ކުޑަހުވަދޫ ބަނދަރުމަތީގައި އަޅާފައިވާ ދޯނިތަކެއް: ގައުމީ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދަން ޓީމުތަކުން ވަނީ ރަށްރަށަށް ދަތުރުކުރަން ފަށާފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
07 ސެޕްޓެމްބަރ 2025 - 15:00
ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ މާސްޓަ ޕްލޭން އަންނަ އަހަރުގެ ކުރީކޮޅު ލޯންޗުކުރާނެ ކަމަށާއި އެކަމުގެ މަސައްކަތަށް ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޓީމެއް ވެސް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް، "ވިލުންތެރި ރާއްޖެ" ޓީމުން މިއަދު ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ 20 އަހަރުގެ ތަރައްގީގެ ގައުމީ މާސްޓަ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށަން ކެބިނެޓުން ނިންމީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.
ގައުމީ ތަރައްގީގެ ޕްލޭނަށް އާއްމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންސަލްޓެންސީ ފާމް، ނެކްސިއާ މޯލްޑިވްސް އިން އިއްޔެ ވަނީ ރަށްރަށަށް ދަތުރުކުރަން ފަށައިފަ އެވެ. އޭގެ ތެރެއިން 10 ޓީމަކުން މީހުން ދިރިއުޅޭ 186 ރަށަށް މި އަހަރު ނިމުމުގެ ކުރިން ޒިޔާރަތްކޮށް އާއްމުންނާއި ކަމާގުޅޭ ފަރާތްތައް އަދި ވިޔަފާރިވެރިންނާ ބައްދަލުކޮށް ހިޔާލު ހޯދާނެ އެވެ.
އޭގެ އިތުރުން، ތަފާތު އެކި ބައްދަލުވުންތަކާއި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ވެސް ތަރައްގީގެ ޕްލޭނަށް ހިޔާލު ހުށަހެޅޭނެ އެވެ.
އެ މަސައްކަތްތަކުގެ މައުލޫމާތު ދޭން، ނޭޝަނަލް ޑިވެލޮޕްމަންޓުގެ ޕަބްލިކް ރިލޭޝަންސް ޓީމުން ބޭއްވި ބައްދަލުވުމުގައި، ޕްރޮޖެކްޓު ލީޑު މުހައްމަދު ނަޒީފު ވިދާޅުވީ އުމްރާނީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްގީއާ ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ނިންމާނެ ކަމަށެވެ.
އެއަށްފަހު، އަންނަ ޖެނުއަރީ މަސް ނިމޭ ހިސާބުގައި އެ ޕްލޭން ލޯންޗުކުރާނެ ކަމަށް ނަޒީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާއްމުންގެ ހިޔާލު ހޯދުމުގެ އިތުރުން ގައުމީ ތަރައްގީގެ ފައިނޭންޝަލް ޕްލޭން ހެދުމަށް ފަސް ބޭފުޅުން ހިމެނޭ ބޭރުގެ ތަޖުރިބާކާރުންގެ ޓީމެއް ވެސް ވަރަށް އަވަހަށް ރާއްޖެ އަންނާނެ އެވެ. އޭގެ ތެރޭގައި އިގުތިސޯދާއި މާލީ ކަންކަން އަދި ޖިއޯ ކޮންސަލްޓަންޓެއް ވެސް ހިމެނެ އެވެ.
ނަޒީފު ވިދާޅުވީ އެ ޓީމުގެ ހަރަދުތައް ހަމަޖައްސަނީ ވެސް ބޭރުގެ ބައެއް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ގައުމީ ތަރައްގީގެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ބަދަލުތައް ގެންނާނެކަން އިއުލާންކުރައްވައިފަ އެވެ. އޭގެ ދަށުން މޮނިޓަރިން ފްރޭމްވޯކާއި ފައިނޭންޝަލް ޕްލޭން އަދި އިމްޕްލިމެންޓޭޝަން ފްރޭމްވޯކެއް ހަދާނެ އެވެ.
ނަޒީފު ވިދާޅުވީ ގައުމީ ތަރައްގީގެ ޕްލޭން ހެދުމުގެ މަރުހަލާތައް އެއްކޮށް ނިމޭނީ އަންނަ ޖޫން ހިސާބުގައި ކަމަށެވެ. އޭގެ ކުރިން، އާއްމުންގެ ރުހުން އޮތްކަން ވެސް ކަށަވަރުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވާންޗޯސް
08 September 2025
މާސްޓަރޕްލޭން ހަދައިގެން މަސައްކަތް ކުރެވޭނީ ޕްލޭނަކަށް މަސައްކަތް ކުރަން އެނގޭ ބަޔަކަށް. ތިމާ ފާށަ މަޝްރޫޢުތަށް ނޫނަސް ތަރައްގީގެ މަޝްރޫޢުތައް ކުރިއަށްގެންދަން އެނގޭބަޔަކަށް. ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު، ތިލަފުށީގައި އަގުބޮޑު ބޮޑެތި މަޝްރޫއުތަކެއް ފަށާފަ އޮއްވާ ތިމާގެ މަޝްރޫއަކަށް ނުވާތީ އެކަން ބާއްވާފަ ރަސްމާލެހިއްކަން ފެށިބައެއް. ދާކޮންމެރަށަކަށް އެއަރޕޯޓްއަޅަން ނިންމާބައެއް. ތީހަމަ ކޮންސަލްޓަންސީ ކިޔާފަ 1.7މިލިއަން ރުފިޔާގެ ކޮރަޕްޝަނެއް.
