ނިއުގެ ތިންވަނަ ލަނޑު ޖެހުމަށް ފަހު ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
19 ސެޕްޓެމްބަރ 2025 - 18:41
ހަތް އަހަރަށް ފަހު ދިވެހި ޕްރިމިއާ ލީގަށް އެނބުރ އައި ނިއު ރޭޑިއަންޓްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ޓީސީގެ މައްޗަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެއްޖެ އެވެ.
ޖެނުއަރީ 2019 ގައި އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމުން، އެ ޓީމު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި އެވެ. ދެވަނަ ޑިވިޝަނުގައި ދެ ފަހަރު ވާދަކޮށް އެ ޓީމު އަލުން ޕްރިމިއާ ލީގަށް އެނބުރި އައީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ދޫކޮށްލި ޖާގަ އަށް، ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުން ބަލިވި ދެ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ޓީމަށް ވުމުންނެވެ.
ފުރަތަމަ ޑިވިޝަނަށް، ނިއު އެނބުރި އައި މެޗުގައި އެ ކްލަބްގެ ސަޕޯޓަރުން ވަނީ ބެރު ދުންމާރީގެ އަޑު ފެށިގެން ނިމެންދެން ގުގުމާލާފަ އެވެ.
މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ މުހައްމަދު އިރުފާނެވެ. އޭރިއާގެ ތެރެއަށް ނިއުގެ ކުޅުންތެރިން ނެގި ބޯޅަ ލިބުނީ ރިހާމް އަބްދުލް ޣަނީ (ބޮބީ) އަށެވެ. ރިހާމް އެ ބޯޅަ ޖައްސާލީ އޭރިއާ ބޭރުގައި ހުރި އިރޭ އަށެވެ. އޭނާ ވަނީ އެއް ފަހަރުން ޖަހައި ގޯލްގެ މަތީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.
ނިއުގެ ދެވަނަ ލަނޑު ހިލޭ ޖެހުމަކުން ވައްދާލީ އަލީ ފާސރު (ސެންޓޭ) އެވެ. އޭރިއާގެ ބޭރުން ލިބުނު ބޯޅަ ސެންޓޭ ފޮނުވާލީ ގޯލްގެ ކަނަށްވާ ގޮތަށެވެ. ޓީސީގެ މިސްރުގެ ކީޕަރު މުހައްމަދު ހަސަން އަލް ބަސްތުވައިސީ އަށް އެ ބޯޅަ އަށް އެއްވެސް ކަމެއް ނުކުރެވުނެވެ.
އެ ޓީމުގެ ތިންވަނަ ލަނޑަކީ އޭރިއާގެ ތެރެއިން ސެންޓޭ ހުސްކޮށް އެރުމުން އޭނާ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ކީޕަރު އަލް ބަސްތުވައިސީ ފައުލު ކުރުމުން ދިން ޕެނަލްޓީ އެވެ.
ސިލްވާ، ޕެނަލްޓީން ނިއުއަށް ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: ފަޔާޒް މުސާ/ މިހާރު
ޕެނަލްޓީން އެ ލަނޑު ޖެހީ ބްރެޒިލްގެ ގިލްރޭމީ ސިލްވާ އެވެ.
ނިއުގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓްގައި ޖެހީ ސެންޓޭ އެވެ. ގިލްރޭމީ ސިލްވާ ހާފުގެ ތެރެއަށް އެރި ގޮތަށް ބޯޅަ އޭރިއާގެ ތެރެއަށް ނަގައި ދިނީ ސެންޓޭ ކުރީގައި ހުރުމުންނެވެ. އެ ބޯޅަ އަށް ހުރަސް އަޅަން ކީޕަރު އަލް ބަސްތުވައިސީ މަސައްކަތް ކުރި އެވެ. އޭނާގެ އަތުގައި ވެސް ބޯޅަ ޖެހުނެވެ. އެކަމަކު ބޯޅަ އަތަށް ނާރައި ދޫވެގެން ދިޔަ ބޯޅަ ސެންޓޭ ހުހަށް އޮތް ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ.
ނިއުގެ ސެންޓޭ ޓީސީގެ ގޯލަށް ހަމަލާއެއް ފޮނުވާލަނީ، އޭނާ ވަނީ މެޗުގައި ދެ ގޯލު ޖަހައިފަ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ނިއުގެ ފަސް ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެގެ ގޮތުގައި ކުޅެން ނުކުތް ހަސަން އަޒޫމް އަލީ އެވެ.
