އައްޑޫން މިހާތަނަށް ދޫނުކޮށް ހުރި 41 ފްލެޓަށް ފުރުސަތު ހުޅުވާލައިފި

އައްޑޫގައި، ސަރުކާރުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން މިހާތަނަށް ދޫނުކޮށް ހުރި ދެ ކެޓަގަރީއެއްގެ ފްލެޓްތަކަށް ފޯމު ހުށަހަޅަން އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.


މި ފްލެޓްތަކުގެ ތެރޭގައި ހިމެނެނީ ހިތަދޫގައި ހެދި 264 ފްލެޓްގެ ތެރެއިން ޑީ ކެޓަގަރީގައި ހިމެނޭ 32 ފްލެޓާއި ހުޅުދޫގައި އިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން ސީ ކެޓަގަރީގައި ހިމެނޭ ނުވަ ފްލެޓެވެ. މިއީ، ވިޔަފާރި އުސޫލުން ވިއްކާ ފްލެޓްތަކެވެ.

ހިތަދޫން ދޫކުރާ 32 ފްލެޓަށް ކުރިމަތިލެވޭނީ އެ އަވަށުގެ ރައްޔިތުންނާއި އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އަވަށުގެ ރަށްޔިތުންނަށެވެ. ހުޅުދޫން ދޫކުރާ ނުވަ ފްލެޓަށް ފޯމު ހުށަހެޅޭނީ އެ އަވަށާއި މީދޫގެ ރައްޔިތުންނަށެވެ.

ކައުންސިލުން ބުނިގޮތުގައި، މިއީ ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކައި ހަލާސް ކުރެވޭ ގޮތަށް ދޫކުރާ ފްލެޓްތަކެކެވެ.

އެގޮތުން، ފްލެޓް ލިބޭ މީހުން އެޑްވާންސްގެ ގޮތުގައި 19،000ރ. ދައްކަން ޖެހޭނެ އެވެ. އަދި 25 އަހަރު ދުވަހުން ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށް މަހަކު 3،000ރ. ދައްކަން ޖެހެ އެވެ. އަދި ފްލެޓްތަކުގެ މެއިންޓަނަންސް ފީ އަކީ މަހަކު 550ރ. އެވެ.

ކައުންސިލުން ބުނީ، ފްލެޓްތަކަށް ފައިސާ ދައްކައި ނިމެންދެން އެ ފްލެޓްތައް ރަހުނު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

ފްލެޓްތަކަށް އެދި ފޯމު ހުށަހަޅަން ބޭނުންވާ މީހުންނަށް މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.