މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމަ އާ ގުޅިގެން، ރާއްޖެ އަށް ޓޫރިސްޓުން އަންނަ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާތީ، ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރުކުރަން އާ ދެ ވިސާއެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރާ ސަރުކާރުން މިއަދު ބުނެފި އެވެ. 

ހަނގުރާމަ އާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އުފައްދާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގ ބައްދަލުވުމުގައި، ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ރާއްޖެ އަށް އަންނަ ޓޫރިސްޓުން ހޭދަކުރާ މުއްދަތު އިތުރުކުރުމަށް މިހާރު އޮން އެރައިވަލް ވިސާގެ ގޮތުގައި ދޭ 30 ދުވަސް އިތުރު ކުރެވޭނެ ފަސޭހަ ގޮތްތަކެއް އެކަށައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެ އަށް އައިސް ތިބެގެން މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް "ރިމޯޓް ވޯކިން ވިސާ" އާއި "ކޮންޓެންޓް ކްރިއޭޓަރު" ނަށް ހާއްސަ ވިސާއެއް ތައާރަފްކުރުމުގެ ވިސްނުން ތޯރިގް ހާމަކުރެއްވި އެވެ.

"ރިމޯޓް ވޯކާސް ރާއްޖެ އައިސް މަސައްކަތް ކުރެވޭނެ ގޮތްތައް ބަލައި، ހާއްސަކޮށް ގެސްޓު ހައުސް ވިޔަފާރިކުރާ ފަރާތްތަކަށް މިދެންނެވި ރިމޯޓް ވޯކާ ނުވަތަ ކޮންޓެންޓު ކްރިއޭޓަރުން ގިނަވެއްޖެ ނަމަ އެ ބޭފުޅުންގެ އޮކިއުޕަންސީ ބޮޑުކުރެވިގެންދާނެ. އެހެންވީމާ އެ ދިމާލަށް މަސައްކަތް ކުރަމުންދަނީ،" އޭނާ ވިދާޅުވި އެވެ.  

ރާއްޖެ އަށް އަންނަ ގިނަ ޓޫރިސްޓުން މެދުއިރުމަތީގެ ގައުމުތައް މެދުވެރިކޮށް ދަތުރުކުރާއިރު، ވައިގެ ސަރަހައްދުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން، ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު މި މަސް ފެށުނު ފަހުން ގާތްގަނޑަކަށް 21 ޕަސެންޓު ދަށަށް ގޮސްފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

އެހެންކަމުން، ރާއްޖޭގެ ޓޫރިޒަމް އިތުރަށް ސިންދަފާތުކޮށް، އިތުރު ދާއިރާތަކަށް ޝައުގުވެރިވާ ޓޫރިސްޓުންނަށް އަމާޒުކޮށްގެން، ސްޕޯޓްސް ފިޝިން އަދި ބިގްގޭމް ފިޝިންގެ އިތުރުން ޓެކްނިކަލް އަދި ރެކްރިއޭޝަން ޑައިވިން ތައާރަފްކުރަން ތައްޔާރުވަމުނ އަންނަ ކަމަށް ތޯރިގު ވިދާޅުވި އެވެ.

"ސްޕޯޓްސް ފިޝިންގެ ސްޕިއާ ފިޝިން 40 އަހަރު ވެއްޖެ މަނާ ކޮށްފަ އޮންނަތާ. ނަމަވެސް އެކަމަށް ހުއްދަ ދޭނެ،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ. 

މީގެއިތުރުން، ހަލާލް ޓޫރިޒަމާއި ޗާޓަރު ސުޕަޔޮޓްތައް ގެނައުމާއި  ރިސާޗް ކުރަން އަންނަ ފަރާތްތަކަށް ފަސޭހައިން އައިސް ތިބެވޭނެ ގޮތްތައް ވެސް ހަމަޖެހޭނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.