަންވާގޮތް މިހާރަކު ނޭނގޭ. މިއީ ބޮޑު ކަމެއް. އާއިލާއިން އެކަންކަން ކިޔައި ނުދެންޏާ ކުޑަމިނުން ތަޢުލީމީ ނިޒާމުގެ ތެރެއިން، އިސްލާމް ފިލާވަޅުގެ އިތުރުން، ވަކިން ލައިފް ސްކިލް އެއްގެ ގޮތުގަ ފުރާވަރަށް އަރާ ކުދިންނަށް ކިޔަވައިދޭންޖެހޭ.
ސޭފްސްޕޭސް
02 September 2025
ލަދުކަނޑާފަ ތިވާހަކަ ކުދިންކާރީގަ ދައްކާށޭ ކިޔަކަސް އަދި އެހެނެއް ނުވާނެ. އެހެން ނުބުނެ ސޭފް ސްޕޭސްއެއް ކްރިއޭޓްކުރުން މާ ރަނގަޅުވާނެ ކުދިނަށް އައިސް ވަކި މުދައްރިސެއް ކައިރީ ތިވާހަކަ ދައްކައި އޮޅުން ފިލުވައި ހަދަން. ބޮޑެރި މީހުނަކަށްވެސް ދެޖިންސު މަސްހުނިކޮށްފަ ބޮޑު ޖަލްސާ މާލަމަކަށް ލީމަ ނުކެރޭނެ ތި މައުލޫއާ ބެހޭގޮތުން އޯޕަންކޮށް ސުވާލުކޮށް ހަދާކަށް. އެއީކީ މައްސަލައެއްނޫން. ފުރާވަރުކުދިންއަދި ބޮޑެތި މީހުންވެސް ސޭފްސްޕޭސްއެއްގަ ސުވާލުކުރާނެ.
އައިކެއާ
02 September 2025
ދީނީގޮތުން މިކަން އެނގެން ޖެހޭވަރަށް މީހުންނަށް މީގެ މައުލޫމާތު އެނގޭނަމަ އެންޑޯއާއި އަދިވެސް އަންހެނުންގެ އެހެން ބަލިތައް ތަންކޮޅެއް އަވަހަށް ދެނެގަނެވޭނެ. އިސްލާމް ފޮތް ހުޅުވާލީމަ ހަމަ ހައިރާންވޭ މިމައުލޫމާތުތައް ޥޯޓާ ޑައުން ކޮށްލާފަ ހުންނަ މިންވަރު ފެނިފަ.
ޝެލަރީ
02 September 2025
މުޖުތަމައު ގަބޫލްކުރާ ދޮގުނުހަދާ ތެދުބަހުން ވާހަކަދައްކާންވެސް ދަސްކޮށްދޭންޖެހޭ
ޕްރެކްޓިކަލް
02 September 2025
ލަދު ކެނޑޭކަށް ކޮންމެހެން ނުޖެހޭ. ސްކޫލްތަކުގަ އަންހެން ފިރިހެން ވަކިން މިވާހަކަތައް ކިޔައިދޭން ޖެހޭ. ފިރިހެން ކުދިންވެސް އިހުތިލާމް ވީމަ ހިނައިގަންނަން ޖެހޭ. އަދި އިހުތިލާމް ނުވެ ދެން ފައިބާ އެއްޗެއް ފޭބީމަ ތާހިރުވާން ހަދަންވާ ގޮތްވެސް ދީނުގަ އަންގަވާފަ އެބަ އޮވޭ. ސްކޫލްތަކުން އަދި ޕޭރެންޓުންވެސް ދެޖިންސު ކުދިން ވަކިން ބައިތިއްބައިގެން މި ކިޔައިދޭން ޖެހޭ. ވަކިންތިބީމަ ސުވާލުކުރަން ބޭނުންނަމަ ސުވާލުވެސް ކުރަނ ކެރޭނީ.
ސަޖާ މުހައްމަދު
02 September 2025
މައްސަރުކަންތަކުގެ ކަންތައް އެބަޖެހޭ ގާތުން ބަލަން. އެއީ ފަރުވާ ކުޑަކުރެވޭނެ ކަމެއްނޫން، މިހާރު އުފެދެމުން އަންނަށް ކުދިންނަށް ދަރިން ލިބުމުގެ އުދަގޫ ކުރިމަތި މިވަނީ މިފަދަ މައްސަލަތައް ބޮޑުވުމުގެ ސަބަބުން.
ފާތިމަތް ޒުހައިރާ
02 September 2025
މެޑަމް ސާޖިދާ ފާހަގަ ކުރެވެނީ އަބަދުވެސް އަންހެނުންގެ ކުރިއެރުމާ އަންހެނުންނަށް ދިމާވާ ކަންކަމުގަ އަޑުއުފުލާ މީހެއްގެ ގޮތުގަ. މީ އަހަރުމެން އަންހެނުންނަށް ނަމޫނާ މެޑަމްއެއް
މަރުޒޫގް
02 September 2025
އަންހެން ކުދިންގެ ކަންކަން ވަރަށް ގާތުން ބަލަންޖެހޭ، އަދި ޓީޗަރުންނާ ދަރިވަރުން މިކަންކަމަށް ހޭލުންތެރިކުރަންޖެހޭ
ބައިސްކަލް
02 September 2025
ދިވެހިރާއްޖޭގައި މިފަދަ ކަންކަބް ޓެބޫ އަކަށްވެފަ އޮތުން ނިމުމަކަށް ގެނައުމަށް ހޭލުންތެރިކަން ވ މުހިންމެވެ
ބުރުދާ
02 September 2025
ތިއީ ކުރަން ލާޒިމުކަމެއް. އެކަމަކު އައްޗި ކަމަކަށް ހަދާލާފަ މައިންބަފައިން ޒިންމާއިން ރެކިގެން ތިބެނީ. ކުދިންނަށް މިކަން ކިޔައދީ އަމަލީގޮތުން ކުރުވަންޖެހޭ. ޖުނުބުން ނުވަތަ ހައިޟުން ހިނައިގަންނަން ނޭނގި ކުއްޖާ ކުރާ އަޅުކަމެއް ސައްހަ ނުވާނެކަން ކުއްޖާއަށް އެނގެންޖެހޭ. ހަމަމިއާއެކު ނަޖިހުން ތާހިރުވާނެ ގޮތްވެސް ކިޔައިދޭން ޖެހޭ..