ރާއްޖޭގެ އަހުސަންގެ ޝޮޓެއް ބްލޮކްކުރަން ތުރުކުމެނިސްތާން ކުޅުންތެރިޔަކު މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
26 މާޗް 2017 - 17:30
ތުރުކުމެނިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެ ރާއްޖޭގައި ކުރިއަށްދާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ނުލިބި ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު މުބާރާތުން ކަޓައިފި އެވެ.
ގައުމީ ފިރިހެން ޓީމަށް އަމިއްލަ ގައުމުގައި ބައިނަލްއަގްވާމީ މުބާރާތެއް ކުޅެން ލިބުނު ފުރަތަމަ ފުރުސަތުގައި، ސެމީ ފައިނަލުން ފުރުސަތު ނުލިބި ކެޓީ ތިން މެޗުން ވެސް ބަލިވެ ޕޮޮއިންޓެއް ނުލިބި އެވެ. މި މޮޅާ އެކު އަށް ޕޮއިންޓާ އެކު ލީގު ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަ ހޯދީ ތުރުކުމެނިސްތާނެވެ. ހަތަރު ޕޮއިންޓާ އެކު އޮތް ކިރްގިސްތާނާއި ތިން ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ނޭޕާލް ސެމީ ފައިނަލުގައި ކުޅޭއިރު ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.
ފުރަތަމަ މެޗުން ކިރްގިސްތާން އަތުން ސީދާ ތިން ސެޓުން އަދި ދެ ވަނަ މެޗުން ނޭޕާލް އަތުން 3-1 ސެޓުން ބަލިވި ރާއްޖެ އަށް ސެމީން ފުުރުސަތެއް އޮތީ މިއަދުގެ މެޗު ފަސް ސެޓަށް ނުގޮސް (ސީދާ ތިން ސެޓުން ނުވަތަ 3-1 ސެޓުން) މޮޅުވެ އަދި މާދަމާ ކިރްގިސްތާން އަތުން ފަސް ސެޓަށް ނުގޮސް (ސީދާ ތިން ސެޓުން ނުވަތަ 3-1 ސެޓުން) ނޭޕާލް ބަލިވެގެންނެވެ.
އަމިއްލަ ގައުމުގައި ކުޅެ ރާއްޖެ އަށް ސެމީއާ ހަަމަޔަށް ނުދެވުނުއިރު ރާއްޖެ ވަނީ ގައުމުގައި ބޭރުގައި ކުޅެ މުބާރާތުގެ ދެ ވަނަ އަދި ތިން ވަނަ މަގާމް ވެސް ހޯދައިފަ އެވެ. ހުނަރުވެރި ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ގިނަ ކުޅުންތެރިން ތިބި ނަމަވެސް ނަތީޖާ ނެރުމުގައި މި ފަހަރު ރާއްޖެއަށް ކާމިޔާބެއް ނުހޯދުނެވެ. ހާއްސަކޮށް ފުރަތަމަ ދެ މެޗުގައި އަތުގައި އޮތް ސެޓުތައް ވެސް ވަނީ ނުނިންމި ގެއްލިފަ އެވެ. އެ ދެ މެޗުގައި ވެސް ތަޖުރިބާކާރު ބައެއް ކުޅުންތެރިންނަށް ވަނީ ގޯސްތަކެއް ހެދިފަ އެވެ. ތަޖުރިބާކާރު ކުޅުންތެރިންނަށް މެޗު ޕްރެޝަރާ ކުރިމަތިނުލެވޭ މައްސަލައިގައި ޒިންމާ ނަގާ ކަމަށް ކޯޗު މުހައްމަދު ޝަރަފް ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ނިލާމްގެ ޝޮޓެއް ބްލޮކްކުރަން ތުރުކުމެނިސްތާން ކުޅުންތެރިޔަކު މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މިއަދުގެ މެޗުގެ ސެޓުތައް ތުރުކުމެނިސްތާން ކާމިޔާބުކުރީ 25-22، 25-15 އަދި 25-20 