ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ 73 ޕަސެންޓަކީ ފުރަތަމަ ފަހަރަށް އައި މީހުން ކަން ޓޫރިޒަމް މިނިސްޓްރީން ނެރުނު "މޯލްޑިވްސް ވިޒިޓާ ސާވޭ 2025" ގެ ނަތީޖާ އިން ދައްކައިފި އެވެ.
މިއަދު އާންމުކުރި މި ސާވޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 73 ޕަސެންޓް ޓޫރިސްޓުން ރާއްޖެ އަށް އަލަށް ޒިޔާރަތް ކުރިއިރު، 25 ޕަސެންޓް މީހުންނަކީ މީގެ ކުރިން ވެސް ރާއްޖެ އަށް އައިސްފައިވާ މީހުންނެވެ. ރާއްޖޭގައި ހޭދަކުރި ޗުއްޓީ އެއް ބަހުން ސިފަކޮށްދިނުމަށް އެދުމުން، އެންމެ ގިނަ ޓޫރިސްޓުން ބޭނުން ކޮށްފައިވާ ބަހަކީ "ޗާލު" ނުވަތަ "ރީތި" މި ބަހެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި މި ރިޕޯޓަކީ ޓޫރިސްޓުން ރާއްޖެއާ މެދު ދެކޭ ގޮތާއި ދަތުރުފަތުރުގެ އާދަކާދަތަކަށް ބަލައި ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
އެ ރިޕޯޓުން އެނގޭ ގޮތުގައި ޓޫރިސްޓުންނަށް ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ އޮތް އޮތުން އަދިވެސް އަންނަނީ ދަމަހައްޓަމުންނެވެ.
ސާވޭއިން ފާހަގަވި ގޮތުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމަކީ ޓޫރިސްޓުން އެންމެ ބޮޑަށް ދަމައިގަންނަ ސިފަ އެވެ. "ރީތި" މި ބަހުގެ އިތުރުން "ހައިރާންކުރުވަނި"، "ހިތްފަސޭހަ"، "ސުވަރުގެއެއް ފަދަ" އަދި "އަމާން" ފަދަ ބަސްތަކުން ޓޫރިސްޓުން ވަނީ އެ މީހުންގެ ތަޖުރިބާ ސިފަކޮށްދީފަ އެވެ. މިއީ ރާއްޖޭގެ ދޮންވެލި ގޮނޑުދޮށްތަކާއި ސާފު ފަޅުތަކުގެ އިތުރުން ރާއްޖޭގެ މެހެމާންދާރީ އަށް ޓޫރިސްޓުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަން ރިޕޯޓްގައި ފާހަގަކުރެ އެވެ.
ރާއްޖެ އަށް ޒިޔާރަތްކުރި ހަތަރުބައިކުޅަ ތިންބައި މީހުންނަކީ އަލަށް އައި މީހުން ކަމަށް ވީ ނަމަވެސް، ކޮންމެ ހަތަރު ޓޫރިސްޓަކުން އެކަކީ ތަކުރާރުކޮށް ރާއްޖެ އަށް ޒިޔާރަތްކުރާ މީހެއްކަން ސާވޭއިން ދެއްކުމުން ހާމަވަނީ ރާއްޖެ އިން ލިބޭ ހިދުމަތްތަކާ މެދު އެ މީހުން ހިތްހަމަޖެހޭ ކަމެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ހޭދަކުރާ އުފާވެރި ޗުއްޓީގެ ސަބަބުން ޓޫރިސްޜުން ތަކުރާރުކޮށް ރާއްޖެ އަށް ޒިޔާރަތްކުރުމަށް ޝައުގުވެރިވެ އެވެ.
މި ސާވޭއިން ދައްކާ ގޮތުގައި، ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އެންމެ ބޮޑު ބޭނުމަކީ އަރާމުކޮށްލުމާއި ހަނީމޫން ދަތުރުތަކާއި ގޮނޑުދޮށުގެ ހިތްގައިމުކަން ތަޖުރިބާ ކުރުމެވެ. ގިނަ ޓޫރިސްޓުން ރިސޯޓުތަކުގައި މަޑުކުރުމަށް އިސްކަންދިން ނަމަވެސް، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ދިރިއުޅުން ތަޖުރިބާ ކުރުމަށް ޝައުގުވެރިވާ ޓޫރިސްޓުންގެ މެދުގައި ގެސްޓް ހައުސްތަކުގެ މަގުބޫލުކަން ވެސް އިތުރުވަމުންދާ ކަމަށް ސާވޭ ދައްކަ އެވެ.
ޓޫރިސްޓުން ތިބޭ ތަންތަނާއި ލިބޭ މެހެމާންދާރީ އާއި ރައްކާތެރިކަމާއި ސާފުތާހިރުކަމުގެ އިތުރުން ރާއްޖޭގެ ގުދުރަތީ ރީތިކަމާ މެދު އެ މީހުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށް ސާވޭ އިން ދައްކަ އެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖެއަކީ ޓޫރިސްޓުން އެ މީހުންގެ އާއިލާ އާއި ރައްޓެހިންނަށް ވެސް ޒިޔާރަތްކުރުމަށް ލަފާދޭނެ މަންޒިލެކެވެ.
"މޯލްޑިވްސް ވިޒިޓާ ސާވޭ" އަކީ ޓޫރިސްޓުންގެ ޝައުގުވެރިކަމާއި ހިތްހަމަޖެހުމުގެ މިންވަރު އަދި ޓޫރިޒަމްގެ މިސްރާބު ހުރި ގޮތް ދެނެގަތުމަށް ކުރިއަށް ގެންދާ މުހިންމު ދިރާސާއެކެވެ. މީގެ ސަބަބުން ސިޔާސަތުތައް އެކަށައަޅާ ފަރާތްތަކަށާއި ޓޫރިޒަމްގެ ދާއިރާގެ އިސްފަރާތްތަކަށް، ހިދުމަތްތައް ފުޅާކުރުމަށާއި ރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ލިބެ އެވެ.