އަފްޣާނިސްތާނަށް އައި ބިންހެލުމުގައި މަރުވި އަދި ޒަހަމްވި މީހުން ހޮސްޕިޓަލްތަކަށް ގެންދިއުމުގެ މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ
02 ސެޕްޓެމްބަރ 2025 - 15:33
އަފްޣާނިސްތާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،400 އަށް އަރާފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.
މެގްނިޓިއުޑް 6.0 ގައި ހުރި ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ޕާކިސްތާނުގެ ބޯޑަރާ އިންވެގެން އޮންނަ ކުނާރު ޕްރޮވިންސަށެވެ.
ފުން ވާދީތަކުގައި އާދައިގެ ގޮތަކަށް ހަދާފައިވާ މަށީގެ ގެތައް ވެއްޓި ބައެއް އަވަށްތައް އެއްކޮށް ބިމާ ހަމަވެފައި ވާއިރު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އެކަމަކު ބިންހެލުމުގެ ގެއްލުންތައް ވެފައިވަނީ އެކަހެރި ހިސާބަކަށް ކަމަށް ވެފައި މަގުތައް ބަންދުވެފައި ވާތީ އެހީގެ މަސައްކަތަށް ވެސް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފަ އެވެ.
މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެ އެވެ. މަރުވި މީހުން ވަޅުލުމަށް ގެންދަނީ ހެލިކޮޕްޓަރުގަ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި ބިންހެލުން އައިސްފައި ވަނީ ޖަލާލާބާދާ ގާތްގަނޑަކަށް 27 ކިލޯމީޓަރު (17 މޭލު) ދުރަށް، ބިމުގެ އަޑިން އަށް ކިލޯމީޓަރު އަޑިން ކަމަށެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ގެއްލުންތައް ވަޒަންކޮށް، އިމަޖެންސީ އެހީ ފޯރުކޮށްދިނުމަށާއި، އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އދ. އިން މިހާރުވެސް ވަނީ އިމަޖެންސީ ރެސްޕޯންސް ފަންޑުން ފަސް މިލިއަން ޑޮލަރު ދޫކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy