ކ. މާފުށީގެ މަތިން ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
07 އޮކްޓޯބަރ 2025 - 19:18
ކ. މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް ކުރިން ކުރި އިއުލާން ބާތިލްކޮށް، ހައްޖު ކޯޕަރޭޝަނުން އަލުން މިއަދު އިއުލާންކޮށްފި އެވެ.
އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ، މިދިޔަ އޮގަސްޓް 6 ގައި ކުރި އިއުލާން ބާތިލްކުރީ އެކަށީގެންވާ ތަރުހީބެއް ނުލިބުމުން ކަމަށެވެ. މަދުވެގެން ތިން ފަރާތަކުން ކުރިމަތިލާން ޖެހުނަސް، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ ސިޓީ ހޮޓާ އަޅައިދިނުމަށް އެހާވަރަށް ތަރުހީބު ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ދެ ވަނަ ފަހަރަށް އިއުލާންކޮށް، ބިޑިންގައި ރަޖިސްޓްރީވުމަށް އަންނަ އަންގާރަ ދުވަހާ ހަމައަށް ވަނީ މުއްދަތު ދީފަ އެވެ.
ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭ ގޮތަށް ހުޅުވާލާފައިވާ ގޮތަށް ޕްރޮޖެކްޓު ގެންދަން ނިންމާފައިވަނީ "މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް" (އެމްއައިޓީ) ގެ ދަށުންނެވެ. އެމްއައިޓީއަކީ ހައްޖު ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ.
ބިޒްނަސް ޕޯޓަލްއިން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރަޖިސްޓަރީ ކުރި ކުންފުނީގެ މެނޭޖިން ޑިރެކްޓަކީ މުހައްމަދު ޝިހާބެވެ. ޢެއީ ހައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވެސް މެ އެވެ. އެމްއައިޓީގެ ޑިރެކްޓަރުންގެ ގޮތުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޝަކީލާއި ހައްޖު ކުންފުނީގެ އެހެން ބައެއް އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެ.
ރަޖިސްޓަރީވުމަށް ފަހު އަނބުރާ ނުލިބޭ ގޮތަށް 30،000ރ. ނުވަތަ 2،000 ޑޮލަރުގެ ފީއެއް އަންނަ އަންގާރަ ދުވަހުގެ ކުރިން ދައްކަން ޖެހެ އެވެ. އަދި ބިޑް ހުޅުވަން ނިންމާފައިވަނީ އަންނަ މަހުގެ 13 ގަ އެވެ.
ޝަކީލް ވިދާޅުވީ މާފުށީގައި އަޅާނީ 242 ކޮޓަރީގެ ހޮޓަލެއް ކަމަށެވެ. އެ ތަނުގައި ޕޫލަކާއި ގެސްޓް ހައުސްތަކުން ލިބޭ އެހެން ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާފުށީގައި އިސްލާމިކް ޓޫރިޒަމް ފެށުމަށް ހައްޖު ކޯޕަރޭޝަނުން ދެ ވަނަ ފަހަރަށް އިއުލާންކުރިއިރު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ، ހައްޖަށް މީހުން ގެންދިއުމަށް އުފައްދާފައިވާ ކުންފުނިން އެ ވިޔަފާރީގެ ތެރެއަށް ވަނުމަށް ދެކޮޅު ހައްދަވައިފަ އެވެ.
ޝަހީމް "މިހާރު" އަށް ވިދާޅުވެފައި ވަނީ ހައްޖު ކޯޕަރޭޝަނުން ސިޓީ ހޮޓަލެއް އިމާރާތްކޮށް، ޓޫރިޒަމްގެ ވިޔަފާރި އަށް ވަނުމާ ގުޅޭގޮގުތން މިނިސްޓްރީއާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ރިސްކު ބޮޑު ކަންކަމުގެ ތެރެއަށް ހައްޖު ކޯޕަރޭޝަނުން ނުވަދެ، އެ ފަންޑު މެނޭޖު ކުރެވޭނެ ގޮތްތައް ހުންނާނެ އެވެ.
ޝަކީލް މީގެ ކުރިން ވިދާޅުވީ ކޮންމެ ހައްޖުވެރިއަކަށް ލައްކައެއްހާ ރުފިޔާ ހަރަދުވާ ކަމަށެވެ. އެކަމަކު، އެ ހިދުމަތް ދިނުމަށް މި ވަގުތު އާއްމުންގެ އަތުން 69،000ރ. ނަގާތީ ބާކީ ހުރިހާ ކަމަކަށް ކުންފުނީގެ ބަޖެޓުން އިތުރަށް 30 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި ހައްޖު ކޯޕަރޭޝަނުން ވަނީ އާއްމުންނަށް ގަނެވޭ ގޮތަށް ހައުސިން މަޝްރޫއެއް ފަށަން ނިންމައިފަ އެވެ. އެ އިމާރާތުގެ ޑިޒައިންގެ މަސައްކަތްތައް ކުރަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ސަރުކާރުގެ އެފްޑީސީއާ ވެސް ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލާމިރު
08 October 2025
ދައުލަތުގެ ކުންފުނިތައް ބަނގުރޫތުވެގެންދަނީ ދައުލަތް އަބަދު ބަރޯސާ ވާތީ ކުންފުނިތަކަށް އާމްދަނީ ވަންނާނެ މަގުތައް ކޮށުމަކީ ކުންފުނިތައް އިތުރަށް ވަރުގަދަ ވާނެ ކަމެއް، މިކަން ކާމިޔާބު ވެއްޖެނަމަ މަމި ދައްކާ ވާހަކަ އެންމެނަށް ވިސްނޭނެ
ދީނާން
08 October 2025
ހައްޖު ކޯޕަރޭޝަންގެ ރިކަރަންޓު ޚަރަދުތައް ހަމަޖެއްސުމަށްޓަކައި މިފަދަ އިންވެސްޓު މަންޓުތައް ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. މިކަމަށް ވަރަށް ތާޢީދު
އައުޓް އޮފް ކޮންޓްރޯލް
08 October 2025
ބަލަ ތިޔައީ މިނިސްޓަރު ޝަހީމު ވެސް ތާއީދު ކުރާކަމެއް ނޫނޭ ވިދާޅުވިއެއް ނޫންތަ އިހަކަށް ދުވަހު؟ ކިހިނެއް މިވަނީ؟
ކުރަގަނޑު
08 October 2025
ތިކަންކުރުމުގެ ކުރިން ފުރަތަމަ ހުކުރު ޙުތުބާގަ އޮންނަ އެންވެރިކަމާ ދަނޑުވެރިކަން ތިޔާޤިވުމަށް އެދޭތަނުގަ ޓުވަރިޒަމް ރަނގަޅުވުމަށްވެސް އެދިލައްވާ. އަދި އޭގެފަހުގަ ތިހޮޓާހުޅުވާފަ ޖަހާ ސަކަރާތެއްޖަހާ...