ރުންކުރު
08 September 2025
ވެރިކަން ހަވާލުކުރީމަ މިސަރުކާރުން އަމާ ބުނީތީ ފަރަށް ގޮއްސަ އައިސް އެއުޅެނީ އަނެއްކާ ކައުންސިލް އިންތިހާބުގައިވެސް ވޯޓު ދޭށޭ ބުނަން. ކޮބާ ނިގުޅައިގަތް ރައްޔިތުންގެ ޙައްޤުތައް؟؟ އެއްވެސް ލަދެއް ހަޔާތެއްވެސް ހަމަ ނެތީއޭ!!
ޖައިޝަމް ސލޑ
07 September 2025
މިވެރިކަމައް ތާޢީދު އެބައޮތް ނަމަވެސް މިނޫން ބަޔަކައް ނުވާނެ މިކަމެއް އަދި މިކަން ގަބޫލުވެސް ކުރަން ވީމާ ހަމަވަރައް ކަޝަވަރު މާސްޓާރ ޕްލޭން ތައް ކާމިޔާބު ކުރާނެކަމުގެ.
ހުއްޓި
07 September 2025
ބޭކާރު ކަންކަމާ ނޫޅޭ. ކިތައް މާސްޓާރ ޕްލޭން ކިތައް ސަރުކާރުން ހަދައިފި.
އަހުމަދުބޭ
07 September 2025
ތިހެން މިހާތަނަށް ހެދި އެއްވެސް މާސްޓަރ ޕުލޭނެއް ކާމިޔާބްވެފަކާ، ބަޔަކަށް ލާރިތަކެއްދީގެން ތިކަން ކުރެވިދާނެ، ކޮންމެ ފަސްއަހަރަކުން ވެރިކަމަށް އަރާބަޔަކު މާސްޓަރ ޕުލޭންހަދައިގޮތަށް ނޫންތޯ މިގައުމުގެ ކަންކަން ތަރުުތީބްވެފައި މިއޮންނަނީ، ގަނޫނު އަސާސީއަކީވެސް ހަމަ މާސްޓަޕުލޭންހެން އެއިރެއްގައި ވެރިކަމަށް އަރާބަޔަކަށް ފަހިވައިގޮތަށް މޮޑެންއޮތް ފުއްގަޑެއްނޫންތޯ
އުދުހޭ
07 September 2025
އެތައް މިލިޔަނެއް ޚަރަދުކޮށްފަ ހެދި އިއްޒުއްދީނު ފާލަމަށް އަހަރު ނުވަނީސް މަގުފުޅާކުރަން އެފެށީ. ދެން އަނެއްކާޖެހޭނީ ފާލަން ހަދަން؟ ފްލޭން ލިޔާއިރު އޭތިން ހިރަފުސްފޮޅަންޖެހޭނެކަން ލިޔައްޗޭ.
މާމަ އަައްބާސް ވިލާތުކުންނާރުގެ ހދ.ކުޅުދުއްފުށި
07 September 2025
ކަައުންސިލް އިންތިހާބަށް ޖަހާ ކަޑައެއް
މިވިސްނުން ރަނގަޅު މިތިބިމީހުނާއެކު ނަތީޖާ ފެންނާނެބާ؟
07 September 2025
އެއްޕާޓީ ހާވާހަޑިއަކަށް ވުން ވަރަށް ގާތް، މިކަމަކީ ވިޔަފާރިވެރިން އަދި ތަރައްގީއަށް ލޯބިކުރާ ޒިންމާދާރު މީސްމީހުންގެ ބަސްއޮވެގެން ކުރާކަމަކަށް ނުވިއްޔާ، ފަހުން ގޯސްވާނެ.
ރާވެރިބެ
07 September 2025
ކޮބާ ކިހާ މޮޅު! އިއްޔެ ބުނީ މާސްޓަޕްލޭން ހަދަން ރައްޔިތުންގެ ޚިޔާލު ހޯދާވާހަކަ. މިއަދު އެބުނީ 3 މަސް ފަހުން މާސްޓަރޕްލޭން ލޯންޗް ކުރާވާހަކަ. މިހާރު އޮންނާނީ ޗާޕަށް ދީފަ. ރައްޔިތުންގެ ޚިޔާލޭ ކިޔަނީ ރީތި ކޮށްލަން. މިގައުމުގަ މިކަހަލަ ކަންކަން ނިންމާނީ އެންމެ މީހެއްގެ ޚިޔާލަށް. އެއޮތީ ނުން ރަސްމާލެ ވެސް ފަށާފަ!
ސަހަރޯއި
07 September 2025
ކޮންމެ 5 އަހަރަކުން މާސްޓަރޕްލޭންހަދާ ވިިވިހީގެ ތަސައްވުރުހަދައި ނިމުނުއިރު ވީކަމަކީ ފުނާއަޅާއަޅާ ބޯތަލަވުންއެކަނި. ބޮޑެތިރަށްރަށުގައި ކަޑަޖަހައި ކުދިރަށްރަށަށް ބޭކާރުހަރަދުކޮށް ގައުމުދަރައި ވިކިހުސްވުން. ދުރުވިސްނުމެއް އެއްގޮތަކަށްވެސްނެތް.