ރައީސް ޑރ. މުހައްމަދު މުއިއްޒު "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަނީ.
17 ސެޕްޓެމްބަރ 2025 - 16:39
ރާއްޖޭގެ ހާލަތު އޮތީ ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވައިފައިވާ ބޭފުޅުންނަށް ބޮޑެތި މާލީ އިނާޔަތްތަކެއް ދެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާ އެކު" ގެ ނަމުގައި ރައީސް އޮފީހުން ގެނެސްދޭ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އަބުރުވެރިކަމާ އެކު އުޅުއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އެކަމަކު އެ ބޭފުޅުންނަށް ވަރަށް ބޮޑު އިނާޔަތެއް ލިބިވަޑައިގަންނަވާކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އިނާޔަތްތައް ލިބެންވާނީ އެ ގައުމެއްގެ ނިސްބަތުން ދެވެން އޮތް މިންވަރަކުން ކަމަށެވެ. އެހެންވެ، ކުރީގެ ރައީސުންނަށް ލިބޭ ބައެއް އިނާޔަތްތައް އުނިކޮށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެެހެންވީމަ ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތަކަށް އެބަޖެހޭ ބަދަލުތަކެއް އަންނަން އެބަޖެހޭ. ބައެއް އިނާޔަތްތައް އުނިވާން އެބަޖެހޭ. އެއީ އަޅުގަނޑު ހިތުން ގައުމުގެ ހާލަތު އޮތްގޮތުން،"
ރައީސް ވިދާޅުވީ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައި ތިބޭ ބޭފުޅުންނަށް އެންމެ ދައުރެއްގައި މަސައްކަތް ކުރެއްވިޔަސް، ބޮޑެތި އިނާޔަތްތަކެއް ލިބޭ ކަމަށެވެ. އެކަމަކު އެއީ ވެސް އިންސާފުވެރިކަމާ އެކު ދެވޭ އިނާޔަތްތަކެއް ކަމަށް ރައްޔިތުން ގަބޫލު ނުކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ހަމަ އެއާއެކީގައި މަޖިލީހުގެ މެމްބަރުންނަށް މެމްބަރުކަމުން ދިޔުމަށް ފަހު މި ލިބޭ އިނާޔަތް ރައްޔިތުން ގަބޫލެއް ނުކުރައްވާ އިންސާވެރިކަމާ އެކު ލިބޭ އެއްޗެއް ކަމަށް. މިއަށް ވުރެ ކުޑަވާންޖެހޭ ކަމަށް ނުވަތަ މިއަށް ގޮތްތަކެއް ވާންޖެހޭ ކަމަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަަށް ގަބޫލު ކުރަނީ،"
ރައީސް ވިދާޅުވީ އެކި މުއައްސަސާތަކުގައި އުޅުމަށް ފަހު ރިޓަޔާކޮށް، ދައުލަތުގެ އެކި ތަންތަނުގައި ފުލް ޓައިމްކޮށް ވަޒީފާ އަދާކުރަމުންދާ ބޭފުޅުން ވެސް އެބަ ތިއްބެވި ކަމަށެވެ. އެކަމަކު ވަޒީފާއިން މުސާރަ ލިބޭ މުއްދަތުގައި އެމީހުންނަށް ރިޓަޔާމަންޓް ސްކީމުން ފައިސާ ލިބޭ ކަމަށެވެ.
އެހެންވެ، ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ބަދަލު ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.
އެ ބަދަލުގެ ދަށުން އިނާޔަތްތައް ލިބޭނީ ފަހުން އަދާކުރަން ފެށި ވަޒީފާއިން ވަކިވުމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި މަޖިލިސް ޗުއްޓީއަށްފަހު ހުޅުވުމުން އެ އިސްލާހުތައް ހުށަހަޅައި ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ އެވެ.
މިމަހުގެ ކުރީކޮޅު ރައީސް ވަނީ ކުރީގެ މެންބަރުންނަށާއި ކުރީގެ ރައީސުންނަށް ދައުލަތުންދޭ އިނާޔަތްތައް ކުޑަކުރަން، ވެރިކަންކުރާ، އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ މަޝްވަރާއަށް އެމަނިކުފާނުގެ ވިސްނުންފުޅު ހުށަހަޅުއްވައިފަ އެވެ.
ކުރީގެ ރައީސުންނާއި މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެމްބަރުންނަށް ދައުލަތުން ކުރާ ހަރަދު ބޮޑުވެ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދާދިފަހުން ކަންބޮޑުވުން ފާޅުކުރަން ފެށީ ކުރީގެ މެމްބަރުންނަށާއި މިހާރުގެ މެންބަރުންނަށް ދައުލަތުން ކުރާ ހަރަދުގެ ތަފާސް ހިސާބުތައް އާއްމުކުރުމާ ގުޅިގެންނެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މީހަކު ހޯދައި، ސޯޝަލް މީޑިއާގައި އާއްމުކުރި ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި ކުރީގެ މެމްބަރުންގެ ހެލްތު އިންޝުއަރެންސަށް އެކަނި ވެސް މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި 18 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެދޮރޭ
18 September 2025
ލައްބަ. ބޭނުންބަޔަކު ސަރުކާރުތެރެއިން ވައްކަން ކުރަން ދޫކޮށްލެވޭ ފަދަ ޙާލަތުގަ ގައުމުއޮތީ. އެކަން އެބަ ކުރަމެއްނު.
