ޓޫރިޒަމް މަންޒިލްތަކުގެ ގޮތުގައި ގައުމުތައް އިޝްތިހާރު ކުރުމުގެ ގޮތުން ބޭނުން ކުރަމުން އައި އެންމެ މުހިއްމު އެއް ވަސީލަތަކީ ޓްރެވެލް ޓްރޭޑް ފެއާތަކެވެ. މިއީ ޒަމާނުއްސުރެ ރާއްޖޭގައި ވެސް އެކަން ކުރަމުން އައި ގޮތެވެ. އައިޓީބީ ބާލިން އާއި ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) އާއި ފަހަކަށް އައިސް އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) އަކީ ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސް އިން ވެސް އެންމެ ބޮޑު ހަރަދެއް ކުރަމުން އަންނަ ފެއާތަކެވެ. 

އާރްޓީއައި މެދުވެރިކޮށް ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން ގޮތުން މިދިޔަ ފަސް އަހަރުގެ ތެރޭގައި އެކި ގައުމުތަކުގައި ބާއްވާ ފެއާތަކަށް ކުރީގެ އެމްއެމްޕީއާރުސީން އަދި ފަހުން ވިޒިޓް މޯލްޑިވްސް ކުންފުނިން ގާތްގަނޑަކަށް 350 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކުރީ ޑަބްލިއުޓީއެމް އަށެވެ.

މިދިޔަ ފަސް އަހަރަށް ބަލާއިރު އިނގިރޭސި ވިލާތުގެ ލަންޑަންގައި ބާއްވާ އެ ފެއާ އަށް 69 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އަދި އޭޓީއެމަށް 52 މިލިއަން ރުފިޔާ ހަރަދުކުރިކަން ހިސާބުތަކުން ދައްކަ އެވެ. އައިޓީބީގެ ހަރަދުތައް ކުޑަވެފައި ވަނީ 2021 އާއި 2022 ވަނަ އަހަރު ކޮވިޑާ ގުޅިގެން އެ ފެއާ ކެންސަލް ކޮށްފައި އޮތުމުންނެވެ. އައިޓީބީ ފެއާ އަށް ވެސް ތިން އަހަރުން 42 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

އެކަމަކު، މިހާރު އުފެދޭ ސުވާލަކީ ޒަމާނަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި މިފަދަ ފެއާތަކަށް ކުރާ ހަރަދުގެ ނަތީޖާ ދެނެގަނެވޭ ހެއްޔެވެ؟ ދައުލަތުން ބޮޑެތި ހަރަދުތަކެއްކޮށް، ޓޫރިޒަމް ފެއާތަކުގައި ބައިވެރިވެ، އަގުބޮޑު ޕެވީލިއަންތައް ހަދާ އިރު، މިފަދަ ޑިޖިޓަލް ޒަމާނެއްގައި މިކަން އެކަނިކޮށް ފަރުޖައްސާލެވޭނެ ހެއްޔެވެ؟

އަހަރެމެން މި އުޅެނީ އަވަސް އަވަހަށް ބަދަލުވަމުން އަންނަ ޑިޖިޓަލް ޒަމާނެއްގަ އެވެ. މިއީ އިޝްތިހާރު ކުރެވޭނެ ލުއި، ހަރަދު ކުޑަ ޒަމާނެއްގައި އުޅޭ ދުވަސްވަރެވެ. އެހެންވެ، އެއާ ފައިހަމަކުރެވޭނެ ގޮތެއް މުހިންމެވެ. ތަފާތު ބަދަލުތަކުން ޓޫރިސްޓުންގެ ހިތް އަތުލުން އެއީ އެންމެ މޮޅު ގޮތެވެ. ޓޫރިޒަމް އިޝްތިހާރު ކުރަން ކުރާ ބޮޑު ހަރަދާ އެއްވަރަށް ޒަމާނީ ވިސްނުމުގެ ތެރެއަށް ވެސް ދާން ޖެހެ އެވެ. 