އިންނެވެ. ރާއްޖޭން މެޗު ފެށީ މިދިޔަ ދެ މެޗުގެ ފުރަތަމަ ހަޔެއްގައި ހިމެނުނު ޒުވާން ކުޅުންތެރިޔާ ހަސަން ނިލާމުގެ ބަދަލުގައި ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އަރުވައިގެންނެވެ. ރާއްޖޭން ލަސް ކުޅުމަކާ އެކު މެޗު ފެށުމުގެ ނަތީޖާއަކަށްވީ ކުރީކޮޅު ތުރުކުމެނިސްތާނުން ލީޑު ނެގުމެވެ. ފުރަަތަމަ ޓެކްނިކަލް ޓައިމް އައުޓަށް ދިޔައިރު 8-4 އިން ތުރުކުމެނިސްތާން ކުރީގައި އޮތްއިރު އޭގެ ފަހުން ރާއްޖޭން ތަފާތު ކުޑަކުރަން ފެށި އެވެ. އެކަމަކު ދެ ވަނަ ޓެކްނިކަލް ޓައިމް އައުޓް ނެގިއިރު ވެސް ތުރުކުމެނިސްތާން އޮތީ 16-14 އިިން ކުރީގަ އެވެ. ރާއްޖޭން ރަނގަޅަށް ކުޅުނުއިރު، ހާއްސަކޮށް ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ލޯންގޭ އާއި އަޝްފާގް އާދަމް (އައްކަޅޭ) ތަފާތު ދެއްކި ނަމަވެސް ތުރުކުމެނިސްތާން ވަނީ 25-22 އިން ފުރަތަމަ ސެޓު ކާމިޔާބުކޮށްފަ އެވެ.
ދެ ވަނަ ސެޓުގައި ތުރުކުމެނިސްތާން ފެނުނީ ވަރަށް ވަރުގަދަކޮށެވެ. މުޅި ސެޓު ޑޮމިނޭޓްކުރިއިރު ދެ ވަނަ ޓައިމް އައުޓް ނެގިއިރު އެ ޓީމު އޮތީ 16-8 އިން ކުރީގަ އެވެ. މި ސެޓުގައި ވެސް ކުރީ ދެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނިލާމް ބޭނުމެއް ނުކުރެ އެވެ. ރާއްޖޭގެ ގިނަ އެޓޭކްތައް ތުރުކުމެނިސްތާނުން ބްލޮކްކުރިއިރު، ރާއްޖޭގެ ޑިފެންސް ފެނުނީ ދަށްކޮށެވެ. ޖުމްލަކޮށް މުޅި ޓީމުގެ ފަރާތުން ގޯސްތަކެއް ފެނިގެން ދިޔައިރު މި ސެޓު ތުރުކުމެނިސްތާން ކާމިޔާބުކުރީ ތަފާތު ބޮޑުކޮށް 25-15 އިންނެވެ.
ތިން ވަނަ ސެޓުގައި ރާއްޖޭން ރަނގަޅު ރައްދެއް ދިނެވެ. އެކަމަކު ޖުމްލަކޮށް މުޅި ސެޓުގައި ތުރުކުމެނިސްތާނުން ރަނގަޅު ލީޑެއްގައި އޮތުމުން ރާއްޖެ އަށް ކުރިއެރުމުގެ ފުރުސަތެއް ނުލިބުނެވެ. ސެޓުގެ ފަހުކޮޅު ނިލާމްގެ މޮޅު ކުޅުމާ އެކު ރާއްޖޭން ތަފާތު ކުޑަކުރި ނަމަވެސް ތުރުކުމެނިސްތާން ވަނީ މި ސެޓު ވެސް ކާމިޔާބުކޮށް ރާއްޖެ ކަޓުވާލައި ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.
މި މުބާރާތުގެ އެންމެ ފުލަށް ރާއްޖެ ދިޔައިރު، އެންމެ ފަހުން ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގެ ތިން ވަނަ ރާއްޖޭން ހޯދި އެވެ. އެ މުބާރާތުގެ ތިން ވަނަ ހޮވާ މެޗުން ރާއްޖެ ވަނީ ނޭޕާލްގެ މައްޗަށް ކުރިހޯދައިފަ އެެވެ. މި މުބާރާތުން ރާއްޖެ ކެޓީ މެޗަކުން މޮޅުނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން
27 March 2017
ޝަރަފު ބުނި ހެކި އެބަހުއްޓޭ ލިބުނު ކުރިއެރުމުގެ. ދެންދޭ ހެކި ހިފައިގެން ސްޕްރީމްކޯޓަށް ސާބިތުކުރަން.
