ރައްޔިތުންގެ މަޖިލީހުގެ އިދާރާ: ދައުރުން ބޭރުން މިއަދު ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
16 ސެޕްޓެމްބަރ 2025 - 09:56
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މިއަދު ބާއްވަން ނިންމާފައިވީ ނަމަވެސް ޖަލްސާ ބާއްވާނެ ވަގުތާއި އެޖެންޑާ މަޖިލީހުން އަދި އާއްމެއް ނުކުރެ އެވެ.
މަޖިލީހުގެ ރަސްމީ ޖަލްސާތައް އާއްމުކޮށް ފަށަނީ ހެނދުނު 9:00 ގަ އެވެ. އެކަމަކު، ދައުރުން ބޭރުގެ ޖަލްސާތައް އެކި ގަޑިތަކުގައި މީގެ ކުރިން ވެސް ބާއްވާފައިވެ އެވެ.
މަޖިލީހުން އެންމެ އިސްކަމެއް ދީގެން މިވަގުތު ކުރިއަށް ގެންދަނީ މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލުގެ މައްސަލަ އެެވެ.
މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީން ދިފާއުކުރާ އެ ބިލަށް ހުށަހެޅި އިސްލާހުތަކާ އެކު ދިރާސާކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރޭ ވަނީ ނިންމައި ފާސްކޮށްފަ އެވެ. ބެލެވޭ ގޮތުގައި މިއަދުގެ ޖަލްސާގައި ވޯޓަށް އަހާނީ އެ ބިލަށެވެ.
މީޑިއާ ބިލު އެކުލަވާލާފައި ވަނީ މިނިވަން މީޑިއާއަށް ހުރަސް އެޅޭ ގޮތަށް ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ނޫސްވެރިން ވަނީ ރައީސަށް ވެސް ހުށަހަޅައިފަ އެވެ. އަދި ބިލު ބޭރުކޮށްލަން އެދި ރައީސާއި މަޖިލީހަށް ގިނަ އަދަދެއްގެ ނޫސްވެރިންގެ ސޮޔާ އެކު ޕެޓިޝަނެއް ހުށަހެޅިޔަސް އެ ކަމަށް ބެލުމެއް ނެތި ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ވަނީ ނިންމާލައިފަ އެވެ.
އެކަމަކު ސަރުކާރުން ބުނެފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާ އިސްލާހުތަކާ އެކު، ރަނގަޅު އަދި ބޮޑެތި ބަދަލުތަކެއް އެ ބިލުން މިހާރު ފެންނާނެ ކަމަށެވެ. ބިލް ކޮމިޓީން މިހާރު ނިންމާފައި އޮތީ، ނޫސްވެރިން އެދުނު އިސްލާހުތަކާ އެކުގައި ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ރޭ ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަން އަލީ
16 September 2025
ހާދަ ބިރުން މިއުޅެނީ އެޖެންޑާވެސް ހާމަކޮށްލަން ނުކެރި.
ސަސި
16 September 2025
ކީއްކުރާ އެޖެންޑާއެއް؟ އެޖެންޑާ އެނގޭނެ ކަމާ ބެހޭ ފަރާތްތަލަށް