ވެމްކޯގެ ވެހިކަލްތަކެއް: އެ ކުންފުންޏަށް އުޅަނދުތަކެއް ގަންނަން ހެދި އެއްބަސްވުމެއްގެ މުއްދަތުގައި އުޅަނދުތައް ލިބުމުގެ ކުރިން ދެއްކި ގިނަ އަދަދެއްގެ ފައިސާގެ މައްސަލަ ވަނީ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައި. -- މިހާރު ފައިލް ފޮޓޯ
01 އޮކްޓޯބަރ 2025 - 15:23
ވެމްކޯއަށް ޑަމްޕް ޓްރަކްތަކަކާއި ލޭންޑިން ކްރާފްޓެއް ގަންނަން ކުރި ދެ މުއާމަލާތެއްގައި، އެއްބަސްވި މުއްދަތުގައި ޑެލިވާ ނުކުރަނީސް އެ ތަކެތި ގަތުމަށް އެޑްވާންސްގެ ގޮތުގައި 1.7 މިލިއަން ރުފިޔާ އާއި އިތުރަށް 4.6 މިލިއަން ރުފިޔާ ދެއްކި މައްސަލަ އެ ކުންފުނިން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފި އެވެ.
ވެމްކޯ އިން ބުނީ ދެ ޓަނުގެ 10 ޑަމްޕް ޓްރަކް ހޯދުމަށް އަދި ލޭންޑިން ކްރާފްޓް ހޯދުމަށް ލޯކަލް ކުންފުންޏަކާ އެކު 2021 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެ ތަކެތި ވެމްކޯއަށް ޑެލިވަރީ ކުރަންޖެހޭ މުއްދަތު ހަމަވިޔަސް 2023 ގެ ޖުލައިއާ ހަމައަށް ވެސް ވެހިކަލްތައް ނުލިބޭ ކަމަށެވެ.
ވެމްކޯއިން މިކަމާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި، އެ އުޅަނދުތައް މިހާރު ލިބިފައިވާކަމެއް ނުވަތަ ނޫންކަން ސާފެއް ނުވެ އެވެ.
ވެމްކޯއިން ބުނި ގޮތުގައި އެއްބަސްވުން އޮތީ އެ ސާމާނު ނުލިބި ލަސްވާ މުއްދަތުގައި އެ ކުންފުންޏަށް ލިބެމުންދާ ގެއްލުމަށް ބަދަލު ހޯދޭނެ ގޮތަކަށް ވެސް ނޫނެވެ.
ވެހިކަލް ހޯދަން އެ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ދަށުން 6.3 މިލިއަން ރުފިޔާ ސަޕްލަޔަރުންނަށް އެޑްވާންސް ފައިސާގެ ގޮތުގައި ދައްކާފައިވެ އެވެ. އެ ފައިސާ ދެއްކީ ޑިސެމްބަރު 29، 2021 ގައި ހަތަރު މަސް ތެރޭގައި އެ އުޅަނދުތައް ހަވާލުކުރާ ގޮތަށް ކަމަށް ވިޔަސް އޮކްޓޫބަރު 30، 2022 އާ ހަމައަށް ވެސް ލޭންޑިން ކްރާފްޓް ވެސް ވެމްކޯއަށް ލިބިފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.
އެއްބަސްވުމާ އެއްގޮތަށް ޑެލިވަރީ ކުރަންޖެހޭ ތާރީހުގައި، ވިއްކާ ފަރާތުން އުޅަނދުތައް ޑެލިވަރީކޮށްފައި ނުވި ނަމަވެސް އެޑްވާންސް ފައިސާގެ ގޮތުގައި 1.7 މިލިއަން ރުފިޔާ އަދި އިތުރަށް ދެއްކި 4.6 މިލިއަން ރުފިޔާ އެ ފަރާތްތަކުން އަނބުރާ ހޯދާފައިނުވާ ކަމަށް ވެމްކޯ އިން ބުންޏެވެ.
ވެމްކޯ އިން ބުނި ގޮތުގައި ކުންފުނީގެ ތާޑް ޕާޓީ އައުޓްލެޓްތަކާ ގުޅޭ މުއާމަލާތްތައް ރަނގަޅަށް ރިކޯޑުކޮށްފައެއް ވެސް ނުވެ އެވެ. އަދި އައުޓްލެޓްތަކުން ނުދައްކާ ހުރި ބެލެންސް ބަލަހައްޓަނީ އެކްސެލް ސްޕްރެޑްޝީޓެއްގައި މެނުއަލްކޮށް ކަމަށާއި ތާޑް ޕާޓީ އައުޓްލެޓް ފިހާރަތަކުން ލިބެންޖެހޭ ފައިސާ ރިކޯޑުކުރުމަށް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމްގައި އެކައުންޓްތައް ހަދާފައިނުވާ ކަމަށް ވެސް ބުންޏެވެ.