ޓީސީގެ ހާފުގެ މެދެއްހާހިސާބުން ނިއުގެ ނިޒޯން ރަޝޯ ދިން ބޯޅަ ހިފައިގެން އޭރިއާގެ ތެރެއަށް ވަދެ އަޒޫމް ވަނީ ގޯލްގެ ތިރީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.
ނިއުގެ ހަ ވަނަ ލަނޑު ޖެހީ ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ. އަހްމަދު ވިޖްދާން އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ހަންނަ ގޯލްގެ ތެރެއަށް ވައްދާލީ ބޮލުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނިއުގެ ސެންޓޭ އެވެ.
ލީގުގައި މިރޭ ނުކުންނާނީ ވިކްޓަރީ އާއި ބުރު ސްޕޯޓްސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަފޯޓަރ
19 September 2025
ނިއުގެ ސަފޯޓަރުން އެ ނަގާ ފޯރި އެހެން ޓީމްތަކުގެ ސަފޯޓަރުން ނަގާ ނަމަ ފުޓްބޯޅައިގެ ފޯރި ގަދަވާނެ. ނިއު ގަލޮޅު ދަނޑަށް އެބުރި އައުމަކީ ވެއްޓިފައިވާ ފުޓްބޯޅައިގެ ފޯރިއާއި ޖޯސު އަލުން ގެނުވާނެ ކަމެއް ކަން ޔަގީން ކުރެވިއްޖެ.
ރަދީފްއޮފިޝަލް /
19 September 2025
މަރުހަބާ ނިއު.
ފޯރިގަދަކުރަންނުފެނޭތަ
19 September 2025
ސަޕޯޓަރުން ގިނަ ކުރެވޭނެގޮތެއް ހެދޭތޯ ބަލަންވީނު، ދަނޑަށް ވަންނަ ސަޕޯޓަރުންގެ މެދުގަ ލަކީޑްރޯއެއް ބާއްވައިގެންވެސް.
ޢާރީ
19 September 2025
ނިއުގެ ފުރަތަމަ ފެނިލުމުން ވެސް ގަލޮލު ދަނޑް ގުޑުން އަރުވާލައިފި.
އަބަދަށްވެސް ނިއުގެ ސަޕޯޓަރެއް
19 September 2025
ނިއުއަށް މިވަގުތު ޚަރަދުކުރަމުން ގެންދަނީ ހަލާލު ފައިސާއިން ކަމަށް ނުފެންނާތީ ޓީމާ އަދި ދުރުގަ ހުޜީމެެވެ.
ރަދީފްްއޮފިޝަލް /
19 September 2025
ގާނޫނުގެ އޮތް ގޮތުން ތިހެން ނުބުނެވޭނެ.
އައްދު
19 September 2025
ހެޔޮނުވާނެ! ތި ގަލޮޅު ދަނޑު މަރާމާތް ކުރަނީ ކޮން ދުވަހަކުން. ސިޑިބަރިތަށް ބާވެ، ރެނދުލައި، ކޮންޒަމާނެއްގެ ސްޓޭޑިއަމް އެއް. ދެން ތިއޮތް ޕިޗެއް. ރާއްޖޭގައި ހެދޭ ހުރިހާ ވިނައެއް އެބަހުރި އެތާ. ޔޫރަޕް ހާ މޮޅު ސްޓޭޑިއަމް އެއް ނޭޅުނަސް، ތިއަށްވުރެން ރަނގަޅު ސްޓޭޑިއަމް އެއް އެޅިދާނެ ދޯ! ކަމެއް ރަނގަޅު ކުރުމުގެ ބަދަލުގައި، ކޮންމެ ބަޔަކުވެސް ބަލަނީ ލާރި ކެވޭތޯ!
މޯޑް
19 September 2025
ދަނޑް ގެ ހުރިހާ ގޭޓްތައް ހުޅުވަބަލަ މެޗުކުޅޭއިރު. ޢިރުމަތީ ފަޅީ އެއްވެސް ގޭޓެއް ނުހުޅުވާ.
ރުތމހ
19 September 2025
ޔާމީނު ވެރިކަމުގަ ވެލެންސިޔާއިން ހުރިހާ ކަމެއް ހަލާސް ކުރީ ދައުލަތުގެ ފައިސާއިން، އިބޫ ވެރިކަމުގަ ވިކްޓަރީ އިން ދައުލަތުގެ ފައިސާއިން، މިހާރު ނިޢުއިން މިވަރަކަށް ފުޓްބޯޅަ ސިޔާސީ ވާނީ ދެން ކީއްކުރާނީ