އައްޑޫ މަރަދޫފޭދޫއަށް މިއަދު ހެނދުނު އެރި ނަގޫރޯޅީގައި ފުރާޅެއް އެއްލާލާފައި. -- ފޮޓޯ: ފޭސްބުކް/މުހައްމަދު އިމްތިޔާޒް
08 ސެޕްޓެމްބަރ 2025 - 12:20
އައްޑޫ، މަރަދޫފޭދުއަށް މިއަދު ހެނދުނު އެރި ނަގޫރޯޅީގައި ގެއްލުންވި ހަ ގެއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެންޑީއެމްއޭ އިން ބުނީ ހަ ގެއަކަށް ލިބުނު ގެއްލުންތައް ބަލައި އައްޑޫ ސިޓީ ކައުންސިލާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ އޮތޯރިޓީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ގެއްލުން ލިބުނު ގެތަކުގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް އަވަށު އޮފީހާއި އެމްއެންޑީއެފް ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އެ ގެތަކުގެ މީހުން ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ ކަންކަން ބޭނުންނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މިއަދު އައްޑޫ ސިޓީ މަރަދޫ ފޭދޫއަށް ނަގޫ ރޯޅިއެއް އަރާ ގެެއްލުން ލިބުނު 6 ގެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން އެންޑީއެމްއޭ އިން ދަނީ ކުރަމުން pic.twitter.com/ayG7I5fCL1
— NDMA Maldives (@NDMAmv) September 8, 2025
އައްޑޫ ސިޓީ ކައުންސިލުގައި މަރަދޫ ފޭދޫ ތަމްސީލުކުރައްވާ ކައުންސިލަރު ހާލިދާ މުހައްމަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ނަގޫރޯޅި އެރީ ހެނދުނު 9 ޖެހިއިރެެވެ.
އެ ނަގޫރޯޅީގައި މީހުން ދިރިއުޅޭ ބައެއް ގެތަކުގެ ފުރާޅު އެއްލާލައި ބައެއް ގޭގޭގެ ވަށާ ފާރު ވެއްޓުން ފަދަ ގެއްލުންތައް ލިބުނު ކަމަށް ހާލިދާ ވިދާޅުވި އެވެ. އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރޫޫރރ
08 September 2025
ހއ.މުރައިދޫ އަށް ޖުލައިމަހު އެރި ރޯޅީގައި ފުރާޅު އެއްލާލި އެއްވެސް ގެއަކަށް ސިޓީ އެއްނޫންވީމަ ކަމަށް ވެދާނެ ތިޔަ ތާކުން އަދިވެސް ނޭގެ އެއްވެސް އެހީ އެއްވީކަމެއް،