ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ 52 ފުރުސަތާ އެކު، "ވޯލްޑްސް ބިގެސްޓް ގިވްއަވޭ" ޕްރޮމޯޝަންގެ ނަމުގައި ބޮޑު ޕްރޮމޯޝަން ހަރަކާތެއް އެމްއެމްޕީއާރުސީން މިއަދު ފަށައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ގިވްއަވޭ ޕްރޮމޯޝަންގެ ގޮތުގައި، މި ފޯރިގަދަ ކެމްޕެއިން ކުރިއަށް ގެންދާނީ "ވިޒިޓް މޯލްޑިވްސް" ގެ ޕްލެޓްފޯމްތަކުގައި ކޮންމެ މަހަކު ބާއްވާ ސޯޝަލް މީޑިއާ މުބާރަތްތަކެއްގެ ތެރެއިން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ކޮންމެ މަހަކު ވެސް ނަސީބުވެރި ހަތަރު މީހަކު ގުރުއަތު ހޮވާއިރު، ކޮންމެ ނަސީބުވެރިއަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މި 52 މުބާރާތުގައި ރާއްޖޭގެ ތަފާތު ހުށަހެޅުންތައް ދައްކާލާއިރު، ސާފު ގޮނޑުދޮށްތަކާއި ދިރުންތަކާއި ސަގާފަތުން ފެށިގެން ފޯރިގަދަ ޑައިވިން އެޑްވެންޗާތަކާއި ލަގްޒަރީ ރިޓްރީޓްތަކާ ގުޅުވައި، ހާއްސަ ސަމާލުކަމެއް ދޭން ރާވާފައިވަނީ، ރާއްޖެ މަޝްހޫރުވެފައި އޮތް ހަނީމޫން، ލަގްޒަރީ، ފެމިލީ، ޑައިވިން އަދި އެހެނިހެން ޝައުގުވެރި ސެގްމަންޓްތަކަށެވެ.
އެމްއެމްޕީއާރުސީން ބުނީ، ދުނިޔޭގެ އެންމެ ބޮޑު ގިވްއަވޭ ކެމްޕޭންގެ މަގުސަދަކީ ދަތުރުފަތުރު ކުރުމަށް ލޯބިކުރާ މީހުން ސޯޝަލް މީޑިއާގައި ޝައުގުވެރިކޮށް، އެންމެ މަތީފަންތީގެ ޓޫރިސްޓު މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި ރާއްޖެއަށް އޮތް މަގުބޫލުކަން އިތުރުކުރުން ކަމަށެވެ.
މުޅި ދުނިޔެ އަށް ހުޅުވާލާފައިވާ މި ހަރަކާތަކީ، އެކި ސަރަހައްދުތަކުގައި ތިބި މީހުންނަށް ބައިވެރިވުމަށް ދައުވަތު ދީ، ރާއްޖޭގައި ހުރި ތަފާތު އެޓްރެކްޝަންތައް ހޯދައި، އަމިއްލަ އަށް ތަޖުރިބާކޮށް، މުޅި އަހަރު ޓޫރިސްޓު މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖެ އަށް ދެ މިލިއަނަށް ވުރެ ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އެއީ ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި ވެސް މިހާ ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ.
އެ ތާރީހީ ކާމިޔާބުގެ މަތީގައި، މި ފެށި 2025 ވަނަ އަހަރު ވެސް އެ އަދަދު 15 ޕަސަންޓަށް އިތުރު ކުރަން ސަރުކާރުން ވަނީ އަމާޒު ހިފައި، މަސައްކަތް ފަށައިފަ އެވެ.