އީގަލްސްގެ ކޯޗު އަހްމަދު ނިމާދު: އޭނާ ބުނީ ގޮންޖެހުންތައް ހުއްޓަސް މާޒިޔާއަށް ވަރުގަދަ ފައިޓެއް ދެވޭނެ ކަމަށް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
14 ސެޕްޓެމްބަރ 2025 - 22:42
އާ ސީޒަން މާދަމާ ފަށާއިރު އީގަލްސް އަށް ރަނގަޅަށް ތައްޔާރު ވެސް ނުވެވޭ ކަމަށާއި ޓީމު ވެސް ފިޓް ނޫން ކަމަށް ކޯޗު އަހްމަދު ނިމާދު (ނިމާ) ބުނެފި އެވެ.
ޗެރިޓީ ޝީލްޑް މެޗުގައި އީގަލްސްއިން މާދަމާ ރޭ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. އީގަލްސްގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރިން އަދާކުރި ނިމާ ބުނީ ޓީމުގައި އުނދަގޫތަކެއް ހުއްޓަސް މާޒިޔާއާ ކުޅެން ޖެހިލުންނުވާ ކަމަށެވެ.
އޭނާ ބުނީ މާޒިޔާއިން ރާއްޖޭގެ ފުޓްބޯޅަ އަށް ކޮށްދިން ހިދުމަތް އަގުވަޒަންކުރާ ކަމަށެވެ.
މިދިޔަ ދެތިން އަހަރުގައި މާޒިޔާއާ އެންމެ ބޮޑަށް ވާދަކުރީ އީގަލްސް އެވެ. އެކަމަކު މިއަހަރު ސީޒަނަށް ކުރިމަތިލާއިރު އެ ޓީމަށް ވަނީ އުނދަގޫ ހާލަތެއް ކުރިމަތިވެފަ އެވެ.
ނިންމާ ބުނީ އެކަށީގެންވާ ވަރުގެ ޕްރީ ސީޒަނެއް ހަދާނެ މުއްދަތެއް ވެސް އީގަލްސް އަށް ނުލިބުނު ކަމަށެވެ. އެ ޓީމުން ޕްރެކްޓިސް ފެށީ ސީޒަން ފެށެން ކައިރިވެފައި ވަނިކޮށެވެ.
"އެންމެ ރަނގަޅަށް ތައްޔާރެއް ނުވެވެޔޭ ދަންނަވަން އޮތީ،" ނިމާދު ބުންޏެވެ. "އެހެންނަމަވެސް ނުކުންނާނީ މާޒިޔާ އަށް ހަމަ ރަނގަޅު ފައިޓެއް ދޭން."
އޭނާ ބުނީ ތައްޔާރީތަކުގައި އީގަލްސް އަށް ވުރެ މާ ފުރިހަމަ އަށް މާޒިޔާ ތައްޔާރުވެފައިވުމުން އެ ޓީމަށް އެޑްވާންޓެޖް ބޮޑުވާނެ ކަމަށެވެ.
މީގެ ކުރިން އީގަލްސްގައި ބޮޑު ސްކޮޑެއް އޮވެއެވެ. ބެންޗުން އަރަން ވެސް ގިނަ ޒުވާން ކުޅުންތެރިންތަކެއް ތިބެ އެވެ. ސީނިއާ ކުޅުންތެރިންގެ އިތުރުން "ޒުވާން ކުޅުންތެރިންގެ ބެކަޕް" ޓީމެއް ވެސް އެ ޓީމުގެ ސްކޮޑްގައި އޮވެ އެވެ.
ނިމާދު ބުނީ ކުރިން އީގަލްސްއިން ދެމެހެއްޓި ބެކަޕް ޔޫތު ޓީމާއި ޒުވާން ކުޅުންތެރިންނަށް ކުރިއެރުން ހޯދައިދިނުމުގެ ޕްލޭން މިހާރު ގެންގުޅެމުންދަނީ މާޒިޔާއިން ކަމަށެވެ.
އީގަލްސްގެ އެންމެ ބަލި ޑިޕާޓްމެންޓެއްގެ ގޮތުގައި އޮތީ ޑިފެންސްކަން ނިމާ ފާހަގަ ކުރި އެވެ. އެހެންވެ ބިދޭސީ ދެ ޑިފެންޑަރުން ގެންނަން މެނޭޖްމެންޓްގައި އޭނާ އެދުނެވެ. އެކަމަކު ގެނައީ ބިދޭސީ އެންމެ ޑިފެންޑަރެއް ކަމަށާއި އެ ޑިފެންޑަރުގެ ވެސް ފެންވަރު ދަށް ކަމަށް ނިމާ ބުންޏެވެ.
އީގަލްސް އަށް އޮތީ އެ މައްސަލަ އެކަންޏެއް ނޫނެނެވެ. ޓީމުގެ ބައެއް ކުޅުންތެރިން އަނިޔާގެ ސަބަބުން ކުރިއަށް މެޗުގައި ކުޅޭވޭނެކަމުގެ ޔަގީންކަން ވެސް ނެތް ކަމަށް ނިމާ ބުންޏެވެ.
"އީގަލްސްގެ ޕާފޯމަންސް ދަށްވެދާނެ. ޓީމު އެންމެ ފިޓެކޭ ވެސް ނުބުނެވޭނެ،" އޭނާ ބުންޏެވެ.
އެކަމަކު އެ ހުރިހާ ގޮންޖެހުންތަކާ އެކު ވެސް މާޒިޔާ ހިފަހައްޓަން އީގަލްސްއިން މަސައްކަތް ކުރާނެ ކަމަށް ނިމާދު ބުންޏެވެ.
"ވީހާވެސް ރަނގަޅަކަށް ތައްޔާރު މި ވަނީ މާޒިޔާ ކައިރީގައި ހިފެހެއްޓޭނެ ގޮތަކަށް ބަލަން. ވަރަށް އުނދަގޫ މެޗަކަށް ވާނެ،" އޭނާ ބުންޏެވެ.
ޗެރިޓީ ޝީލްޑް ކުޅޭތާ އެއްދުވަސް ފަހުން ފަށާ ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ މާޒިޔާއިން ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. ނިމާ ބުނީ އީގަލްސްގެ ސްކޮޑް ކުޑަވުމުން ކައިރިކައިރީގައި މާޒިޔާއާ ދެކޮޅަށް ކުޅެން ކުޅުންތެރިން ރިކަވާވެސް ނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުޖަޑާ
15 September 2025
މިހުރިހާ ކޯޗުންގެވެސް އޮންނަނީ ސުޒޭނުގެ އަނގަ، އޭނަގެ ސްޓައިލުގެ ވާހަކަދައްކަނީ. ތައްޔާރެެއްނުވެވެ، ފިޓެއްނުން އެކަމަކު ޖެހިލުމެއްނުވޭ. ނަސީބެއް މީނަ މީ ދޯންޏެއްގެ ކައްޕީއެއްނޫންކަން.