ކުރީގެ ނައިބު ރައީސްގެ އެލަވަންސަށް ޝަރުތު ހަމަވަނީ ފައިސަލް އެކަނި
ކުރީގެ ރައީސުންގެ ގޮތުގައި މިހާރު ތިއްބެވި ފަސް ބޭފުޅުން (ކ-ވ) ޔާމީން، ނަޝީދު، އިބްރާހިމް މުހައްމަދު ސޯލިހު، މައުމޫން އަދި ވަހީދު
06 ޑިސެމްބަރ 2025 - 15:04
ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކަށް ކަނޑައަޅާފައިވާ 175،000ރ. ގެ ފައިސާގެ އިނާޔަތާއި އެކަމާ ގުޅޭ އެހެން ކަންކަން ވެސް ކަނޑާލައި އަދި އެ ބޭފުޅުންގެ އިނާޔަތް ދިނުމުގެ އުސޫލު ލިމިޓް ކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ސަރުކާރުން ހުށަހެޅި މި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލިހުން ފާސްކުރީ މި މަހުގެ އެއްވަނަ ދުވަހު އެވެ.
އެ ބިލް ރައީސް މިއަދު ތަސްދީގު ކުރެއްވުމާ އެކު، ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުގެ ބަޖެޓުން ކުރާ ހުރިހާ ހަރަދެއް ނިމުމަކަށް އައީ އެވެ.
އެ ބޭފުޅުން މުޖުތަމައަށް ފައިދާހުރި އިޖުތިމާއީ މަސައްކަތެއް ކުރެއްވުމަށްޓަކައި ބޭނުންފުޅުވެއްޖެ ހާލަތެއްގައި މަސައްކަތް ކުރައްވާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ވާނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައި ވާތީ މިހާތަނަށް އައީ އެ ހުރިހާ ކަމެއް ދައުލަތުގެ ބަޖެޓުން ކޮށްދެމުންނެވެ.
ކުރީގެ ރައީސުންގެ ގާނޫނަށް ހުށަހެޅި އިސްލާހަށް މިއަދު އަމަލު ކުރަން ފެށުމާ އެކު، ކުރީގެ ރައީސަކު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ އަދި ދައުލަތުގެ އެ ނޫން މަގާމެއް ވެސް އަދާކުރައްވާ ނަމަ އެ މުއްދަތަށް ކުރީގެ ރައީސުންގެ އިނާޔަތް ވެސް ދެން ލިބިވަޑައެއް ނުގަންނަވާނެ އެވެ. އަދި ކުރީގެ ރައީސަކު ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވަން ފައްޓަވައިފި ނަމަ އެ މުއްދަތަށް ދިވެހި ދައުލަތުން ހިމާޔަތާއި ރައްކާތެރިކަން ވެސް ދިނުން މިއަދުން ފެށިގެން ލާޒިމެއް ނުވާނެ އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތާއި ހިމާޔަތާއި ރައްކާތެރިކަން ދިނުމުގެ ބިލަށް ގެނައި އިސްލާހުގެ ދަށުން ވަނީ ކުރީގެ ނައިބު ރައީސުންނަށް ވެސް ހާއްސަ ބާބެއް ހިމަނައިފަ އެވެ.
އެހެންވެ، ފަސް އަހަރުގެ ރިޔާސީ ދައުރު ފުރިހަމަ ކުރައްވާފައިވާ ކުރީގެ ނައިބު ރައީސުންނަށް މިއަދުން ފެށިގެން ދައުލަތުން 30،000ރ. ގެ މާލީ އިނާޔަތާއި ރާއްޖެ އާއި ރާއްޖެ އިން ބޭރުން ސިއްހީ ހިދުމަތް ލިބިވަޑައިގަންނަވާނެ އެވެ.
