ޑިމާންޑަށްވުރެ އެނދު އިތުރު، ރާއްޖެ މާކެޓްކުރުން އަވަސް ކުރަންޖެހޭ: ރިފްއަތު

ރާއްޖެ އަށް އޮތް ޑިމާންޑަށް ވުރެ ބެޑް ކެޕޭސިޓީ އިތުރު ކަމަށާއި މިކަމަށް ހައްލެއް ހޯދުމަށް ރަނގަޅު މާކެޓިން ސްޓްރެޓެޖީ އެއް ބޭނުންވާ ކަމަށް ކެޕިޓަލް ޓްރެވެލް އެންޑް ޓުއާޒްގެ ސީއީއޯ ޔޫސުފް ރިފްއަތު ވިދާޅުވެއްޖެ އެވެ.


ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ބެޑް ކެޕޭސިޓީއާ އެއްވަރަށް ޑިމާންޑް އިތުރު ކުރުމަށް އަވަސް މަސައްކަތްތަކެއް ފަށަން ޖެހޭ ކަމަށެވެ. އަދި މިކަން ހައްލު ކުރުމަށް އަމާޒުކޮށް މާކެޓިން ސްޓްރެޓެޖީއެއް އެކުލަވާލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިކަން ކުރުމަށްޓަކައި ޓްރޭޑް ފެޔާތަކަށް ވުރެ ބޮޑަށް ކޮންސިއުމަ ފެއާތަކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި 42،503 އެނދު ތަރައްގީ ކުރެވިފައިވެ އެވެ. އަދި އޮކިއުޕެންސީ ރޭޓް އުޅެނީ 61 ޕަސެންޓްގަ އެވެ. މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް 127،000 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު އެވްރެޖުކޮށް ހަ ދުވަސް ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރެ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ޓޫރިޒަމް އިޝްތިހާރުކުރުމަށް ކުރާ ހޭދަ އިތުރުކޮށް އެކި ސެގްމެންޓްތަކަށް ޓޫރިޒަމް ފުޅާ ކުރުމަށް ހިމަނާފައިވެ އެވެ. ޓޫރިޒަމް އިޝްތިހާރު ކުރުމަށް އަންނަ އަހަރު އިތުރު 104.2 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވެ އެވެ. ޖުމްލަ 154.2 މިލިއަން ރުފިޔާ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ބަޖެޓުގައި ހިމަނާފައިވެ އެވެ.