ބަޖެޓު ފޮތް. ޓީބިލުގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ އިތުރަށް ވަނީ ވިއްކާފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
19 ސެޕްޓެމްބަރ 2025 - 15:21
މި އަހަރުގެ މިހާތަނަށް ޓީބިލުގެ ގޮތުގައި އިތުރަށް 4.3 ބިލިއަން ރުފިޔާ ވިއްކައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޑޮމެސްޓިކް އިންސްޓްރޫމަންޓް ނުވަތަ ޓީބިލާއި ބޮންޑުގެ ގޮތުގައި 86.2 ބިލިއަން ވިއްކާފައިވެ އެވެ. މި އަހަރު ފެށުނު އިރު އެ އަދަދު ހުރީ 82 ބިލިއަން ރުފިޔާގަ އެވެ.
މި އަހަރުގެ މިހާތަނަށް ޓީބިލްގެ ގޮތުގައި ފައިސާ ހޯދި އަދަދު އުޅެނީ 39 ބިލިއަން ރުފިޔާގަ އެވެ. އަދި އިސްލާމިކް އިންސްޓްރޫމެންޓްގެ ގޮތުގައި ވިއްކި އަދަދުން ދައުލަތަށް 4.1 ބިލިއަން ރުފިޔާ ހޯދާފައިވެ އެވެ.
މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައިވާ ގޮތުން، ފަސް ބިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައި އޮތީ ޑޮމެސްޓިކް މާކެޓުންނެވެ.
ސަރުކާރުން ކޮންމެ ހަފުތާއަކު އަންނަނީ ޓީބިލް ވިއްކަން ހުޅުވައިލަމުންނެވެ. ޓީ ބިލް ވިއްކަނީ އެއް މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށެވެ. އޭގެ އިންޓްރެސްޓް ރޭޓު އުޅެނީ 3.5 ޕަސެންޓާއި 4.6 ޕަސެންޓާ ދެމެދުގެ ރޭޓުތަކެއްގަ އެވެ. މި އަހަރުގެ ބަޖެޓުން ޓީބިލުގެ އިންޓްރެސްޓް ޕޭމެންޓުތަކަށް ތިން ބިލިއަން ރުފިޔާ ހޭދަކުރެ އެވެ.
ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ނަގާފައިވާ ޓީބިލާއި ޓީ ބޮންޑުގެ އަދަދު 95 ބިލިއަން ރުފިޔާއަށް އަރަ އެވެ. މި އަހަރު ފެށިއިރު އެ އަދަދު ހުރީ 91 ބިލިއަން ރުފިޔާގަ އެވެ.
މި އަހަރުގެ ބަޖެޓަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމަށްޓަކައި ފައިސާ ހޯދުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ޕްލޭންގައިވާ ގޮތުން 60 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ހޯދުމަށް ނިންމާފައި އޮތީ ބޭރުގެ މާލީ އިދާރާތަކުންނެވެ.
ރާއްޖޭގެ ޖުމްލަ ދަރަނި، މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު، 149 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ދަރަނީގެ ހިސާބުތަކުން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޮޅި އަބުޅޯ
19 September 2025
އިބޫ ދައުލަތް ދަރު ވާލިއްޔޭކީ މީހުން 5 އަހަރުގެ ވެރިކަން ނިމޭ އިރު އިބޫ ދަރުވާލި ވަރަށްވުރެން ބޮޑަށް މިގައުމު ދަރުވާލާނެ އެވެ. އިބޫ ވެރިކަން ކުރަންލިބުނު ހާލަތާއި ނުބައްދަލު އަދި އަޅާވެސް ނުކިޔޭނެ މިައަދުގެ ހާލަތު އެހެން ނަމަވެސް ފެނިގެންމިދަނީ ހިނގަމުން ދިޔަ ރަނގަޅު އިޤުތިޞާދެއް ހަވަލު ކޮށްފައި ދިޔައީމައިވެސް ހިންގަންނޭގިގެން އުޅޭ ނާގާބިލް ވާނުވާނޭގޭ ވެރިކަމެކެވެ. ކޮވިޑުގެ ހާލަތައްވުރެން މިއަދުގެ ހާލަތު ދަށެވެ. ލިބޭ އާމްދަނީ ގިނައެވެ.