މިމަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރު ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާއާ އަޅާބަލާއިރު އަށް ޕަސެންޓަށް އިތުރުވެއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުން މި މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް 60،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 55،000 ޓޫރިސްޓުންނެވެ. އަދި 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައީ 51،000 ޓޫރިސްޓުންނެވެ.

ޓޫރިސްޓުންގެ އަދަދު އިތުރުވީ، ޗައިނާއިން އަންނަ ޓޫރިސްޓުން އިތުރުވުމާ ގުޅިގެންނެވެ. ކޮންމެ އަހަރެއްގެ ވެސް ޗައިނާގެ ނިއު އިޔާއާ ދިމާކޮށް އެ ގައުމުން އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރުވެ އެވެ. މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ރަޝިއާއިން އައި ނަމަވެސް، މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ޗައިނާ އެވެ. އެގައުމުން ވަނީ 35،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 285،000 ޓޫރިސްޓުން އައިސްފައިވާ އިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ ފަސް ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ ޖެނުއަރީ މަހަކީ ރާއްޖޭގެ ތާރީހުގައި ވެސް އެއް މަސް ތެރޭ އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި މަހެވެ. އެ މަހު ރާއްޖެއަށް 224،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

ޗައިނާ އިން އެންމެ ގިނަ ޓޫރިސްޓުން އައި އިރު ދެވަނަގައި އޮތީ ރަޝިއާ އެވެ. އަދި ތިން ވަނައަށް މިއަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ އިޓަލީންނެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އަދި އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރެއިން ތިން ގައުމު ފިޔަވައި ހިމެނެނީ ޔޫރަޕްގެ ގައުމުތަކެވެ. ޔޫރަޕްގެ ގައުމުތައް ފިޔަވައި އެ ލިސްޓުގައި ޗައިނާގެ އިތުރުން ހިމެނެނީ އިންޑިއާ އާއި އެމެރިކާ އެވެ.