އައްޑޫ ފްލެޓްތަކުގެ ޑައުންޕޭމަންޓް ބަހާލައިގެން ދެއްކޭނެ

އައްޑޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ދައްކަންޖެހޭ ޑައުންޕޭމަންޓް ދެ މަހަށް ބަހާލައިގެން ދެއްކޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.


މިހާރު ހަވާލުކުރަމުން އަންނަ ފްލެޓްތަކުގެ ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހެނީ 19،000ރ. އެވެ. ކައުންސިލުން ބުނިގޮތުގައި އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާތީ ފްލެޓްތަކަށް ވަންނަން ފުރަތަމަ 9،500 ދެއްކުމަށް ފަހު، ފަހު، ބާކީ ބައި ދެވަނަ މަހުގެ ތެރޭގައި ދެއްކިދާނެ އެވެ.

ހިތަދު އާއި ހުޅުދޫގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 19،000ރ. ދައްކަން ޖެހޭ އިރު، މެއިންޓަންސް ފީ ހިމަނައިގެން މަހަކު ދައްކަން ޖެހެނީ 3،550ރ. އެވެ. ފްލެޓަށް ފައިސާ ދައްކާ ހަލާސްކުރެވޭނީ 20 އަހަރުންނެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ހިތަދޫގައި 264 ފްލެޓް އަދި ހުޅުދޫގައި 48 ފްލެޓް އަޅާފައިވެ އެވެ. އެތަންތަނަށް ކުރިމަތިލާން ހުޅުވާލައި ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުން ކަނޑައަޅައި މިހާރު އަންނަނީ ފްލެޓްތައް ލިބުނު މީހުންނާ އެކް އެގްރިމަންޓް ހަދައި، ހަވާލުކުރަމުންނެވެ.

ކައުންސިލުން ބުނިގޮތުގައި އަމާޒަކީ މި މަސް ނިމުމުގެ ކުރިން ފްލެޓްތައް ހަވާލުކޮށް ނިންމުމެވެ.

ފްލެޓްތައް ހަވާލުކުރާ އިރު، އެތަނުގެ ކަރަންޓާއި ނަރުދަމާ އަދި ފެން ގުޅައިދިނުމަށް އެއްވެސް ފީއެއް ނުނަގާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި ފްލެޓްތައް ލިބުނު މީހުން އެތަންތަނުގައި ދިރިއުޅެން ފެށުމުގެ ކުރިން ފްލެޓްތަކުގައި އެއްވެސް މަރާމާތެއް ކިރަން ހުރި ނަމަ އެކަން ހައުސިން މިނިސްޓްރީގެ ސަމާލު ކަމަށް ގެނައުމުން މިނިސްޓްރީން އެކަންކޮށްދޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.