އޮޑިޓަ ޖެނެރަލް ނިޔާޒީ. އޭނާ ވިދާޅުވީ، ކޮރަޕްޝަންތައް އޮޑިޓަކުން އެކަނި ހައްލު ނުކުރެވޭ ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
08 އޮކްޓޯބަރ 2025 - 11:57
ފެނަކަ އޮޑިޓް 2023 ވަނަ އަހަރު ފެށި އިރު، އެ ކުންފުނީގެ 12،000 ޕާޗޭސް އޯޑަ (ޕީއޯ) ހުރީ ސިސްޓަމަށް ނާޅާ ކަމަށާއި ކުންފުނިތަކުން ރެކޯޑުތައް އެންމެ ފުރިހަމައަށް ނުބެލެހެއްޓުމުގެ ސަބަބުން އޮޑިޓްތައް ވަރަށް ބޮޑަށް ލަސްވާ ކަމަށް އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ އިއްޔެ ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމިޓީގައި ނިޔާޒީ ވިދާޅުވީ، ފެނަކައިގެ ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ މުދަލާއި ހިދުމަތްތައް ހުރީ ސިސްޓަމަށް ނާޅާ ކަމަށާއި އެފަދަ ކަންކަން ކުންފުނިތަކުން އިސްލާހުކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، އޮޑިޓްތަކުގެ މަސައްކަތްތައް ދިގުލައިގެން ދާ އެއް ސަބަބަކީ ކުންފުނިތަކުން ރެކޯޑު ބެލެހެއްޓުމުގެ ކަންކަން ބޮއްސުންލާފައި ހުރުން ކަމަށެވެ.
ފެނަކައިގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުން އެ ކުންފުނިން ބިޑަކާ ނުލައި 1.3 ބިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފައިވެ އެވެ. އަދި އޭރުގެ ވެރިކަން ކުރި ޕާޓީގައި އިސްކޮށް ހަރަކާތްތެރިވި ބައެއް މީހުންގެ ހިއްސާއޮތް ކުންފުނިތަކަށް ފައިދާވާ ގޮތަށް ގިނަ ޕްރޮޖެކްޓްތަކެއް ދީފައިވާކަން ވެސް ފާހަގަކުރެވިފައިވެ އެވެ.
ނިޔާޒީ ވިދާޅުވީ، ކުންފުނިތަކުގެ ކޮރަޕްޝަންތަކަކީ އޮޑިޓަކުން ނިންމާލެވޭނެ ކަންކަން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ މައްސަލަތައް ހައްލުކުރަން، ކުންފުނިތަކުގެ ކޯޕަރޭޓް ގަވަނަންސް އާއި ކުންފުނިތަކުގެ ބެލެނިވެރި އިދާރާތަކުން އެ މައްސަލަތައް އިސްލާހުކުރަން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
"ވޭސްޓޭޖާއި ފްރޯޑާއި މިކަންކަން ކިހިނެއްތޯ މަދުކުރާނީ؟ ހަމައެކަނި ހާއްސަ އޮޑިޓަކުން މިކަން ހުއްޓުވޭނެތޯ؟ އަޅުގަނޑަށް ހީވަނީ އެއަށްވުރެ ފުޅާކޮށް އެބަހުރިހެން ގިނަ މައްސަލަތަކެއް. މުޅި ގަވަނަންސް ރަނގަޅުކޮށްގެން މިކަންކަން ކުރެވެނީ. ކުންފުންޏެއް ހިންގަން މި ހަވާލު ކުރެވެނީ މެނޭޖިން ޑިރެކްޓަރަކާއި ކުންފުންޏެއްގެ ބޯޑަކަށް. މެނޭޖިން ޑިރެކްޓަރުގެ ޒިންމާތަކެއް އެބަހުރި. ބޯޑުގެ ޒިންމާތަކެއް ވެސް އެބަހުރި. އެބަހުރި އެހެން މުއްސަސާތައް ވެސް. ޕީސީބީ އެބައޮތް. ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުންނާއި ބޯޑު މެންބަރު އައްޔަނުކުރުމުގެ ޒިންމާތަކެއް ހަވާލުކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ޕީސީބީ އަކީ މިނިވަން އިދާރާއެއް ނަމަވެސް، އެ އިދާރާގެ ބޯޑުން ވަނީ ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން ކަނޑައެޅުމުގެ ބާރު ދޫކޮށްލައިފަ އެވެ. ޕީސީބީގެ ބޯޑުން ފާސްކޮށްފައިވަނީ ކުންފުނިތަކުގެ އިސްވެރިން ކަނޑައެޅުމަށް ނަން ފޮނުވާނީ ރައީސްޖުމްހޫރިއްޔާ ކަމަށެވެ. އެ އިދާރާއަށް 10 އަހަރުވީ އިރު ވެސް އެ އުސޫލަށް ފަހުން އައި އެއްވެސް ޕީސީބީގެ ބޯޑަކުން ބަދަލު ގެނެސްފައެއް ނުވެ އެވެ.
