އަޅުކަމަށް މައްކާއަށް ދިއުމަށް ދަތުރުކުރާ ބަޔަކު ސައޫދީ އަރަބިއްޔާގެ ޖިއްދާ އެއާޕޯޓްގައި: ސައޫދީން މިހާރު ވަނީ އުމްރާގެ އަޅުކަމަށް ވަކި ހާއްސަ ވިސާއެއް ކުރިން ނަގަން ނުޖެހޭ ގޮތަށް ހަދާފައި. -- ފޮޓޯ: އޭއެފްޕީ
08 އޮކްޓޯބަރ 2025 - 05:49
ސައްހަ ވިސާއެއްގައި ސައޫދީ އަރަބިއްޔާއަށް އެތެރެވާ ކޮންމެ މުސްލިމަކަށް ވެސް އުމްރާގެ އަޅުކަމަށް ފުރުސަތު ދޭން އެ ގައުމުން ނިންމައިފި އެވެ.
"ސައޫދީއަށް ޒިޔާރަތްކޮށް އުމްރާގެ އަޅުކަން އަދާކުރަން ގަސްތުކުރަންތަ؟ މިހާރު ކޮންމެ ވިސާއެއްގައި އަޔަސް އުމްރާކުރެވޭނެ،" ހައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީން އެކްސްގައި ލިޔެފައިވެ އެވެ.
"ﷲ ގެ މެހެމާނުންނަށް އުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކޮށްދިނުމަށް، ހުރިހާ ވިސާ ހޯލްޑަރުންނަށް އުމްރާގެ އަޅުކަން ކުރުމުގެ ހުއްދަ މިހާރު އޮންނާނެ. އޭގެ ތެރޭގައި އަމިއްލަ، އާއިލާގެ މީހުންނާ ބައްދަލުކޮށްލަން ކުރާ ދަތުރުތަކަށް ނަގާ ޕާސަނަލް ވިސާ، ޓްރާންސިޓް ނުވަތަ ސްޓޮޕްއޯވާ ވިސާ، ވޯކް ވިސާ، ޓޫރިސްޓް އީ-ވިސާ އަދި އެނޫން ހުރިހާ ވިސާއެއް އޮންނަ މީހުން ވެސް ހިމެނޭ،" އެ ޕޯސްޓްގައި ބުނެފައިވެ އެވެ.
މިނިސްޓްރީން ބުނެފައިވަނީ ސައޫދީއަށް އެތެރެވުމަށް ފަހު ނުސުކް އުމްރާ ޕްލެޓްފޯމުން، އެ މީހަކު ބޭނުންވާ ޕެކޭޖެއް ނެގުމާ އެކު ވަގުތުން އުމްރާ ވިސާ ލިބޭނެ ކަމަށެވެ. އޭރުން އުމްރާގެ އަޅުކަމުގެ ހުރިހާ ކަމެއް ފަސޭހަކަމާ އެކު ކުރެވޭނެ ގޮތްތައް ހަމަޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ހައްޖާއި އުމްރާގެ އަޅުކަން ފަސޭހަކޮށްދޭން ސައޫދީން ކުރަމުން އަންނަ މި މަސައްކަތުގައި ގެނައި މި ބަދަލަކީ "ސައޫދީ ވިޝަން 2030" ގައި ހިމެނޭ ކަންކަން ހާސިލްކުރުމުގައި ވެސް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލިފްހާ@
08 October 2025
ސައުދީ އޮފިޝަލުން އުމުރާ ވެރިންނަށް ރެސްޕެކްޓް ކުރުން “ސައުދީ ވިޝަން 2030 ގައި ހިމެނުމަށް ގޮވާލަން. އުމުރާވެރިންނަށް އިހާނެތިކޮށް ބޭއަދަބީކޮށް ކަންތައް ކުރާތަންފެނޭ.
ކުރު ކުރުސީ
08 October 2025
އެމްބީއެސް އަތަށް ގޮވީދޯ. މީހުން ދާ ވަރުމަދުވެގެން ލިބޭ ޑޮލަރު މަދުވީދޯ.