އެކަމަކު، ރިޔާސީ ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި ބޭފުޅަކަށް މި ވަގުތު ހުންނެވީ އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގައި އެ މަގާމު ފުރުއްވި ފައިސަލް ނަސީމް އެވެ. ކުރީގެ ނައިބު ރައީސުންގެ އިނާޔަތުގެ ޝަރުތު ހަމަވަނީ ފައިސަލަށް އެކަނި ކަމަށް ވާތީ އެ މަނިކުފާނަށް ދައުލަތުން ދެން އިނާޔަތް ދޭން ޖެހޭނެ އެވެ.
ކުރީގެ ރައީސުންގެ ގާނޫނަށް ހުށަހެޅި އިސްލާހަށް މިއަދު އަމަލު ކުރަން ފެށުމާ އެކު، ކުރީގެ ނައިބު ރައީސަކު ވެސް ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ އަދި ދައުލަތުގެ އެ ނޫން މަގާމެއް ވެސް އަދާކުރައްވާ ނަމަ އެ މުއްދަތަށް ކުރީގެ ނައިބު ރައީސުންގެ އިނާޔަތް މަހުރޫމް ވާނެ އެވެ. އަދި ކުރީގެ ނައިބު ރައީސަކު ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވަން ފައްޓަވައިފި ނަމަ އެ މުއްދަތަށް ދިވެހި ދައުލަތުން ހިމާޔަތާއި ރައްކާތެރިކަން ވެސް ދިނުން މިއަދުން ފެށިގެން ލާޒިމެއް ނުވާނެ އެވެ.
ރައީސް ނުވަތަ ނައިބު ރައީސް މަގާމުގައި ހުންނެވިއިރު، ޖިނާއީ ކުށެއް ކުރި ކަން ސާބިތުވާ ވަގުތުން ފެށިގެން އެ ބޭފުޅުންގެ އަނބިކަލުން ނުވަތަ ފިރިކަލުންނަށް ވެސް ކުރީގެ ރައީސުންގެ ގާނޫނުގެ ދަށުން ދޭ ހުރިހާ އިނާޔަތަކާއި ރައްކާތެރިކަން ވެސް މިއަދުން ފެށިގެން ހުއްޓާލާނެ އެވެ.
ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވައިފައިވާ ބޭފުޅުންނަށް ދައުލަތުން ދެމުން އަންނަ ބައެއް އިނާޔަތްތައް ކުޑަކުރަން ސަރުކާރުން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މި އަހަރުގެ ސެޕްޓެމްބަރު 10 ގަ އެވެ.
ރައީސް ވިދާޅުވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށާއި މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ކުރީގެ ރައީސުންނަށް ދައުލަތުން ކޮންމެ މަހަކު ދޭ ބައެއް އިނާޔަތްތައް ކުޑަކުރަން ނިންމަވާފައިވާ ކަން ރައީސް މުއިއްޒު ކުރިން އިއުލާން ކުރެއްވުމުން އެކަމަށް ރިއެކްޓް ކުރެއްވި ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސުންގެ ތެރެއިން ނަޝީދެވެ.
ނަމަވެސް ނަޝީދު ހަމައެކަނި ވިދާޅުވެފައި ވަނީ ކުރީގެ ރައީސުންނަށް ދައުލަތުން ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ. އެ މައުލޫއުގައި މިހާތަނަށް ނަޝީދު އެ އަށް ވުރެ އިތުރަށް އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަޝީދުގެ އިތުރުން ކުރީގެ ރައީސް މައުމޫނާއި ވަހީދާއި ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހުންނެވީ ހިމޭނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
06 December 2025
އެމެރިކާގަ ކުރީގެ ރައީސުން އޮފީސް ހިންގިޔަސް ދިވެހިރާއްޖޭ ރައީސް ކަންކުރާ ކޮންމެ މީހެއް ދައުލަތުގެ ޙަރަދުގަ ވަކި އޮފީހެއް ހިންގަން ފައިސާދީގެން ނުވާނެ. އިޖުތިމާއީ ގޮތުން ޙިދުމަތެއް ކުރައްވަން ބޭނުމިއްޔާ އެކަމުގެ ޙަރަދު ހަމަޖައްސަންވާނީ އަމިއްލައަށް.