ނިޔާޒީ ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކަކީ ފިނޭންސުން ސަބްސިޑީ ދީގެން ހިންގާ ތަންތަން ކަމަށާއި، ސަބްސިޑީ ދޭ އިރު ވެސް ބަލަން ޖެހޭ ކަންކަން ހުންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ފެނަކަ ފަދަ ކުންފުނިތަކުގެ ކުރީގެ އޮޑިޓްތަކުން ވެސް އެ ކުންފުނިތަކުގެ ބޮޑެތި މައްސަލަތައް ފާހަގަކޮށް، ލިބެންޖެހޭ ފައިސާތައް ފާހަގަކޮށްފައި އޮތް އިރު މިހާ ހިސާބަށް އައި އިރު އެ ކުންފުނިތަކުން ގެއްލިފައިވާ ފައިސާއިން ހޯދުނީ ކިހާވަރެއްތޯ ބަލަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ، ދައުލަތެއްގެ ތެރޭގައި މިފަދަ ގިނަ މައްސަލަތައް ހުރިކަން ފާހަގަކުރެވޭ ކަމަށާއި މިކަންކަން ހައްލުކުރެވޭނީ ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މީހާމީ
08 October 2025
ސިސްޓަމުންނޭ ޕާރޗޭސް އޯޑަރު ޖެނެރޭޓުކުރަނީ ދެން ކޯއްޗެއް ސިސްޓަމަށް ނާޅާ ވާހަކައެއް ތިކިޔަނީ؟ ތަންކޮޅެއް ސާފުކޮށް ވާނުވާ އެނގޭހެން ކިޔާބަލަ.
ކުޑަ ޢަލީ
09 October 2025
ބްރޯ، އެއީ ސިސްޓަމް މައްސަލަޖެހިގެން މެނުއަލްކޮށް ހަދާފަ ހުރި އެއްޗެހި.
ޑރ ވާންޗޯ
08 October 2025
ތީ ޕީއޯއަށް ނޭޅީކީނޫނޭ. ޕީއޯ ފުރިގެން ބަންޑުންވިބައިތީ!!!.
މުލޭ
08 October 2025
ތިހެން ހުންނަ ކަންކަން ރަނގަޅުކުރަން އެއްވެސް ބަޔަކު ބޭނުމެއް ނުވޭ. ރަނގަޅު ކޮށްފިއްޔާ އެބަޔަކަށް ވެސް ނުކެވޭނެ. ބާރުލިބުނީމަ ކައިގެން ބާރުދިޔައިމަ ވައްކަމޭ، ލޫޓުވުމޭ، ފެނަކައޭ، ސްޓެލްކޯއޭ، އާރުޑިސީއޭ އޮޑިޓޭ ކިޔައި ރައްޔިތުން މަގު ފުރެއްދުން ސިޔާސީންގެ ކަމަކީ. އެކަންކަން ތަޖުރިބާ ނުކުރެވޭ ދިވެހި ރައްޔިތަކު މިހާރު ނުހުންނާނެ. ހުރިއްޔާ އެމީހަކީ ސިކުނޑި ވިއްކާލައިގެން ހުރި މީހެއް. އެމީހަކު ވިސްނަނީ އެހެން ކޮންމެވެސް މީހެއްގެ ސިކުނޑިން.
މިންނުމިން
08 October 2025
މީ މީނާ ދައްކަންޖެހޭ ވަރުގެ ވާހަކަ ތަކެއްބާ. ތި މަަސައްކަތް ކުރަން ކޮންމެވެސް މުވައްޒަފެއްގެ ވަޒީފާ ބަޔާނުގައި އޮންނާނެ. އެބަޔަކު ކައިރިިން ސުވާލުކޮށް މައްސަލަ ބަލާ ނިންމާފައި ރައްޔިތުންނަށް އަންގަންވީނުން. މާދަން ބުނާނެ އެބައޮތޯ 3000 އެންޓްރީ ސިސްޓަމަށް އެންޓަރ ނުކޮށް. އަދިވެސް ބަޖެޓް ބޮޑުކޮށްނުދީގެން ތެޅި މަރުވަނީ. ޒަމާނީ ވަސީލަތްތައް (އޭއައި) އައި.ސީ.ޓީ. ބޭނުންކުރަންނޫޅެ ކުރާ ހުރިހާ ކަމެއް ވާނީ ފެއިލް. ގަޑު ބަޑުވާނީ.
އައްލާމި
08 October 2025
ކިހިނެތްތޯ ދެން ހަދާނީ؟؟؟ ކުޑަރަށެއް ބޮޑުރަށެއް ބެލުމެއްނެތި ތަރައްގީ ކުރަނިއްޔޭ ކިޔާފަ މިއޮތީ ކުޑަރަށެއް ބޯޑުރަށެއް ބެލުމެއްނެތި ރަށްފުށު ރައްޔިތުން ކަނު އަނދިރީގަ ބައިތިއްބާފަ ފެނަކަ ދަވާލާފަ،، މަމިހުރީ ކޮޅަށް ހުންނާނެ ކޮޅުވެސް ނޭނގޭހާ ހައިރާންވެފަ
ސިއްބަތް އަޒީޒް
08 October 2025
މުޅި ދައުލަތް ލޫޓުވާލި ބަޔެއް މި އެމްޑީޕީއަކީ. އެކަން އެހެން ލެވެލްއެއްގައި މިހުރީ ހިންގާފައި
ދީމާ ސަވާދު
08 October 2025
އެމްޑީޕީގެ ބޮޑު ހިޔާނާތް. ލަދު ކޮބާ؟
ހަމްދާ
08 October 2025
ދެން މިހާރު ހިމޭން ކެއުމެއްގަ