އައްޑޫ ހަންކެޑެ ބްރިޖު: އައްޑޫގައި އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅަން ބޭނުންވާ މީހުންނަށް އެކަމަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
10 ސެޕްޓެމްބަރ 2025 - 13:34
އައްޑޫގެ އަމިއްލަ ގޯތިތަކުގައި ހައުސިން ޔުނިޓް އަޅަން ބޭނުންވާ މީހުންނަށް އެކަމަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅައިދޭން އެ ސިޓީގެ ގިނަ ބަޔަކު އެދެމުން އަންނަ ކަމަށެވެ. އެހެންވެ، ސަރުކާރުން ވަނީ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ރާވާފައި ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅަން ބޭނުންވާ އައްޑޫގެ ހުރިހާ އަވަށެއްގައި ދިރިއުޅޭ މީހުން މި މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ސިޓީ ކައުންސިލްގެ އިއުލާނުގައި ވަނީ އެދިފަ އެވެ.
ހައުސިން ޔުނިޓް ހަދަން ސަރުކާރުން ވައުދުވެފައިވާ ރަށްރަށުގައި، ރައްޔިތުން ބޭނުން ނަމަ އެ މީހެއްގެ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅައިދޭނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެއީ އަމިއްލަ ގޯއްޗެއް އޮވެ، އެތަނުގައި އިމާރާތެއް އެޅުމުގެ ތަނަވަސްކަން ނެތް ނަމަ އެވެ.
ސަރުކާރުގެ އެ ސިޔާސަތުގެ ދަށުން ހދ. ކުޅުދުއްފުށްޓާއި އެ އަތޮޅު ނޮޅިވަރަންފަރުގައި، އެ ރަށްރަށުގެ މީހުންގެ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އަޅައިދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަން ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެ ދެ ރަށުގައި އެ މަސައްކަތް ކުރަނީ އެޗްޑީސީއާ ހަވާލުކޮށްގެންނެވެ.
ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ މި ދައުރު ނިމެންވާއިރަށް ހައްލުވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޭނަ
11 September 2025
މިއީ ވަރަށް ރަގޅުކަމެއް. އަމިއްލަ ގޯތީގައި އުޅެވޭވަރުގެ ގެއެއް އެޅޭނެ ގޮތެއްނެތިފަތިބި އެތަށް ބަޔަކު އެބަތިބި.
އަފްރާސިޔާބު
10 September 2025
ހަމަ ވޯޓަށް ކަހާ މައްކާރު މަޅި. ތިޔައިންވެސް ކަމެއްވާނީ ގޯތީ ކުދިންނަށް. އެމީހުންތާ ރައީސް ވަށައިގެން އެނބުރޭނީ.
މުޑަހަންޖާ
10 September 2025
އެތައް އަހަރެއްގެ މަސައްކަތުން ފޮޓޯއިން ތިޔަހަރަ ފެންނަ އައްޑޫ ބުރިޖު ހައިވޭ ބޮޑުމަގު އެހާ ފުރިހަމައަށް ހަދާ ނިންމިއިރު ހުޅުވާފައިވަނީ ކ.މާލޭކޮޅުން މީހަކު ކުރި އެންމެ ޓުވީޓަކުން. އެކަމަކާހެދި ތިމަގުގެ ފޮޓޯއެއް ފެންނަ ކޮންމެފަހަރަކު އަހަރެމެނަށް ގިސްލާފައި އެބަ ރޮވޭ. އެހެންވީމާ ތިމަގުގެ ފޮޓޯ ނޫހުގައި ނުޖަހަން އަހަރެމެން އާދޭހާއެކު މިއެދެނީ.
ާއައްޑޫ މީހާ
10 September 2025
ޢައްޑޫ ސިޓީ ލިޔެފަ ދެން މިއޮތީ ހދ. ކުޅުދުއްފުށިއޭ ބަލަ އެއި ވެސް ސިޓީ އެއް ނޫންތަ؟
އައިސަން
10 September 2025
ބޯހިޔާވަހިކަމޭ ކިޔައިގެން މީހުންގެ ގެދޮރު އަޅައިދޭން މިއުޅެނީ؟ މީދެން ކޮރަޕްޝަން ނޫން އެހެން ކޯޗެއް؟ ހުސް ވައްކަން ހުސް ވައްކަން
ކަބަޑުނާ
10 September 2025
ކ.ހުޅުމާލޭގައި ވިޔަފާރި އުސޫލުން ބޯހިޔާވަހިކަމޭ ކިޔާފަ އެތައް ބިލިއަނަކަށް މާސިންގާ 25 ބުރީގެ ޓަވަރު އަޅާފައި ކުލިނުދައްކާ އެހުންނަނީ. އެއުސޫލުވެސް އެހެން ރަށްރަށަށް އޮންނަން އެބަޖެހޭ.
ދިއްދާ
10 September 2025
މިހާރު ބުރިޖު އަޅާ ނިމުނީތަ. އަނެއްކާ އިތުރު އިންޖީނުގެއެއްވެސް ހިމަނާލާތި. ތިއީ ކަރަންޓު ވަރަށް ތާށިކޮށް އުޅޭ ސަރަހައްދެއްވީމާ. ލޮލް
މަ ބުނީ
10 September 2025
އަމިއްލަ ބިމުގައި ފުލެޓު ނުވަތަ ރޯ ހައުސް އަޅައި 25 އަހަރު ވަންދެން ކުލިދަންކަން ދެކޮޅުނުޖެހޭ ކަމެކެވެ.
ރާވެރިބެ
10 September 2025
ކޮބައިތޯ ފައިސާ؟ ދިވެހި ސަރުކާރަކު ނެތް ތިފަދަ ކަންކަން ކުރާނެ ތަނަވަސް ކަމެއް. ދެންހަމަ ކޮންމެ އިންތިޚާބަކާ ދިމާކޮށް މޮޅެތި ހެޑްލައިން ހެދިޔެއް ކަމަކު ތިހުންނަނީ މިއިން ޒަމާނަކު ވާނެ ކަމެއް ނޫން. ތި އިއުލާން ކުރުމުން ވަރަށް ގިނަ މީހުން އެމީހުންގެ ގޯތީގަ ހައުސިން ޔުނިޓް އަޅަން އެދޭނެ. ދެން ތި ލިސްޓު އޮންނާނީ ފައިލުގަ. އެހެން އޮއްވާ ދެން އަންނަ ސަރުކާރުން ބުނާނެ ލިސްޓު ކަމަކު ނުދެޔޭ. ޖެހެނީ އިސްލާހު ކުރަންށޭ. ދެން ދާނީ އެކަހަލަ ގޮތަކަށް.
ޗދޗދ
10 September 2025
އިހަށް ޚަބަރު ކިޔާލަބަލަ
ކަނެކެޑެ ކޫދައް.
10 September 2025
އައްޑޫ ހަންކޮޅު ބުރިޖް އަކީ މިހާރު ރައްޖޭގައި އޮތް އެންމެ ކުރު އެންމެރީތި ބުރިޖް. ރައީސް މުއިއްޒު އައްޑޫގައި އަޅަން ނިންމާފައިވާ ބުރިޖަކީ ސައުުއޭޝިޔާގައި ކަނޑުމަގުން ދެ ރަށް ގުލާލަން އަޅާ އެންމެ ދިގު އަދި އެންމެ ރީތި ބުރިޖަށްވާނެ. އައްޑޫ ހުޅުމީދޫ ބުރިޖް ވެގެންދާނީ ރައްޖޭގެ ރައީސަކު ހިންގާ އުމްރާނީ އެންމެ ބޮޑު ތަރައްޤީގެ ޕްރޮޖެކްޓަށް.
އަހުމަދު09
10 September 2025
އައްޑޫ ގެރައްތަކަށް އައްޑޫމީހުން ކިޔަމުން ދާ ނަންތައްބަދަލުކުރުމު އެއްވެސް ބާރެއް އިޙުތިޔާރެއް ކަލެޔައްދިނީކާކު ؟ ދުނިޔޭގައިވާ އެއްމެހަރުކަށި އިބާރާތުންބކުއްވެރިކުރަން . އަދި ތިޔަކޮމެންޓު އިސްލާހުކުރަން މިހާރުއަށް ގޮވާލަން . އެހެންނޫނީ މަޢާފަތް އެދޭ .
ޓޯޕޭ
10 September 2025
ތިގޮތަށް ފޯރމް ތަކެއް ފުރުވި ގޯތި ދޭން ވެސް. ގޯތި ދޭނެ ލިސްޓް ވެސް ވަނީ ނެރެފަ އެކަމަކު މި އަދާ ހަމައަށް އެ ގޯތި ލިބޭ މީހުންނަށް ގޯތި ލިބުނު ހެނެއް ހީނުވޭ. އަދި އެލިސްޓަށް ވީ ގޮތެއް ވެސް ނޭނގޭ. ފުރަތަމަ އެ އަށް ވީ ގޮތެއް ރައްޔިތުންނަށް ސާފު ކޮށް ދިނުން މާ ރަނގަޅު ކަންނޭނގެ.