ދިފާއީ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (ކ) އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް.
22 ސެޕްޓެމްބަރ 2025 - 12:16
ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު ސައޫދީ އަރަބިއްޔާގެ ހިމާޔަތާއި ދިފާއީ ކަންކަމަށް ބޭނުންކުރަން އެއްބަސްވެފައިވާ ކަމަށް ސައޫދީ ސަރުކާރާ ގާތް ގުޅުމެއް އޮންނަ އެނަލިސްޓެއް ކަމަށްވާ އަލީ ޝިހާބީ ވިދާޅުވެއްޖެ އެވެ.
ސައޫދީ ޝާހީ އާއިލާއާ ގާތް ގުޅުމެއް އޮންނަ އަލީ އޭއެފްޕީއަށް ވިދާޅުވި ގޮތުގައި މިދިޔަ ހަފްތާގައި ސައޫދީ އާއި ޕާކިސްތާނުން ކުއްލި ގޮތަކަށް އިއުލާނުކުރި ދިފާއީ އެއްބަސްވުމުގައި އެކަން ހިމެނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިކަމުގެ މަޝްވަރާތައް ކުރިއަށްދާތާ އެތައް އަހަރެއް ވެއްޖެ އެވެ. އަދި ސައޫދީގެ ދިފާއީ ބޭނުންތަކަށް މިފަދަ އެއްބަސްވުމެއްގެ މުހިންމުކަން، ޕާކިސްތާނާ މައްސަލަ ބޮޑު އިންޑިއާއަށް ވިސްނޭނެ ކަމަށް ސައޫދީން އުންމީދުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
ސައޫދީގެ ދިފާއުގައި ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު ބޭނުންކުރުން އެއްބަސްވުމުގައި ހިމެނޭތޯ ސުވާލުކުރުން އޭނާ ވިދާޅުވީ "އޭގައި އެ ވާހަކަ އެބަ އޮތް" ކަމަށެވެ.
"ނިއުކްލިއާ އަކީ މި އެއްބަސްވުމުގެ މުހިންމު ބައެއް. ޕާކިސްތާނުގެ ނިއުކްލިއާ މަޝްރޫއަށް ސައޫދީން ހޭދަކުރިކަމާއި ޕާކިސްތާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ވަގުތު ސައޫދީން އެހީވިކަން އެ ގައުމުން ހަނދާންކުރޭ،" އޭނާ ވިދާޅުވި އެވެ.
"ސައޫދީގެ ދިފާއީ ބޭނުންތައް އިންޑިއާއިން ގަބޫލުކުރޭ. ސައޫދީ އާއި އިންޑިއާއާ ދެމެދު ގާތް ގުޅުމެއް އެބަ އޮތް."
ސައޫދީއާ އެކު ހެދި އެއްބަސްވުމަށް ފަހު ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ޕާކިސްތާނުގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވެސް، ސައޫދީން ބޭނުންވެއްޖެ ނަމަ ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނެ ކަމަށް ވިދާޅުވި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
ޕާކިސްތާނާއި ސައޫދީއާ ދެމެދު ދިފާއީ އެއްބަސްވުމުގައި ސޮއިކުރީ ހަމާސްގެ ވެރިންނަށް އަމާޒުކޮށް އިޒްރޭލުން ގަތަރަށް ހަމަލާ ދިންތާ ދެތިން ދުވަސް ފަހުންނެވެ. އަދި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ވެސް މީގެ ދެތިން މަސް ކުރިން ހަނގުރާމަކޮށް ދެ ގައުމުން 70 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.
