އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު--ފޮޓޯ: މަޖިލިސް
15 ސެޕްޓެމްބަރ 2025 - 11:35
ރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި ފެންނަ ނުފެންނަ ވޯޓް ނެގުމުގެ ބިލް (ރިފަރެންޑަމް ބިލް)ގެ އެއް ބޭނުމަކީ އިންތިހާބުތައް އެއްފަހަރާ ބޭއްވުން ކަމަށާއި އެއީ ދައުލަތަށް ހަރަދު ކުޑަވާނެ ކަމެއް ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިފަރެންޑަމް ބިލް ދިރާސާކޮށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވި ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ފަލާހު ވިދާޅުވީ އެ ބިލު އޮތްގޮތުން، ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބުގެ މަރުހަލާ މިހާރަށް ވުރެ ކުރުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ހަރަދުކުޑަވާނެ ކަމެއް ކަމަށެވެ.
"ކުރު ކުރުމުގެ ސަބަބުން، ދައުލަތުގެ ބަޖެޓުން 70 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ. އެެހެންވީމާ ދިވެހި ރައްޔިތުންނަށް މިއަދު ސާފުވާނެ އެމްޑީޕީއަކީ ހަރަދު ކުޑަކުރުމުގެ ސިޔާސަތު ޒައްޒެއްގެ މިންވަަރަށް ވެސް [ބޭނުންވާ] ބައެއް ނޫންކަން،" ފަލާހު ވިދާޅުވި އެވެ.
ރިފަރެންޑަމް ބިލު ފާސްކުރަން އެމްޑީޕީގެ މެމްބަރުން ވޯޓު ނުދޭނެ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން މިއަދު ވިދާޅުވުމުން، ފަލާހް ވިދާޅުވީ އެއީ އިންތިހާބުތަކަށް ދައުލަތުން ކުރާ ހަރަދު ކުޑަކުރުމާ ދެކޮޅަށް ކުރާ ކަމެއް ކަމަށެވެ.
އެހެން ނަމަވެސް ބިލަށް ވޯޓު ނުދޭނެ ސަބަބެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ އެ ބިލަށް ވޯޓު ނުދޭނެ ސަަބަބަކީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ދިރާސާކުރި އިރު، ޕީއެންސީއަށް ނިސްބަތްނުވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ފާޅުކުރެއްވި ކަންބޮޑުވުން ތަަކަށް ރިއާޔަތްކޮށްފައި ނުވާތީ ކަމަށެވެ.
މިއަދުގެ ޖަލްސާގައި މީކާއިލް ވިދާޅުވީ ރިފަރެންޑަމް ބިލު މިހާރު އޮތީ ހިޔާލު ހޯދުމުގެ ވޯޓުތަކުން ވަކި ނަތީޖާއެއް ނެރެން މަގުފަހިވާ ގޮތަށް ކަމަށެވެ.
އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ބިލެއް މަޖިލީހަށް ހުށަހެޅީ ރައީސް މަގާމުގެ ހުވާކުރައްވާ ދުވަސް ނޮވެމްބަރު 17 ގެ ބަދަލުގައި ނޮވެމްބަރު 11 އަށް ބަދަލު ކުރުމާއި ރިޔާސީ އިންތިހާބާއި މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ. ނަމަވެސް އެ ނޫން ވެސް ގައުމީ މުހިންމު ކަންކަމުގައި ވެސް ފެންނަ ނުފެންނަ ވޯޓަށް ދިއުމުގެ ފުރުސަތު އެ ބިލުގެ ދަށުން އޮވެ އެވެ.
އެ ބިލުގައިވާ ގޮތުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް އަހަން ޖެހެނީ ގާނޫނުއަސާސީގައިވާ އަސާސީ ހައްގުތަކަށް އިސްލާހު ގެނައުމާއި މަޖިލީހުގެ ދައުރާއި ރިޔާސީ ދައުރާއި ރައީސް އިންތިހާބު ކުރާ ގޮތާއި ރާއްޖޭގެ ސަރަަހައްދާ ގުޅޭ ކަންކަމުގަ އެވެ. އަދި ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާ ހާލަތްތަކުގައި ވެސް އެ ބިލުގެ ދަށުން ވޯޓު ނަގަން ޖެހެ އެވެ.
ގައުމީ މައްސަލަތަކުގައި އާންމުންގެ ހިޔާލު ހޯދަން ފެންނަ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ނަމަ، އެ ގާނޫނުގެ ދަށުން ހިޔާލު ހޯދަން ވޯޓަށް އެހިދާނެ ކަމަށް ބަޔާންކުރާއިރު އެފަދަ ހާލަތްތަކާއި އާންމުންގެ ވޯޓަށް އަހަން އެމަނިކުފާނަށް ލާޒިމުވާ ހާލަތްތަކުގައި އެކަން ކަނޑައަޅަން ޖެހެނީ ރައީސް ސޮއި ކުރައްވާ ނެރުއްވާ ގަރާރަކުންނެެވެ. އަދި ވޯޓަށް އަހަން ޖެހޭ ހާލަތެއް އޮތް ކަމަށް މަޖިލީހަށް ފެންނަ ހާލަތުގައި ވެސް ގަރާރެއް ފާސްކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ަސދފ
15 September 2025
ސަލާމަތް ވަނީކީނޫން އަސްލު..ޖީބަށް ލެވެނީ..
