މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 441،000 ޓޫރިސްޓުން އަތުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މި އަހަރު އެވްރެޖުކޮށް ދުވާލަކު ރާއްޖެއަށް 8،000 ޓޫރިސްޓުން އާދެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދުވާލެއްގެ އެވްރެޖު އުޅެނީ 7،300 ގަ އެވެ.
ޓޫރިސްޓުންގެ އަދަދު ހަތަރު ލައްކައަށް ވުރެ މަތީގައި އުޅޭ އިރު އެކި ބޭނުންތަކުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 444،000 މީހުން ރާއްޖެއަށް ޒިޔާަރަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ވިޔަފާރި ބޭނުންތަކުގައި އައި 1،300 މީހުންނާއި ކްރޫޒްތަކުން އައި 1،000 މީހުން ހިމެނެ އެވެ.
މި މަހު ރާއްޖެއަށް ވަނީ 217،000 ޓޫރިސްޓުން އައިސްފަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް 40،000 ޓޫރިސްޓުން އިތުރު އަދަދެކެވެ.
މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް އައިސްފައިވަނީ 227،000 ޓޫރިސްޓުންނެވެ.
ރާއްޖެއަށް އައި ޓޫރިސްޓުންގެ ތެރެއިން ތިން ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ. އަދި ލައްކައެއްހާ ޓޫރިސްޓުން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގަ އެވެ. ސަފާރީތަކުގައި 12،000 އަށް ވުރެ ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވަނީ ޗައިނާއިންނެވެ. އެގައުމުން ވަނީ 72،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިޓަލީއިންނެވެ.
މިދިޔަ އަހަރު ރާއްޖެއަށް ވަނީ 2.2 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ.
ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 45،000 އަށް ވުރެ ގިނަ އެނދު އެބަހުއްޓެވެ.