ދަރައިފި
18 September 2025
ޢަހަރުމެން ރަށު އާރުޑީސީގަ ގެންގުޅޭ 2 ބުރުމާ ބާއްވާ ގުދަނުގެ ސެކިޔުރިޓީ ބަލަހައްޓަން 8 ސެކިޔުރިޓީ ގާޑުން ދާދިފަހުން ތިބޭކަމަށްވަނީ. ފައިސް އޮތީމައެއްނު .
ނަންމ
18 September 2025
އެހެން ވެގެންތަ ކޮންމެ ހަފުތާއަކު ސިޔާސީ މީހުންތައް ވައްދަނީ
އަސްލަމްް
18 September 2025
އެމްޑީޕީ މިގައުމު ފުނޑާލީމަ ކޮން އިނާޔަތެއް ލިބޭނީ.
މޯޑުބެ
18 September 2025
މަނިކުފާނެއް ނޫންތޯ ސިފައިންނާއި ފުލުހުންގެ މުސާރަ އެތައް ގުނައެއް އިތުރުކުރެއްވީ. އެތައް މިނިއަނެއް މަހަކު.
ޖައިޝަމްް
18 September 2025
މި ގައުމު ފުނޑާލާފައި އިބޫ ފައިބައިގެންގޮިސް އެއޮތީނުން ބޮޑެތި އިނާޔަތްތަށް ބަކަށް ޖަހައިގެން.
ނާޑުވާ
18 September 2025
ތިޔަކަލަ ކިތަންމެ ވާހަކަތަކެއް ކައުންސިލް އިންތިޚާބު ކައިރި ވާވަރަކަށް އިވޭނެ. އުއްތަމަ ފަނޑިޔާރަށް ހަމަޖެއްސެވި ރިޓަޔަރމެންޓް ޕެކޭޖް އޯކޭ ދެތޯ. ހެޔޮއެދިގެން އުޅޭނަމަ ވާހަކައެއް ނޫން ދައްކާނީ ޢަމަލު ކުރާނީ. މައުމޫނުވެސް ދެ ދައުރަށްވުރެ ގިނަވީމަ ގޯހޭ ކިޔާލަ ކިޔާލަ ހުރެ އޭގެ ފަހުން އައި ދެދައުރަށް ވެސް ކުރިމަތި ލި. ހޮޅިވާހަކަ ތިޔައީ.
ރިބަންކެނޑުން ވަރަށް ޚަރަދުކުޑަކަމެއް އަސްލު
18 September 2025
އިހަށްދުވަހު އެއަރޕޯރްޓް ހުޅުވަން އެޖެހީ ކޮން ސަކަރާތެއް. ކޮންމެ މިނިސްޓަރަކުން ގެއިންކޭކެއް އަޅައިގެން އައިނަމަވެެސް އެކަންވީހެއްނު.
ކައުންސެލަރު....
18 September 2025
"ގައުމު އޮތީ ބޮޑެތި މާލީ އިނާޔަތްތައް ދެވޭނެ ހާލަތަކު ނޫން: ރައީސް" އެކަމަކު.... ޤައުމުއޮތީ އަމިއްލަ ފައިދާއަށް ސިޔާސީ މަގާމުތައް ގުނާ އަދަދު ނުކުރެވޭވަރަށް އުފައްދާ ހާހުން ލައްކައިން މިލިއަނުން ހަރަދުކުރެވޭ ހާލަތުގައި. ކައުންސެލަރު
ބަޑިތަކުރު
18 September 2025
ތާއީދުހޯދަން ނުވަތަ ވޯޓުހޯދަންވީމާ މި ގައުމަށްވުރެ މުއްސަނދި ގައުމެއް ނޯވެއެވެ. އެތައް މިލިޔަން ޚަރަދުކޮށްގެން ހިއްކާ ބިންތައް އެއްބަޔަކު ހިލޭ ބަހާ ހުސްކޮށްލީ ހިއްކާ ނުނިމިއުޅެނިކޮށެވެ. އިހަށްދުވަހު އެންމެބޮޑު ހޭދައެއް ހިނގާ އެންމެ މީހުންގިނަ އެއްތަނުގެ މީހުންގެ މުސާރަ ބޮޑުކޮށްލީއެވެ. މީގެކުރިން 2 ހާސްދިން ބަޔަކަށް 4 ހާސް ދޭން ނިންމީއެވެ. އެހެންވީމާ ދައްކާ ވާހަކަ ދެކޮޅު ދިމާވާތަނެއް ނުފެނެއެވެ.