އ3ޮނަރަބްލް ކުރުސީ
15 September 2025
އެންމެ ހަރަދު ކުޑަގޮތް : ރައީސުލް ޖުމްހުރިއްޔާގެ މަގާމު ފިޔަވާ އިތުރު އެެއްވެސް މަގާމެއް މުއައްސަސާއެއް ނޯންނަގޮތަށް އަދި ސަރުކާރުގެ ބޭކާރު ކުންފުނިތަކާއި ސިޔާސީ 2000 ވަޒީފާ އުވާލީމައި 70 މިލިއަނުގެ 140 ގުނަ ހަރަދު ކުޑަވާނެ ޔައުނީ 140 މިލިއަން ބޭކާރު ހަރަދު ކުޑަވެގެންދާނެ . މިގޮތް ކިހިނެތްތޯ ؟
ފާނޫޒު
15 September 2025
ސަރުކާރުގައި ކަމެއް ނުކޮށް ތާއީދު ހޯދުމަށް ނަގާފައިވާ އެތައް ސަތޭކަ ސިޔާސީން ދޫކޮށްލަބަލަ، އޭރުން ކިތައް ހާސް އިތުރުވާނެ. އަނެއްކާ އިތުރު ވިޔަސް ކަމެއް ނުކުރަންޏާ ރައްޔިތަކަށް ފައިދާއެއް ނުވާނެ.
ބަކޭ
15 September 2025
ދެން އޮތް ސުވާލަކީ ތިގޮތަށް ސަލާމަތް ކުރާ 70 މިލިއަން ދާނީ ކާކުގެ އަންބޮނޑިއަކަށްތޯ.
ޔާންޓު
15 September 2025
ޔާމީނު ސަރުކާރުގައި ވެސް ދައުލަތަށް ލިބުނު ފައިސާއަކު ކުރިކަމެއް ވަރަށް މަދު، މާލޭގައި ކޮށްފައިވާ ކަމެއް ކުރީ އެތައް އަހަރަކުން ދައްކާގޮތަށް ލޯނު ނަގައިން، އެފަދަ ލޯނު ނެގުމުގެ ގާބިލުކަން ގެނެސްދިނީ، ނަޝީދު.
ފޫހި
15 September 2025
ކަލޭމެން ކާން އެއްޗެއް ނުލިބިގެން ތިއުޅެނީ. ދެން އެ 70 މިލިއަން ކާލާ.
އަފިހުންގޮއްޔެ
15 September 2025
އެއްވެސް އިންތިޚާބެއް ނުބޭއްވީމަ މާ ޚަރަދުކުޑަވާނެ! ލަދެއް ހަޔާތެއްހުރިނަމަ އެތައްސަތޭކަ ބޭކާރު ސިޔާސީ މަޤާމުތައް މަދުކުރީސް!!!
މިވެސް
15 September 2025
ދެ އިންތިޚާބާ ކުޅޭއިރު، ސަރުކާރުގެ ކުންފުނިތައަ މިނިވަން ކުރަން ވިސްނާބަލަ. ނޫނީ މިގޮތަށް އަބަދަކު ނުހިންގޭނެ ހުރިހާ ސިޔާސީ ވަޒީފާއެއް ލައިގެން.
އަލިބެ...
15 September 2025
އިންތިޚާބު ނުބޭއްވީމާ އަދި ތިއަށްވުރެ އިތުރައް ސަލާމަތް ވާނެ!
ބުލްބުލްބުލް
15 September 2025
ސަލާމަތް ކުރެވިދާނެ. މިހާރުވެސް ސަލާމަތް ކުރެވެ އެއްނުން ޕްރޮޖެކްޓްތައް ހުއްޓާލައިން މިހާރުވެސް. އެކަމު އެފައިސާ ދަނީ ސިޔާސީ މީހުންގެ ކަންކަމަށް. ގައުމު ކިރިޔާ ޑިފައުލްޓް ނުވާ ހިސާބުގަ އޮތިއްޔާ ހަމަ ކޮށްލައިން ތިޔަ ތިބެނީ
އާޕެ
15 September 2025
އިންތިހާބު އެއްކޮށްލުމުން ރިޔާސީ އިންތިހާބުގެ ގެ ވައުދު ހަދާންކުރާކަށްނުޖެހޭ . ރަށްރަށުގެ ރައްޔިތުންގެ ބޭނުންތަށް ކޮށްދޭކަށްނުޖެހޭ އެހެންވީމާ ތިއަށްވުރެ ބޮޑޮކޮށް ރުފިޔާ ސާލާމަތްކުރެވޭނެ . ރައްޔިތުންގެ ސަކުވާގެ އަޑުއެހުމުގެ ބޭނުންކެޑޭ.