ވެމްކޯ އިން ބުނީ އެ ކޯޕަރޭޝަނުގެ އޮޑިޓް ރިޕޯޓުތަކަށް ރިއާޔަތްކޮށް، ޖެނުއަރީ، 1، 2021 އިން ޑިސެމްބަރު، 31، 2022 އަށް ކޯޕަރޭޝަނުން ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން ރެންޑަމް 231 މުއާމަލާތެއް ބެލި ކަމަށެވެ. އޭގެ ތެރެއިން ހަ މިލިއަން ރުފިޔާގެ މުއާމަލާތަކަށް ވެސް ފައިސާ ދައްކާފައި ވަނީ އެ ތަކެތި ކުންފުންޏަަށް ލިބުނުކަން ކަށަވަރުކުރުމަށް ބޭނުންވާ މުދަލާއި ހިދުމަތް ލިބުނުކަން އަންގައިދޭ ލިޔެކިޔުމެއް ނެތިކަން ކަމަށް ބުނެފައިވެ އެވެ.
ވެމްކޯ އިން ބުނި ގޮތުގައި 2018 އާއި 2019 ވަނަ އަހަރު ފާސްކޮށްފައިވާ ބަޖެޓުގެ ބޭރުން ހަރަދުތަކެއް ކޮށްފައިވެ އެވެ. އަދި ފައިނޭންސް ފޮލިސީގައި ހިމަނާފައިވާ ހާލަތްތައް ފިޔަވައި އެހެން ކަންކަމަށް ވޯކިން އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކޮށްފައިވާ ކަމަށް ބުންޏެވެ.
އެ ކުންފުނިން ބުނީ 178 މުއާމަލާތެއްގެ ޖުމްލަ 1.7 މިލިއަން ރުފިޔާއަކީ ވޯކިން އެޑްވާންސް ފައިސާގެ ބޭރުންކުރުމުގެ ހާލަތްތަކާއި މަގްސަދުގެ ބޭރުންކޮށްފައިވާ ހަރަދުތަކެއް ކަމަށެވެ.
އެ މައްސަލާގައި ވެމްކޯ އިން ނެރުނު ބަޔާނުގައި ބުނީ އެ ކޯޕަރޭޝަނުން މަސައްކަތްކުރާނީ ދެ ފުށް ފެންނަ ގޮތަށް ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި އެފަދަ ކަންކަމާ ގުޅޭ މައުލޫމާތު ހާމަކޮށްދިނުމަށް ކަމަށެވެ. އެ މައްސަލަތައް އޭސީސީ އާއި އޮޑިޓާ ޖެނަރަލްގެ އޮފީހަށް އަދި ޕޮލިހަށް ވަނީ ހުށަހަޅާފައި ކަމަށާއި މައްސަލަތަކުގައި ކުށްވެރިވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަންބެގޯތީއާދަނު
01 October 2025
މިކުންފުނިތަކުން ލޯކަލް ކުންފުނި، ތިލަބަހުން ބުނާނަމަ ވެރިން ވައްކަން ކޮށް ނަގާ ފައިސާ އަޅަން، ތިމާގެ މިހުންނާއި ރައްޓެހިންގެ ނަންޖަހާފައި ބަހައްޓާ ބާލިދީތަކާއި ހަވާލު ކުރަނީ އަޅޭ ސަރުކާރުގެ ބެލުމުގެ ދަށުން އޯޑަރު ކުރަން ނޭގެނީބާ. އުސޫލާއި ގާނޫނާއި ގަވާއިދު ނެތްނަމަ އެކަން ކުރަންވެއްޖެތާ. ބަޔަކު ރައްޔިތުންގެ މުދަލުން ކެޑިނޭޅި ވައްކަން ކުރާކަން އިގޭ. ހުއްތުވަން އަޅާފިޔަވަލެއް ނުފެނޭ.
ބޮޑުބެގެ ބެއްޔާ
01 October 2025
މީގެ 3 އަހަރު ކުރީގެ މާލެސިޓީ ކައުންސިލްގެ އޮޑިޓެއްވެސް ހަދާދީބަލަ. ހާދަ ޕާކިން ސްލޮޓެކޭ ވިއްކީ.
ދާނި
01 October 2025
ވެންކޯ ތީ އުވާލަންޖެހޭތަނެއް. ބަނގުލާ ސިސްޓަމް މާ ރަނގަޅު.
ޒިލަ
01 October 2025
ކަލޭ ނުޖެހޭ ވެމްކޯ އާ ބެހެން