ފެއާތަކުގެ ހަރަދުތަކަށް އައިސްފައިވާ ބަދަލުތައް

ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި ބައިވެރިވާ ފެއާތަކުގެ ތެރެއިން އައިޓީބީ، ޑަބްލިއުޓީއެމް އަދި އޭޓީއެމަށް ކުރާ ހޭދައިގެ ތެރެއިން، އެންމެ ބޮޑު ހަރަދެއް ހިނގަނީ ފެއާތަކުގެ ސްޓޭންޑަށް ބޭނުންވާ ޖާގަ އާއި ސްޓޭންޑް ހެދުމަށް ކުރާ ހޭދަ އާއި މުވައްޒަފުންގެ އެކަމޮޑޭޝަނާއި އެލަވަންސްތަކަށެވެ. މިދިޔަ ފަސް އަހަރުގެ ތެރޭގައި ސްޓޭންޑް ހެދުމަށާއި ކޮންސްޓްރަކްޝަންގެ ހަރަދަށް އެ ތިން ފެއާއަށް އެކަނި 181 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި މުވައްޒަފުންގެ ހަރަދުތަކަށް ފަސް އަހަރުތެރޭ 385،000 ޑޮލަރު (ހަ މިލިއަން ރުފިޔާ) ހޭދަކުރި އެވެ.

ވަކިވަކި އަހަރުތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއްް ހިނގާފައިވަނީ 2024 ވަނަ އަހަރު އެވެ. އެ އަހަރު އެކަނިވެސް މުވައްޒަފުންގެ އެލަވަންސާއި އެކޮމޮޑޭޝަނަށް 148،000 ޑޮލަރު (2.3 މިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ. އެ އަހަރު އައިޓީބީގައި ވިޒިޓް މޯލްޑިވްސްގެ ޓީމުގައި 29 މީހުން ހިމެނޭއިރު ޑަބްލިއުޓީއެމްގައި ހަތަރު މުވައްޒަފުން ބައިވެރިކުރި އެވެ.

ރާއްޖެ އަށް އައި ޓޫރިސްޓުންތަކެއް ވެލާނާ އެއާޕޯޓުގައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ރާއްޖެ އަށް އައި ޓޫރިސްޓުންތަކެއް ވެލާނާ އެއާޕޯޓުގައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ވިޒިޓް މޯލްޑިވްސް ކުންފުނިން ބުނާ ގޮތުގައި ފެއާތަކަށް ކުރާ ހޭދަ ބޮޑުވަނީ، އެއް އަހަރުން އަނެއް އަހަރަށް ފެއާ ތަކުގައި ބައިވެރިވާ ފީތައް ބޮޑުވަމުން ދާތީ އެވެ.

އެކަމަކު، މިދިޔަ ފަސް އަހަރުގެ ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ އަހަރު ފެއާތަކަށް ވިޒިޓް މޯލްޑިވްސް އިން ކުރި ހޭދަ ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. މިދިޔަ އަހަރު އައިޓީބީ އަށް ހޭދަކުރީ ނުވަ މިލިއަން ރުފިޔާ އެވެ. އޭގެ ކުރީ އަހަރުތަކުގައި އެ ފެއާއަށް އެވްރެޖްކޮށް 16 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެހެންވެ އެއީ، ގާތްގަނޑަކަށް 50 ޕަސެންޓްގެ ވެއްޓުމެކެވެ.

ޑަބްލިއުޓީއެމަށް މިދިޔަ އަހަރު ހޭދަކުރީ 13 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ ހަރަދުތަކާ ގާތްގަނޑަކަށް އެއް އަދަދެކެވެ. ޑަބްލިއުޓީއެމަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި އެންމެ ބޮޑު ހަރަދެއް ހިނގީ 2023 ވަނަ އަހަރު އެވެ. އެ އަހަރު 17 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ބާކީ ތިން އަހަރު ވެސް އެވްރެޖްކޮށް ހަރަދު ކުރީ 13 މިލިއަން ރުފިޔާ އެވެ.

ދުބާއީގައި އޮންނަ އޭޓީއެމަށް ކުރާ ހޭދަ އެއް އަހަރުން އަނެއް އަހަރަށް ވަނީ ބޮޑުވެފަ އެވެ. އެގޮތުން 2021 ވަނަ އަހަރު 10 މިލިއަން ރުފިޔާ ހަރަދު ކުރިއިރު މިދިޔަ އަހަރު 17 މިލިއަން ރުފިޔާ އޭޓީއެމަށް ހޭދަކޮށްފައިވެ އެވެ.

