މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގެ ބޮޑު ބައެއްގެ ވައިގެ ސަރަހައްދު ބަންދުކުރާ ގުޅިގެން ރާއްޖެ އިން ފުރަންދިޔަ 1،400 ޓޫރިސްޓުންގެ ފްލައިޓް ކެންސަލްވި ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން ޓޫރިސްޓުންގެ ހާލަތު ބެއްލެވުމަށް ފަހު ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ތޯރިގް ވިދާޅުވީ ޓޫރިސްޓުންނަށް ނުފުރި އެއާޕޯޓުގައި ތާށިވުމާ ގުޅިގެން، އެ މީހުން އަލުން ރިސޯޓަށް ދެވޭނެ ގޮތްތައް ފަހިކޮށްދޭނެ ކަމަށެވެ. އަދި އެ ހާލަތުގައި ޓޫރިސްޓުން ބޭނުންވާ ގޮތްތައް ބަލައި އެ ގޮތަށް ކަންކަން ހަމަޖައްސަން އެހީވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ޓޫރިސްޓުން ބޭނުންވީ އިތުރަށް ޓިކެޓް ބަދަލުކޮށްގެން އެހެން ފްލައިޓެއްގައި ދިއުމުގެ މަސައްކަތް ކުރަން. އަދި ބައެއް ޓޫރިސްޓުން ބޭނުންވީ، އެއްވެސް ތަނަކަށް ނުގޮސް އެއާޕޯޓުގައި ތިބެގެން ވާގޮތް ބެލުމަށްފަހު ކުރިއަށްދާން،" އޭނާ ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ހާލަތު ދާއިރާގެ ހުރިހާ ސްޓޭކްހޯލަޑަރުންނާ އެކު ކައިރިން ބަލަމުން އަންނަ ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނަށް ހަމަލާދޭން މިއަދު ފެށުމާ އެކު، މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން އުފެދި، އެ ސަރަހައްދުން ރާއްޖެއަށް އަންނަ ހުރިހާ ފްލައިޓެއް ވަނީ ކެންސަލްވެފަ އެވެ. މިއަދު މެންދުރުފަހުން ފެށިގެން ނުވަ ފްލައިޓެއް ކެންސަލްވެފައިވެ އެވެ. އަދި މިހާލަތު ބަދަލު ނުވާނަމަ، މާދަމާ އަންނަން އޮތް ހުރިހާ ފްލައިޓެއް ވެސް ކެންސަލްވާނެ އެވެ. 

ހަނގުރާމައާ ގުޅިގެން ދުބާއީ އާއި ޝަރްޖާ އާއި ބަހްރެއިނާއި އަބޫދާބީ އާއި ދޯހާ އާއި ސައުދީ އަރަބިއްޔާއަށް ކުރާ ހުރިހާ ދަތުރެއް ވަނީ ހުއްޓިފަ އެވެ.

މެދުއިރުމައްޗަކީ ރާއްޖެއަށް ޔޫރަޕުންނާއި އެމެރިކާ ފަދަ ސަރަހައްދުތަކުން ޓޫރިސްޓުން އައުމުގައި ބޭނުންކުރާ ކަނެކްޓިވިޓީ ފްލައިޓްތަކުގެ ހަބެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ދުބާއީ އާއި ދޯހާ މެދުވެރިކޮށެވެ.