އީރާން ހަނގުރާމައާ ގުޅިގެން މިހާތަނަށް ރާއްޖެއަށް 496 ފްލައިޓް ކެންސަލްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ހަނގުރާމައިގެ ސަބަބުން ކުރާ އަސަރުތައް ދެނެގަނެ ފިޔަވަޅު އެޅުމާ ބެހޭ ގޮތުން އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީގެ މިއަދުގެ ޕްރެސްގައި ތޯރިގް ވިދާޅުވީ، މި މަހު ދުވާލަކު އެވްރެޖުކޮށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ހަނގުރާމައާ ހެދި 1،150 ޓޫރިސްޓުން މަދުވެފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، ފްލައިޓްތަކުގެ ފްރިކުއެންސީ އިތުރުކޮށް އާ އެއާލައިންތަކާ އެކު އެގްރީމެންޓްތައް ހަދައި ދަތުރުތައް ފެށުމަށް ކަމަށެވެ. އެގޮތުން، މިވަގުތު އިތިއޯފިއަން އެއާލައިނާ އެކު ވެސް ސޮއިކޮށް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއާލައިންތަކާ އެކު މަޝްވަރާކޮށް ޕްރިކުއެންސީ ގިނަކޮށް، އެއާލައިންތައް އިތުރު ގައުމުތަކުން ގެނައުމުގެ މަސައްކަތް ކުރަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ހަ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ އިރު މި މަހު ރާއްޖެއަށް ވަނީ 143،000 ޓޫރިސްޓުން އައިސްފަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 18 ޕަސެންޓް ދަށް އަދަދެކެވެ.
ތޯރިގް ވިދާޅުވީ، ރިސޯޓުތަކަށް މާލީ ގޮތުން މިދުވަސްވަރު ލިބެމުން ދާ ދަތިތަކަށް އެހީވުމަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދެމުން ވެސް އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ، އިންޑިއާ އާއި ޗައިނާ ފަދަ މަންޒިލްތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ކެމްޕެއިންތައް އިތުރުކޮށް، އެ މަންޒިލްތަކުން ޓޫރިސްޓުން އިތުރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ޑެސްޓިނޭޝަން މާކެޓިން މަސައްކަތްތަކެއް މިދަނީ ކުރަމުން. އިންޑިއާ އާއި އާޝިއާން މާކެޓްތަކަށް އަމާޒުކޮށްގެން 200 މިލިއަނަށް ވުރެ ގިނަ އިމްޕްރެޝަންސް ލިބޭނެ ގޮތަށް ޑިޖިޓަލް ކެމްޕެއިނެއް މިހަފްތާގައި ފެއްޓިގެންދާނެ. އަދި ވަކިން ހާއްސަކޮށް އިންޑިއާ އާއި އިންޑިއާގެ ވަކި ސްޓޭޓްތަކަށް އަމާޒްކޮށްގެން ޑިޖިޓަލް ކެމްޕެއިންތަކެއް ގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އީރާނަށް އެމެރިކާ އާއި އިޒްރޭލުން މީގެ މަސް ދުވަސް ކުރިން ދޭން ފެށި ހަމަލާތަކާ އެކު އީރާނުގެ ރައްދު ހަމަލާތައް ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ދޭން ފެށުމުން ޔޫއޭއީ އާއި ގަތަރު ފަދަ ގައުމުތަކުގެ ވައިގެ ދަތުރުތަކަށް ވަނީ ބޮޑެތި ހުރަސްތައް ކުރިމަތިވެފަ އެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ފްލައިޓްތަކުގެ ދަތުރުތައް ވެސް ވަރަށް ބޮޑަށް މަދުކުރަން ޖެހުމާ އެކު އެތައް ހާސް ބަޔަކު ރާއްޖޭގައި ތާށިވި އިރު ގިނަ އަދަދެއްގެ ބުކިންތައް ރާއްޖެއަށް ދަނީ ކެންސަލް ވެސް ވަމުންނެވެ.