ސާޖިދާ
08 October 2025
އެމްޑީޕީގެ ވެރިކަމެއްނަމަ މިހާރު ޝެއިޚުންތައް ބޮލާފޮށާއަޅައިގެން ނިކުތީސް... އެކަމު މިހާރުމިއީ ދީނީ ވެރިކަމެއްވީމަ ރުހުމުގެ ލޮލަކަށް އައިބެއްނުފެނޭ
ހުއްޓާލާހަމަމިހާރު
07 October 2025
ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމުގެ ތެރެއަށް ވަނުމަކީ ހެޔޮވާނެކަމެއް ނޫން. ތިބުނާ އިސްލާމިކް ޓޫރިޒަމަކީ ނަމެއްގައި އޮންނާނެ ކަމެއް. ތިކަން ވަގުތުން ހުއްޓާލާ. ރައްޔިތުން އަމާނާތެއް ގޮތުގައި ހައްޖަ ދާން ދައްކާފައިވާ ފައިސާ އިން ތިކަން ކުރުމަކީ ވެސް ހިޔާނާތެއް.
އޮނަރަބްލް އަފީފު ދީދީ
07 October 2025
ފަތުރުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ މެދުފަންތީގެ އެތައް ވިޔަފާރިވެރިން އިންވެސްޓްކޮށް އަދި އަލަށް މިސިނާއަތުގައި އިންވެސްޓްކުރުމަށް ޝައުގުހުރި ކުދި ވިޔަފާރިވެރިންވެސް އެކަމަށް ޝައުގުވެރިވެ މާފުށި، ހިންމަފުށި ދަރަވަންދޫ ފަދަ ކ.މާލޭ އެއަރޕޯޓާއި ކައިރި ސަރަޙައްދުތަކުގެ މިފަދަރަށްރަށުގައި ދައުލަތުންއިންވެސްޓްކޮށް އާންމު ދިވެހިރައްޔިތުމީހާގެ ކުރިމަގަށްހުރަސްނާޅާ ރާއްޖޭގެ އުތުރާއިދެކުނުގައި ފަތުރުވެރިކަންނެތް ހިސާބުގައި ތިކަންކުރަންވީ ނޫންތޯ؟
އޮނަރަބްލް އަފީފު ދީދީ
07 October 2025
ދައުލަތުގެ ކުންފުންޏަކުން ފަތުރުވެރިކަމަށް އިންވެސްޓް ކުރާނަމަ މިކަން ފަށައިގަތުމަށްޓަކާ ހަނިމާދޫ އާއި އައްޑޫ GAN International Airport ބީޗް ކޮޓަރިވެސް ހިމެނޭގޮތަށް 100 ކޮޓަރީގެ 4 ތަރީގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކޮށް ހޮޓާ ތަރައްޤީ ކުރަން ޙަރަދުވި ފައިސާ އެއްފަހަރާ އަބުރާ ދައްކާ ފަރާތަކަށް 50 އަހަރަށް ހޮޓާ ލީޒް ކުރުމަށްފަހު އަމިއްލަ ޕްރޮޕަޓީ އުފައްދައި އާމްދަނީ ލިބޭނެގޮތް ފަހިކޮށްގެން ތިކަން ކުރަން އުޅުން ރަނގަޅުކަމަށް ދެކެން.
އޮނަރަބްލް އަފީފު ދީދީ
07 October 2025
ހަނިމާދޫ އާއި GAN International Airport ގައި އެއަރޕޯޓް ޓްރާންސިޓް ހޮޓާ ތަރައްޤީކުރުމަށްޓަކާ ހުޅުމާލޭގައި ފުލެޓްއަޅަން ފައިސާނަގާގޮތަށް ދައުލަތުގެ ސޮވަރިން ގެރަންޓީގައި ޗައިނާގެ އެގްޒީމް ބޭންކުން ލޯނުގައި ތިކަންކުރަން ޗައިނާގެކުންފުންޏެއް މެދުވެރިކޮށް ހޮޓާ ތަރައްޤީކުރަން އެއްވެސްހުރަހެއްނެތި ލޯނު ހަމަޖެހޭނެ. އަދި އިންވެސްޓްމަންޓްގެ އަގު އެއްފަހަރާދައްކާ ފަރާތަކަށް ހޮޓާ ލީޒް ކޮށްލުމުން ވަގުތުން ލޯނު ދައްކާފައި އިތުރު ލޯނުނަގައި އިންވެސްޓް ކުރެވޭނެ.
ސަސި
07 October 2025
މިއީ ކިހިނެތް ވެގެން އުޅޭ ބައެއްތަ