ޓޫރިސްޓުންތަކެއް ލޯންޗަށް އަރަނީ: މި އަހަރު ރާއްޖެ އަށް ޓޫރިސްޓުން ގެންނަން ކަނޑައަޅާފައިވާ ޓާގެޓު ހާސިލުވާނެ ކަމަށް ނުބެލެވޭ -- ފޮޓޯ: މިހާރު
ޓޫރިސްޓުންތަކެއް ލޯންޗަށް އަރަނީ: މި އަހަރު ރާއްޖެ އަށް ޓޫރިސްޓުން ގެންނަން ކަނޑައަޅާފައިވާ ޓާގެޓު ހާސިލުވާނެ ކަމަށް ނުބެލެވޭ -- ފޮޓޯ: މިހާރު

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ، ފެއާތަކުގައި ބައިވެރިވަނީ އިންޑަސްޓްރީގެ ފަރާތްތަކުގެ ޝައުގުވެރިކަން އެ ކަމަށް އޮންނާތީ ކަމަށާއި އެފަދަ ފެއާތަކުން، އިންޑަސްޓްރީގެ ޕާޓީތަކާއި ބޭރުގެ ޓްރެވެލް އޮޕަރޭޓަރުންނާ އޮންނަ ގުޅުން ބަދަހިވާ ކަމަށެވެ. 

"އިންޑަސްޓްރީ ބަލައިގަނޭ މި ފެއާތައް. އެހެންވީމާ އިންޑަސްޓްރީ ބޭނުންވާ ގޮތަށް މި ކަންކަން ކުރަނީ. އެކަމަކު އޭގެ މާނައެއް ނޫން އިންޑަސްޓްރީ އަށް އަންނަ ބަދަލުތައް ނުބަލާ ކުރިއަށް ދިއުމެއް. ކުރިއަށް ވުރެ ފެއާތަކުގައި ބައިވެރިވާ މިހާރު ހުންނާނީ މަދުކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް ފެއާތަކަށް ކުރާ ހޭދަ ބޮޑުއިރު، އެ ފެއާތަކުން ނުކުންނަ ނަތީޖާތައް ހިސާބުތަކުން ދަނެގަންނަން ދައްޗެވެ. އެކަމަކު އިންޑަސްޓްރީގައި ހަރަކާތްތެރިވާ ބައެއް އޮޕަރޭޓަރުން އަދިވެސް ގަބޫލުކުރާ ގޮތުގައި ފެއާތަކުން އާމްދަނީ އިތުރު ކުރެވެ އެވެ. އެހެންވެ، އެފަދަ ފެއާތަކުގެ ނަތީޖާތައް ދަނެގަތުމަށް އެކަން އެނގޭނެ ގޮތްތައް ރާއްޖެ އިޝްތިހާރު ކުރާ ކުންފުނިން ހޯދާފައި އޮތުން ވަރަށް މުހިއްމެވެ.

ފެއާތަކަށް ބޮޑު ހަރަދެއް ކުރިޔަސް ވައްޓަފާޅި ބަދަލުކުރަންޖެހޭ

ވިޒިޓް މޯލްޑިވްސްގެ މާކެޓިން ބަޖެޓަށް މިދިޔަ ދެ އަހަރުގެ ތެރޭގައި އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ. އެހެންވެ، ބޭނުންވާ ގޮތަށް ރާއްޖެ މާކެޓު ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ. 

މިދިޔަ އަހަރުތަކުގައި ވިއްސަށް ވުރެ ގިނަ ފެއާތަކުގައި ބައިވެރިވަމުން ދިޔަ ދިއުން ބަދަލުކޮށް މިހާރު އަހަރު ތެރޭގައި ބައިވެރިވާ ފެއާތަކުގެ އަދަދު ވަނީ 10 އަށް ދަށްކޮށްފަ އެވެ.

ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ޓްރެވެލް އެޖެންސީ، ރިސޯޓު ލައިފް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ޝާޒް ވަލީދު ވިދާޅުވީ، ފެއާތަކަށް އަދިވެސް ކުރަންޖެހޭ ހަރަދުތައް އިތުރު ކުރަންވީ ކަމަށާއި އެކަމަކު އެ ހަރަދުތައް ކުރާ ގޮތް ބަދަލު ކުރަންޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ، މުހިއްމީ ފެއާތަކުގައި ބައިވެރިވާ ޖާގަ ބޮޑުކޮށް، އެ ތަނަށް ގެންދާ ޓީމު ކުޑަކުރުން ކަމަށެވެ. އަދި ވިޒިޓް މޯލްޑިވްސް ބޯޑުގެ ހުރިހާ މެންބަރުންނާއި އެ ކުންފުނީގެ އިސްވެރިން އެ ފެއާއަށް ދިއުން މުހިއްމު ނޫން ކަމަށް ޝާޒް ވަލީދު ދެކެވަޑައިގަންނަވަ އެވެ.

"ނުޖެހޭ ދައުލަތުގެ ހުރިހާ އެންމެން ދާކަށް. މިސާލަކަށް އައިޓީބީ އަށް ވެރިން ވަޑައިގަންނަވާއިރު އެޑިޝަނަލް އެތައް ހަރަދެއް އެބަދޭ. އެ ހަރަދުތައް ކުޑަކުރަންވީ. ހަރަދު ކުރުމުގައި ގެންގުޅޭ މިންގަނޑުތައް ބަދަލުވާންވީ،" ޝާޒް ވަލީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިފަދަ ފެއާތަކުގައި ރާއްޖޭގެ ޕްރެސެންސް އަދިވެސް ބޮޑުކުރަންވީ އެވެ. އަދި ފެއާތަކާ އެއް ވަރަށް ޑިޖިޓަލް މާކެޓިން ކެމްޕެއިންތައް އިތުރު ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެެ.

ޝާޒް ވަލީދު ވިދާޅުވީ، ޓޫރިޒަމް ސެކްޓާ ޕްރޮމޯޓް ކުރުމުގެ މަސައްކަތަކީ ކުންފުނިތަކުން އެކަނި ކުރަންޖެހޭ ކަމެއް ކަމަށް ބައެއް ފަރާތްތަކަށް ވިސްނުމަކީ ވެސް މައްސަލައެއް ކަމަށާއި ސަރުކާރުން އިސްވެ، އިތުރު ހަރަދުތައް ކުރަން ޖެހޭ ކަމަށެވެ.

"ރާއްޖޭގެ ޕްރެސެންސް ވަރަށް މުހިއްމު. ވިޒިލިޓީ މުހިއްމު. ދައުލަތުން ހަރަދު ކުޑަކުރަން މި ކަންކަން މިކުރަނީ. ހަގީގަތަކީ ރާއްޖޭގެ ޓޫރިޒމަކީ ސަރުކާރަށް ޓެކްސްތަކެއް ދައްކައިގެން ކުރާ ވިޔަފާރިއެއް. އެކަމަކު ރާއްޖޭގެ މަލަމަތި ރީތި ކުރުމަށް ހަރަދު ކުރުމަކީ ކޮންމެހެން ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލެއް ނުކުރޭ،" ޝާޒް ވަލީދު ވިދާޅުވި އެވެ.

"މިއީ ވަރަށް ސެންސިޓިވް އިންޑަސްޓްރީއެއް. އެހެންވެ ޓޫރިޒަމް ހިފަހައްޓާނެ ގޮތެއް ހޯދަން ޖެހޭ."

ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތައް ހިންގަނީ ދުރާލައި ޕްލޭންތައް ރޭވިގެން ކަމަށާއި އަދިވެސް ރާއްޖެ އިޝްތިހާރު ކުރުމުގައި ފެންނަނީ، އެންމެ ރަނގަޅު ގޮތްތައް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން ޝާޒް ވަލީދު ނެންގެވީ ފުޓްބޯޅަ ކްލަބެއްގައި ރާއްޖެ އިޝްތިހާރު ކުރުމެވެ. އޭނާ ވިދާޅުވީ، އެކަން ކުރުމުގެ ބަދަލުގައި ރާއްޖެ އަށް މުހިއްމު މާކެޓެއްގެ ޓްރެއިން ސްޓޭޝަންގައި ރާއްޖެ އިޝްތިހާރު ކުރުން މާ ރަނގަޅުވީސް ކަމަށެވެ.

