ދިރާގުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ބައެއް އިސްވެރިން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
01 އޮކްޓޯބަރ 2025 - 12:35
ދިރާގުގެ 37 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.
ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަހަރީ ދުވަހުގެ ފުރަތަމަ ހާއްސަ އޮފާއަކަށް ތައާރަފްކޮށްފައި ވަނީ 24 ގަޑިއިރަށް 37 ޖީބީ ހިލޭ ލިބޭ އޮފާއެކެވެ. މި 37 ޖީބީ #225* އަށް ޑައިލްކޮށްގެން މިއަދުގެ އިރުއޮއްސި ހައެއް ޖަހަންދެން އެކްޓިވޭޓް ކުރެވޭނެ އެވެ. އަދި އެކްޓިވޭޓް ކުރާތާ 24 ގަޑިއިރު ވަންދެން އެ ޑޭޓާ ބޭނުން ކުރެވޭނެ އެވެ.
ދިރާގުން ދެވަނައަށް ތައާރަފްކޮށްފައިވަނީ ދިރާގު ޕޭ މެދުވެރިކޮށް އާއިލާ މީހުންނަށް ޑޭޓާ ހަދިޔާ ކުރެވޭ އޮފާއެކެވެ. އެ އޮފާއަކީ ޕޯސްޓްޕެއިޑް ލިމިޓްލެސް ކަސްޓަމަރުންނަށް މި އޮފާގެ ދަށުން ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން ރިޑީމް ކުރެވޭނެ ދެ ވައުޗާ ލިބޭނެ އެވެ. އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ފެމިލީ ޕެކް އެޑް އޮން ގަތުމުން އާއިލާ މީހުންނަށް ޑޭޓާ ހަދިޔާ ކުރުމަށް ގިފްޓް ވައުޗާއެއް ލިބޭނެ އެވެ. މި ވައުޗާތަކަކީ ދިރާގު އެޕް މެދުވެރިކޮށް ރިޑީމް ކުރެވޭނެ ވައުޗަރެވެ.
ދިރާގުގެ ޑިރެކްޓާ ބްރޭންޑް، މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މިރުޝާން ވާހަކަ ދައްކަވަނީ --- ފޮޓޯ/މިހާރު
ދިރާގުގެ އޮފާތަކުގެ އިތުރުން އާ ޕްރޮޑަކްޓެއް ވެސް ވަނީ ލޯންޗުކޮށްފަ އެވެ. އެއީ ދަރިވަރުންނަށް ހާއްސަ ޑީލްތަކެއް ލިބޭ އައިސިކް ކާޑެވެ. އެ ކާޑަކީ ޔުނެސްކޯއިން އެންޑޯޒްކޮށްފައިވާ ކާޑެކެވެ. މިއީ ދުނިޔޭގެ އެކި ގައުމުތަކުގައި ދަރިވަރުންނަށް އެކި އޮފާތައް ހޯދައިދޭ ކާޑެކެވެ.
ދިރާގުން އައިސިކްއާ ގުޅިގެން ތައާރަފްކުރި ދިރާގު x އައިސިކް ކާޑަކީ ދިރާގު އެޕް މެދުވެރިކޮށް 100ރ. އަށް ގަނެވޭނެ އެއް އަހަރު ދުވަހުގެ ކާޑެކެވެ. އެ ކާޑު އެއް އަހަރުވުމުން އާ ކުރެވޭނެ އެވެ. އެ ކާޑު ގަތުމަށް ދަރިވަރެއްކަން އަންގައިދޭ ލިޔުމެއް ހުށައަޅަން ޖެހޭނެ އެވެ. އަދި އެ ކާޑު ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވެސް ބޭނުން ކުރެވޭނެ އެވެ.
ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ފޮޓޯ/މިހާރު
ދިރާގު x އައިސިކް ކާޑު 150 ގައުމެއްގައި 50 އަށް ވުރެ ގިނަ އައުޓްލެޓްތަކުގައި ބޭނުންކޮށް އެކި ޑިސްކައުންޓުތައް ހޯދޭނެ އެވެ. އެ ކާޑު ގަންނަ ދަރިވަރުންނަށް ދިރާގު "ސްޓޫޑެންޓް ހޮޓް ޑީލްސް" މެދުވެރިކޮށް ދިރާގުގެ ހާއްސަ އޮފާތައް ވެސް ލިބޭނެ އެވެ.
އެ އޮފާތަކުގެ އިތުރުން ދިރާގު ނެޓް ޕްރޮޓެކްޓް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. މިއީ އޭއައިގެ އެހީތެރިކަމާއެކު އިންޓަނެޓްގެ ރައްކާތެރިކަން ހޯދައިިދޭ ހިދުމަތެކެވެ. އެ ހިދުމަތް ދިރާގު އެޕްއިން 35 ރުފިޔާއިން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެ އެވެ.
ދިރާގަކީ ރާއްޖޭގެ ފުރަތަމަ ޓެލެކޮމިއުނިކޭޝަން ކުންފުންޏެވެ. އެ ކުންފުނިން ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް 5ޖީގެ ހިދުމަތް ދެ އެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފައިބާާ ބްރޮޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދެ އެވެ. ދިރާގުގެ ހިދުމަތް ދޭން ފެށީ 1988 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފައިބަރނެޓް
02 October 2025
9 ޖީ.ބީ.ގެ ފައިލެއް ޑައުންލޯޑް ކުރުމަށް 9 ގަޑި އިރުވަންޏާ މީ ހާދަ ފާސްޓް އިންޓަރނެޓް އެކޭ. މިކަހަލަ ކަން ކަން ރަގަޅު ކޮއްލަބަލަ.
1828
01 October 2025
އަދިވެސް މޯބައިލް ޑާޑާގެ އަގު ހަދާ ބޮޑޭ.
އެޕަލް ފޭން
01 October 2025
ކޮބާ އަދިވެސް ދިރާގު ކަސްޓަމަރުންނަށް އެޕަލްގަޑިއަށް ދިރާގު ސެލިއުލަރ ގެ ޚިދުމަތް ދެވޭނެ ދުވަހެއް ނޭނގޭ؟