އައިޑަލް
26 March 2017
ރާއްޖެ ފައިނަލަށް ދާނެ ގޮތެއް އެބަ އޮތް. އެއީ އައިޑަލް ގޮތަށް އެސް.އެމް.އެސް ފޮނުވައިގެން ހޮވުން. މުބާރާތުގެ ގަވާއިދު ބަދަލުކޮށްލަން ފެނޭ.
ފޮނިބެ
26 March 2017
އަދިވެސް ފޮނީކަނޑާ. ވ އަތޮޅު 10 މީހުން ޓީމުގެ ތިބެގެން ވީ މޮޅެއް ކޮބާ؟ ލަންކާކޯޗު 3 ވަނަ ހޯދަދިނީމަ އޭނަ ބޭރުކޮއްލީ ! ކޮބާ ތާހިރު ވެއްޖެ! ޝަރަފު ޒިންމާ ނަގާފަ އިސްތިއުފަދީ. ބަޓިސްވެސް ދެން ހުއްޓާލަންވީ.
ކައުންސެލަރު
26 March 2017
މަރުހަބާ ގައުމީޓީމް. ކޯޗަށް ވަރަށްބޮޑަށް ސުކުރިއްޔާ ކުޅުންތެރިން ދަސްވެފައި ހުރިވަރު ބޮޑުކަމުން. ކޯޗް ގެންދާނެ ކޮންމެވެސް ބޭރުގައުމަކުން.ބޮޑަށްހީވަނީ ރަސިއާ ނޫނީ އެމެރިކާ. ސަބަބަކީ ތިހާމޮޅުކޯޗެއްގެ ބޭނުން އެމީހުންނަށް ބޮޑުކަމުން. ވެދުން
އޭވީސީ
26 March 2017
މިފަހަރު 4 ވަނަ ' މިދިޔަ އަހަރު 3 ވަނަ' އޭގެ ކުރީ އަހަރު 2 ވަނަ. ރާއްޖޭގެ ވޮލީ ދަނީ ދަށަށް. ކޯޗު ޝަރަފު އަދި ކެޕްޓަން ބަޓިސް އިސްތިއުފާ.
ސާލީހް / ސިޓި ސެންޓްރަލް
26 March 2017
ދިވެހިކުޅުންތެރިންނަށް ސެޓްނިންމަން ދަސްކުރާ ޓްރޭނިންގް ބޭނުންވޭ. ޑިލައިޓް އިސްތިއުފާ.
ކޮލޮމްބޯ
26 March 2017
ޕިންކްކުލަ ޖާރސީގައި ލީ ހިސާބުން މުބާރާތުން ކަޓައިފިއެވެ. ހުރިހާ އޮފިސަލުން ވަގުތުން އިސްތިއުފާދީ ސިޔާސީ ނޫން ބަޔަކާ ޓީމު ހަވާލު ކުރާށެވެ.
ވާފިރު
26 March 2017
އެންމެ ސެޓެއްވެސް ނުލިބިދޯ
ރަދީފް
26 March 2017
ނޫނޭ. މުބާރާތުގެ އަސްލު އެންމެ ބަލި ޓީމް (ނޭޕާލް) އަތުން ލިބުނު 1 ސެޓް. އެވެސްދެން ޔަހްޔާ ކާޅު ހިފާ ގޮތަށް.މިހާރު އެންމެ ބަލިޓީމުގެ މަގާމް ލިބުނީ ދިވެހިރާއްޖެއަށް. އަދި ލިބުނީ 1 ވަނަ މަގާމް.އެވެސް ފަހަތުން 1. ގޯހެއްނޫނެއްނުދޯ.
މިފަހަރު
26 March 2017
ސެޓްނިންމަން ދަސްނުކޮށްދޭތި ވާވަރުތި 3 ޕާހުން ޖެހޭނެ ސޮޓް ޖަހަން
ޢަބުދުﷲ
26 March 2017
ކޯޗު އަދި ކެޕުޓަން އިސްތިއުފާަ ދެއްވާ.