ޝާޒް ވަލީދު ވިދާޅުވީ، މާކެޓިން ބަޖެޓް ކުޑަ ނަމަވެސް ބޭކާރު ގޮތުގައި މާކެޓިންގެ ތެރެއިން ދޫވެގެންދާ ހަރަދުތައް އެބަހުރި ކަމަށެވެ. އެކަން ހައްލު ކުރުމަށް ސީރިއަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަން އޭނާ ފާހަގަކުރި އެވެ.

"ބޮޑަށް ކޮށްފައި ހުރީ ބޭކާރު ހަރަދު. ރަޝިއާ އެއީ އެންމެ ފުޅާވަމުން އަންނަ މާކެޓް. ކޮބައިތޯ އެ މާކެޓަށް ކުރި ހަރަދަކީ؟ އެބައިންތޯ، ރަޝިއާގައި ބޮޑު އިޝްތިހާރެއް ކޮށްފައި،" ޝާޒް ވަލީދު ވިދާޅުވި އެވެ.

ކުރީގެ ޓޫޜިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމަށް ލިބޭ އާމްދަނީގެ ނިސްބަތުން އެ ދާއިރާގެ ޕްރޮމޯޝަން ހަރަދު ބޮޑުވާންޖެހޭ ކަމަށެވެ. މާކެޓިން އަށް އިހުމާލުވާ ނަމަ ރާއްޖެ އިޝްތިހާރުވާ މިންވަރު ކުޑަވާނެ ކަމަށް ވިދާޅުވި އެވެ.

އެކި ފެއާތަކަށް ވިޒިޓް މޯލްޑިވްސް އިން ޖުމްލަކޮށްފައިވާ ހަރަދުތަކުގެ ތަފްސީލު
އެކި ފެއާތަކަށް ވިޒިޓް މޯލްޑިވްސް އިން ޖުމްލަކޮށްފައިވާ ހަރަދުތަކުގެ ތަފްސީލު

މައުސޫމް ވިދާޅުވީ، ޒަމާނީ ސްޓްރެޖީއެއްގެ ދަށުން ރާއްޖެ މާކެޓް ކުރާއިރު، އާ މާކެޓުތަކުން ޓޫރިސްޓުން ގެނައުމަށް އެކަން މުހިއްމު ކަމަށެވެ. އަދި ދުނިޔޭގެ އިރުމަތީގެ ގައުމުތަކުން ވެސް ޓޫރިސްޓުން ގެންނަ ވަރު އިތުރުކުރުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ. އެގޮތުން ޖަޕާނާއި ސައުތު ކޮރެއާ ފަދަ މަންޒިލްތަކަށް ވެސް އަމާޒުކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ މުހިންމުކަން މައުސޫމް ފާހަގަކުރެއްވި އެވެ.

"ސަރުކާރު 10 ޕަސެންޓް ކުރަންޏާ 90 ޕަސެންޓް މާކެޓިން އެއީ ޕްރައިވެޓް ސެކްޓާއިން ކުރާ ކަންކަން. އެހެންވީމަ ސަރުކާރުން ކުރާ ހޭދަ ބޮޑުކުރަންޖެހޭ. ރެވެނިއު ކިތައް ޕަސެންޓް އިތުރުވެއްޖެތޯ 10 އަހަރާ އަޅާ ބަލާއިރު. އެކަމަކު މާކެޓިން ބަޖެޓު ހަމަ އެއްވަރެއްގައި އުޅެނީ،" އޭނާ ވިދާޅުވި އެވެ.

ގައުމުތަކުން މާކެޓް ކުރުމުގައި ގެންނަ ބަދަލުތައް

ދުނިޔޭގެ އެހެން މަޝްހޫރު މަންޒިލްތަކުން ވެސް ބައިވެރިވާ މަޝްހޫރު ފެއާތަކުގެ ތެރޭގައި އައިޓީބީ އާއި ޑަބްލިއުޓީއެމް ހިމެނޭ އިރު، އެފަދަ ފެއާތަކަށް ގައުމުތަކުން ހަރަދު ކުރަމުން އައި ގޮތްތަކަށް މިދިޔަ އަހަރުތަކުގައި ބޮޑަށް ބަދަލެއް އައިސްފައިވެ އެވެ. 

