ވިޒިޓް މޯލްޑިވްސް ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރަކަށް އަބްދުﷲ ޔާސިރު މިއަދު ހަމަޖައްސައިފި އެވެ.
އައްޑޫ ފޭދު އަށް އުފަން ޔާސިރު މީގެ ކުރިން ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވައިފަ އެވެ.
އޭނާ ވަނީ މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވައިފަ އެވެ.
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ޔާސިރު އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ޝިއުރީ މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
އެނގިފައިވާ ގޮތުގައި، ޝިއުރީ އިސްތިއުފާ ދެއްވީ ސަރުކާރުން އޭނާ އެ މަގާމުގައި ބަހައްޓަން ބޭނުން ނުވާތީ އިސްތިއުފާ ދެއްވަން އެދުމުންނެވެ.
އެމްއެމްޕީއާރުސީގެ ނަމުގައި ކުރިން ހިންގި މިހާރުގެ ނަމުން ނަމަ ވިޒިޓް މޯލްޑިވްސް ހިންގުމާ ޝިއުރީ ހަވާލުވީ ޖޫން 13، 2024 ގަ އެވެ.
ވިޒިޓް މޯލްޑިވްސް އިން އަންނަނީ، ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ބޮޑެތި ކެމްޕެއިންތައް ބާއްވައި، ބޮޑެތި ފެއާތަކުގައި ބައިވެރިވަމުންނެވެ.
އެ ކުންފުންޏަށް މިދިޔަ އަހަރު 17 މިލިއަން ރުފިޔާގެ ފައިދާއެއް ވީއިރު އެއީ އޭގެ ކުރީ އަހަރަށް ވުރެ 37 ޕަސެންޓްގެ ދަށްވުމެކެވެ.
ވިޒިޓް މޯލްޑިވްސް ކުންފުންޏަށް މިދިޔަ އަހަރު އެކި ދާއިރާތަކުން އާމްދަނީގެ ގޮތުގައި 36 މިލިއަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 60 ޕަސެންޓުގެ އިތުރު ވުމެކެވެ. ފައިދާ ދަށްވެފައިވަނީ، ކުންފުނީގެ ހަރަދުތައް އިތުރުވުމުގެ ސަބަބުންނެވެ.
ވިޒިޓް މޯލްޑިވްސްގެ ހަރަދުތަކުގެ 90 ޕަސެންޓު ހަމަޖައްސަނީ ސަރުކާރުން ދޭ އެހީގެ ތެރެއިންނެވެ. މިދިޔަ ދެ އަހަރު ވެސް އެ ކުންފުންޏަށް ދައުލަތުގެ ބަޖެޓުން 154 މިލިއަން ރުފިޔާ ދީފައިވެ އެވެ.
ވިޒިޓް މޯލްޑިވްސް ކުންފުންޏަށް 2023 ވަނަ އަހަރު ވަނީ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާގެ ގެއްލުން ލިބިފަ އެވެ.