ރަމަ
06 December 2025
ދެންހުރި ޢިނާޔަތްތައްވެސް ކަނޑަންވީ މިއިނާޔަތްތައް ވަކި މުއްދަތެއްގެ ފަހުން ނުލިބޭގޮތް ހަދަން އެބަޖެހޭ ރައްޔިތުންގެ ފައިސާއަކީ މިމީހުންނަށް ވާރުތަވާ އެއްޗަކަށް ވެގެންނުވާނެ! ރައީސްކަން ކުރެއްވިއިރު ދޭންޖެހޭ ރައްކާތެރިކަމާއި ބޮޑުމުސާރައާއި ޢިނާޔަތްތައްވާނީ ދީނިމިފައި! އިތުރަށް އެއްވެސް އިނާޔަތެއްދޭކަށްނުފެނޭ! މީ ރައްޔިތުންގެ ޓެކްސް ފައިސާއިންކުރާ ވަރަށްބޮޑު އިސްރާފެއް!
އަންނ
06 December 2025
ތީގެން އަންނިއާ ވަހީދުވެސް އުނިކުރަންޖެހޭ
ަުދަބާނީ
06 December 2025
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނަށްދޭ އެލަވަންސް ވެސް ކަނޑާލަންޖެހޭ. އަދި ކޮންމެ 10 ހާސް މީހަކަށް ގޮނޑިއެއް ކަނޑަޅާ، މަޖިލީހުގެ މެމްބަރުންގެ ޢަދަދު މަދުކުރަންޖެހޭ.
ޖުއްބާ
06 December 2025
އަނެއްކާވެސް އަލްހަމްދުލިﷲ. އުފާވެރި ހަބަރުތައް ފުލުގުލުން... ކޮން އޮފީހެއް ކަލޭމެން ހިންގާކައްތޯ... ގޭގަ ތިބެބަލަ...
ބަބޫ
06 December 2025
ތިކަން ވަރަށް ފަސޭހައިންވާނެ. އެކަމަކު ކުރީގެ މަޖިލީސް މެމްބަރުންނަށް ދޭ އެލަނަވްސެއް ކަނޑައެއް ނޭޅޭނެ ތި މަޖިލީހަކުން ނަގާ ވޯޓަކުން
ނަނާ241
06 December 2025
ރައްޔިތުން ރައީސެއްގެގޮތުގައި ނުހޮވާ ރައީސުންނަށް ނުދޭންފާސްކުރިނަމަ ވ.ސަޅިވީސް. އުއްމީދުކުރަނީ އަދި އެކަންވެސް ކުރިއަށްއޮތްތާވާނެ ކަމަށް
ލާމަސީލު
06 December 2025
1 ދައުރު ހަމަނުކުރާނަމަ ރައީސަކަށްވެސް އަދި ނާއިބު ރައީސަކަށްވެސް ދޭކަށް ނުޖެހޭނެ. އެއްދައުރުގަ 3 ނާއިބުންވެސް ފެނިގެންދިޔަ. މިވާނީ ބޮޑު އިސްރާފަކަށް.
ކުރި
06 December 2025
ރައީސް ޔާމީން، ނަޝީދު، މައުމޫނު އަދި ސޯލިހް އަށް ވެސް އިގޭ ކުރިން ލިބެމުން އެދިޔަ 175000 ރުފިޔާގެ އިނާޔަތަކީ ޙައްޤު އެއްޗެއް ނޫންކަން. މީގެ ކުރިން ރައީސް ކަންކުރި އެކަކުވެސް އެންކަން ކުރަން ބޭނުން ނުވީ ދަހިވެތިކަން އޮތްލެއް ބޮޑުކަމުން. އެކަން ކުރަން ހަމައެކަނި މިކެރުނީ ރައީސް މުއިޒް އަށް. ރައްޔެތުން ގެ އިޙްސާސް ތަށް ދަންނަ ހަމައެކަނި ރައީސް.