ބައެއް ގައުމުތައް ކަމުގައިވާ ވިއެޓްނާމާއި އިންޑޮނޭޝިއާ އިން މައި ޓްރެވެލް ބޮޑެތި ފެއާތަކަށް ކުރާ ހޭދަ ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. އޭގެ ބަދަލުގައި ސޯޝަލް މީޑިއާ އެންޖޭޖްމެންޓް އިތުރުކޮށް ކޮންޓެންޓް މާކެޓިން، ޑޭޓާ-ޑްރިވެން ކެމްޕެއިންތައް ހިންގާ ވަރު އެ ގައުމުތަކުން ވަނީ އިތުރުކޮށްފަ އެވެ.

އެކަމަކު ޓޫރިޒަމްގެ އެހެން މަންޒިލެއް ކަމުގައިވާ ތައިލެންޑާއި ސިންގަޕޫރުން އަދިވެސް މިފަދަ ފެއާތަކަށް ދޭ އަހައްމިއްޔަތު ކަން ބޮޑެވެ. އެފަދަ ފެއާތަކަށް ކުރާ ހޭދަ ވެސް އިތުރަށް ވަނީ ބޮޑުކޮށްފަ އެވެ.

ފެއާތަކަށް ކުރާ ހޭދައާ އެއްވަރަށް، ޑިޖިޓަލް މާކެޓިން އަށް ކުރާ ހޭދަ ވެސް އެ ގައުމުން ވަނީ އިތުރު ކޮށްފަ އެވެ. ސިންގަފޫރުން ވަނީ ޓޫރިޒަމް ޕްރޮމޯޝަންގެ ބަޖެޓުން ބޮޑު ބައެއް ސޯޝަލް މީޑިއާ ކެމްޕެއިނާއި އިންފްލުއެންސާ ޕާޓްނާޝިޕް އަދި އޮންލައިން އޯޑިއަންސް ޓާގެޓިން ކެމްޕެއިންތައް ވަރަށް ބޮޑަށް އިތުރު ކޮށްފަ އެވެ. އަދި ޓްރެވެލް ފެއާތަކުގައި އެފަދަ ގައުމުތަކުން ބައިވެރިވަނީ، ސީދާ ކަސްޓަމަރުން ހޯދުމުގެ ބަދަލުގައި ނެޓްވޯކިން އާއި އެހެން ގުޅޭ ވިޔަފާރިތަކާ އޮންނަ ގުޅުން ބަދަހި ކުރުމަށެވެ. 

ރާއްޖެ އިން ޓޫރިޒަމް ޕްރޮމޯޝަނަށް 154 މިލިއަން ރުފިޔާ މި އަހަރު ވެސް ކަނޑައަޅާފައިވެ އެވެ. އެއީ މިދިޔަ އަހަރު ވެސް ހަމަ ކަނޑައަޅާފައިވާ ބަޖެޓެވެ. ސަރުކާރުން ރާއްޖެ އިޝްތިހާރު ކުރުމަށް ކަނޑައަޅާފައިވާ ބަޖެޓަކީ އެންމެ އެކަށީގެން ބަޖެޓެއް ނޫން ކަމަށް ދާއިރާގެ ފަރާތްތަކުން ފާހަގަކުރެ އެވެ.

އަދަދުތަކުން ބަލާއިރު ބޮޑު ހަރަދެއް ރާއްޖެ މާކެޓު ކުރުމަށް ހޭދަކުރި ކަމަށް ފެނުނު ނަމަވެސް، ފެއާތަކާ މުޅިން ދުރުވުން ރަނގަޅު ނޫން ކަމަށް ދާއިރާގެ ގިނަ ފަރާތްތަކުން އެއްބަސްވެ އެވެ. ބޭނުންވަނީ ޓްރެޑިޝަނަލް އަދި ޒަމާނީ ގޮތްތައް ހިމެނޭ ހައިބްރިޑް މޮޑެލްއެކެވެ. އަދި މި ދެކަން އެންމެ ފުރިހަމަ އަށް ކުރުމަށް ރަނގަޅަށް ރޭވިގެން ހިންގާ މާކެޓިން ކެމްޕެއިންތަކެވެ.