ސައޫދީ އާއި ޕާކިސްތާނުގެ އެއްބަސްވުމުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ކޮންމެ ގައުމަކުން ވެސް އަނެއް ގައުމުގެ ދިފާއުގައި މަސައްކަތްކުރުމަށާއި އެއް ގައުމަށް ދޭ ހަމަލާ އަކީ އަނެއް ގައުމަށް ވެސް ދިން ހަމަލާއެއްގެ ގޮތުގައި ބަލައިގެން މަސައްކަތްކުރުމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތަމީމު
22 September 2025
އަނެއްގޮތަކީ، ސައުދީ އަރަބިއްޔާ މެދުވެރިވެގެން ޕާކިސްތާން ލައްވައި، ޔަމަނަށް ހަމަލާ ދިނުން. އޭރަށް، މެދުއިރުމަތީގައި އެމެރިކާ-އިޒްރާއީލުގެ މަގުސަދުތައް ހާސިލުކުރުމުގައި ވަރަށް ބޮޑު ފަސޭހައެއް ހާސިލުކުރެވިގެންދާނެ. މިކަމުގެ ސަބަބުން އީރާނުގެ ބާރު މެދުއިރުމަތީން ކުޑަކުރެވޭނެ. ތި އެއްބަސްވުމުން، ދިފާއު ކޮށްދެނީ ސައުދީ އަރަބިއްޔާ އަށް ވުރެ ބޮޑަށް އިޒުރާއީލާއި، އެބައިމީހުންގެ ބައިވެރިން.
ތަމީމު
22 September 2025
އެއްގޮތަކީ، އިޒުރޭލުން ގަޠަރަށް ހަމަލާ ދިނުމުގެ ނަތީޖާއެއްގެ ގޮތުން، އިޒުރޭލުން ސައުދީ އަރަބިއްޔާ އަށް ވެސް، ހަމަލާ ދީފާނެ ކަމުގެ އިހުސާސް ކުރެވުން.
ދަ އެނަލިސްޓް
22 September 2025
ނޫސްވެރިން ފަތުރާނެ ގޮތަކަށް ހަބަރު ފެތުރިޔަސް ޕާކިސްތާނުން ސީދާކޮށް ނުބުނޭ ސައުދީގެ ދިފާއުގަ ނިއުކްލިއަރ ހަތިޔާރުގެ ބޭނުންކުރާނެ ވާހަކައެއް. ނޫސްވެރިން ތި ސުވާލު ކުރުމުންވެސް ޕާކިސްތާނުން ބުނެފައިވަނީ ސައުދީގެ ދިފާއުގަ ޕާކިސްތާނުގެ ހުރިހާ އަސްކަރީ ބާރެއް ބޭނުންކުރާނެ ކަމަށާ ދެފަރާތުގެ މެދުގަ ވެވުނު އެއްބަސްވުމަކީ ވަރަށް ޝާމިލް އެއްބަސްވުމެއް ކަމަށް. މާނައަކީ މި އެއްބަސްވުމުގެ ދަށަށް އަންނަން ބޭނުންވާ ގައުމުތަކަށް ފުރުސަތު އެބައޮތޭ..
ދޮން
22 September 2025
އަރަބިވެރިންނަށް އެއްޗެއްވިސްނިންޖެކަމަސް ދެކެން އެމެރިކާއަށް ކާފަރުންނަށް ތިމާމެއްގެ ވަޔާއި ކަނޑުގެ މިނިވަންކަންދީގެން އެމީހުން ހިމާޔަތްކޮށްދޭނެކަމަށް ތިބީ އަމިއްލަ ސަލާމަތްތެރިކަން ކާފަރުން ނާއި ހަވާލުކޮށްގެން ތިއްބާ ޔަހޫދީން ހަމަލާދިން ވަގުތު ސިސްޓަމްތައް ނިއްވާލާ ދިފާއީ ނިޒާމް ރިސެޓްކޮށްލީ މުސްލިމް ފަޤީރު ޤައުމުތަކަށް ތެލުންލިބޭ ފައިސާ ހޭދަކުރުން ބުއްދިވެރިގޮތަކީ އެމެރިކާ ރުއްސައްހަދައިގެން އަތަށް މިގޮވީ