މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ވިއްކުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ތޯރިގް އެހެން ވިދާޅުވީ، ރިސޯޓުތަކެކޭ އެއްގޮތަށް "ޓޫރިސްޓުންނަށް ދޭ ހިދުމަތްތައް، ވިއްކާ ތަކެތި" މީހުން ދިރިއުޅޭ ރަށްރަށުގެ ހޮޓާތަކުން ސަރުކާރުން ވިއްކުން މަނާކޮށްފައި އޮންނަ އޮތުމަކީ ބޭއިންސާފެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

ރިސޯޓުތަކުގައި ޓޫރިސްޓުންނަށް ދޭ ހިދުމަތްތަކާއި "ވިއްކާ ތަކެތި" ކަމަށް ވިދާޅުވެ، މާފުށީގެ ޓޫރިޒަމް ބްރޭންޑް "ހާޓް އޮފް މޯލްޑިވްސް" އިފްތިތާހުކުރުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ނަޝީދު ނުސީދާކޮށް ދެއްކެވީ ބަނގުރަލާއި އޫރުމަހުގެ ވާހަކަ ކަމަށް ވާތީ ގިނަ ބަޔަކު ދަނީ އެ މަނިކުފާނަށް ފާޑުކިޔަމުންނެވެ.

ނަޝީދު ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގެ ބޮޑެތި ހޮޓާތަކުގައި އެ ތަކެތި ނުވިއްކޭ މައްސަލައަަކީ އެ "ހަމަހަމަކަން ގެނައުމަށް އަޅުގަނޑުމެން ވިސްނަން ޖެހޭނެ" ކަމެއް ކަމަށެވެ.

މާފުށީގެ ޓޫރިޒަމް ބްރޭންޑް "ހާޓް އޮފް މޯލްޑިވްސް" ކުރީގެ ރައީސް ނަޝީދު މިދިޔަ ހުކުރު ދުވަހުގެ ރޭ އިފްތިތާހު ކޮށްދެއްވަނީ.-- ފޮޓޯ: މާފުށި ކައުންސިލް
މާފުށީގެ ޓޫރިޒަމް ބްރޭންޑް "ހާޓް އޮފް މޯލްޑިވްސް" ކުރީގެ ރައީސް ނަޝީދު މިދިޔަ ހުކުރު ދުވަހުގެ ރޭ އިފްތިތާހު ކޮށްދެއްވަނީ.-- ފޮޓޯ: މާފުށި ކައުންސިލް

ޓޫރިޒަމް މިނިސްޓަރާ މިއަދު މީޑިއާ އިން ސުވާލު ކުރުމުން ވިދާޅުވީ، އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށަށް ބައެއް ސަފާރީތަކުން ބަނގުރާ ގެންދާ މައްސަލަ ވެސް ބޮޑު ކަމަށާއި އެ ކަމަށް ހައްލެއް ގެންނަން މަސައްކަތް ކުރާ ކަމަށެވެ.

"ލޯކަލް ޓޫރިޒަމްގައި ލޯކަލް ރަށްރަށުގައި ޑްރައި ޓޫރިޒަމެއް އޫރުމަހެއް ރަލެއް ހުރެގެން ނުވާނެ. އެއީ އަޅުގަނޑުމެން ސްޓްރެއިޓްކޮށް، ޕޮލިސީ ލެވެލްގައި ސަރުކާރުން ކުރަން ބޭނުންވާ ކަމެއް. އަދި ސަރުކާރުން އެކަން އެގޮތަކަށް މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަހެއް [ވިއްކަން ފުރުސަތެއް ނުދޭނެ]،" މިނިސްޓަރު ވިދާޅުވި އެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ނަޝީދުގެ ވެރިކަމުގައި ވެސް ނިންމި

މީހުން ދިރިއުޅޭ ރަށްރަށުގެ ހޮޓާތަކުގައި ބަނގުރަލާއި އޫރުމަސް ވިއްކުމުގެ ވާހަކަ ނަޝީދު އަނެއްކާ ވެސް ފެންމަތި ކުރެއްވިއިރު އެ މަނިކުފާނުގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ވެސް އެކަން އެ ގޮތަށް ކުރަން ނިންމައި ގަވާއިދު ވެސް އިސްލާހުކުރި އެވެ.

ނަަމަވެސް އިސްލާމިކް މިނިސްޓްރީ އާއި ދީނީ އިލްމުވެރިންނާއި އާންމުންގެ އެތައް ބަޔަކާއި ސިޔާސީ ފަރާތްތަކުން ކުރި ބޮޑެތި މުޒާހަރާތަކާއި އިހުތިޖާޖުތަކުގެ ފިއްތުންތައް ބޮޑުވެ، އެ ނިންމުން ނަޝީދުގެ ވެރިކަމުގައި ބަދަލުކުރީ އެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދޭން 2009 އަދި 2010 ގައި ނަޝީދުގެ ސަރުކާރުން މަސައްކަތްކުރީ އޮކްޓޫބަރު 15، 1995 ވަނަ ދުވަހު އާންމުކުރި "ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާ ތަކެތި ރާއްޖެ އަށް ގެނައުމާއި ރާއްޖޭގައި ގެންގުޅުމުގެ ގަވާއިދާއި ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާ ތަކެތި ވިއްކާ ފަރާތްތަކުން އަމަލުކުރަންވީ ގަވާއިދު" އިސްލާހު ކޮށްގެންނެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭ ގޮތަށް އެ ގަވާއިދު އިސްލާހުކޮށް އޭރު އާންމު ވެސް ކުރި އެވެ.

އެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިޒަމް މިނިސްޓްރީން ގަބޫލުކުރާ ފެންވަރަށް ހަދައި އެ މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ހޮޓާތަކުގެ ތެރެއިން މަދުވެގެން 100 އެނދުގެ ހޮޓާތަކުގައި ހިންގާ ބާތަކުގައި ބަނގުރާ ވިއްކޭނެ އެވެ.

ނަޝީދުގެ ސަރުކާރުން ނިންމާފައި އޭރު އޮތީ މީހުން ދިރިއުޅޭ ރަށްރަށުގައި މާޗު 1، 2010 އިން ފެށިގެން ބަނގުރާ ވިއްކުމުގެ ހުއްދަ ދޭށެވެ. އެކަމަކު، އެކަން ބޮޑު މައްސަލަގަނޑަކަށް ވެ، ނިންމުން ބަދަލުކުރެެއްވީ އެވެ.

ރަލުގެ ގަވާއިދާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ނަޝީދުގެ ވެރިކަމުގައި 100 ވަރަކަށް ޖަމިއްޔާ ގުޅިގެން "މަދަނީ އިއްތިހާދު" ގެ ނަމުގައި ބޮޑު ހަރަކާތެއް ވެސް ހިންގި އެވެ.

މާފުށީގެ ޓޫރިޒަމް ބްރޭންޑް "ހާޓް އޮފް މޯލްޑިވްސް" އިފްތިތާހުކުރުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ހަފުލާގައި ނަޝީދު ވިދާޅުވީ، އެ މަނިކުފާނަކީ އަބަދު ރަނގަޅު ވާހަކަ ދައްކަވާ ބޭފުޅެއް ނޫން ކަމަށާއި "އުނދަގޫ ވާހަކަ ވަރަށް ގިނައިން އަޅުގަނޑު ދައްކަން" ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ވިއްކުމުގެ ހުއްދަ ދިނުމާ މެދު ވިސްނަން ޖެހޭ އެންމެ ބޮޑު ސަބަބަކީ ރާއްޖެ އަށް މިހާރު އަހަރަކު ދެ މިލިއަން ޓޫރިސްޓުން އަންނައިރު، އޭގެ ތެރެއިން 200،000 ޓޫރިސްޓުން މާފުއްޓަށް އެކަނި ޒިޔާރަތް ކުރާތީ އެވެ.