ދިރާގުން މުޅި ރާއްޖެއަށް ފައިބާ ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ތައާރަފްކުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
10 އޮކްޓޯބަރ 2025 - 08:41
މި އަހަރުގެ ކުރީކޮޅު މުޅި ރާއްޖެ އަށް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފު ކުރުމާ އެކު، ހައިސްޕީޑް އިންޓަނެޓް ހިދުމަތް ދޭން ފެށުން ދިރާގުން ރަސްމީކޮށް ރޭ ފާހަގަކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފުރަތަމަ މުވާސަލާތީ ކުންފުނީގެ މި ތާރީހީ ކާމިޔާބީ ފާހަގަކުރީ، ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ހަފުލާގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، ހައި ސްޕީޑް އިންޓަނެޓް ކޮންމެ ރަށަކަށް ފޯރުކޮށްދިނުމަކީ "ޑިޖިޓަލް ރާއްޖެ" އެއް ގާއިމުކުރަން މަސައްކަތް ކުރަމުން އަންނައިރު އެއްވެސް ރަށެއްގެ އެއްވެސް ގެއެއް ބާކީ ނުކޮށް، އިންޓަނެޓުގެ ހިދުމަތް އެންމެ ފުރިހަމައަށް ދިނުން ކަމެއް ކަމަށެވެ. އަދި މިއީ ވިޔަފާރިތަކާއި މުޖުުތަމައުތައް ކުރިއަރުވައި، ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކަށް އިންޓަނެޓުގެ ޒަރީއާ އިން ފަސޭހައިން ގުޅައިދީ، ވިޔަފާރިތައް ފުޅާކުރުމަށް އެހީވާނެ ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
ދިރާގުން މުޅި ރާއްޖެއަށް ފައިބާ ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ތައާރަފްކުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސީއީއޯ ވިދާޅުވީ މިއީ އެކި ދާއިރާގެ ތަރައްގީތަކަށް ވެސް ދޮރު ހުޅުވިގެން ދާނެ، އެކި ފުރުސަތުތައް ފަހިވާނެ ކާމިޔާބީއެއް ކަމަށެވެ.
"މި ކާމިޔާބީއާ އެކު އިންވެސްޓަރުންގެ އިތުބާރާއި ކޮންފިޑެންސް ރާއްޖެ އަށް ލިބިގެން ދާނެ. އަދި އިނޮވޭޝަނަށް ރަނގަޅު ފްރޭމްވޯކެއް އުފެދި ތަރައްގީގެ އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެ،" އިސްމާއިލް ވިދާޅުވި އެވެ.
ދިރާގުގެ ކާމިޔާބީ ފާހަގަކޮށް ސަރުކާރުގެ ފަރާތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން ދިރާގުގެ ސީއީއޯ އިސްމާއިލް އަށް ހަނދާނީ ފިލައެއް ދެނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭނާ ފާހަގަކުރެއްވި ގޮތުގައި، މުޅި ރާއްޖެ ފައިބާ ބްރޯޑްބޭންޑުން ގުޅާލައި، އިންޓަނެޓުގެ ހިދުމަތް ދެނީ މުޅި ދުނިޔޭގައި ވެސް މަދު ގައުމަކުންނެވެ. އަދި ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކުން މި ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމަކީ ދިރާގަށް ލިބުނު ބޮޑު ފަހުރެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
"މި މަސައްކަތް ކުރެވުނީ ދުރާލައި ކުރި ގިނަ މަސައްކަތްތަކުގެ ސަބަބުން. އޭގެ ތެރޭގައި ސަބްމެރިން ކޭބަލްގެ ޕްރޮޖެކްޓުތައް ހިމެނޭ،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިރާގުން މިހާރު މަސައްކަތްކުރަމުން އަންނަނީ އިތުރު ޑިޖިޓަލް ހިދުމަތްތައް ތައާރަފްކޮށް، ހިދުމަތްތައް ވަރުގަދަ ކުރުމަށް ކަމެށެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެއްވެސް ގައުމަކަށް ބަރޯސާ ނުވެ، އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިމަށް. އެކަމުގެ މަސައްކަތްތައް ހަލުވި ސްޕީޑުގައި ކުރިއަށް އެބަދޭ،" އިސްމާއިލް ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން ދިރާގުގެ ކާމިޔާބީ ފާހަގަކުރައްވައި ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރޭގެ ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ދިރާގުން މުޅި ރާއްޖެ އަށް ދޭން ފެށި ފައިބާ ބްރޯޑްބޭންޑު އިންޓަނެޓު ހިދުމަތަކީ މިއީ ގިނަ ގައުމުތަކަކުން ހާސިލް ކުރަން ބޭނުންވާ ކަމަކަށް ވާއިރު، މިއީ ދުނިޔޭގެ ފެންވަރުގައި ރާއްޖެ އަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އެއީ ދިރާގުގެ ތާރީހީ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.
"މިއީ ގިނަ ބަޔަކަށް އިންޓަނެޓު ހޯދުމުގައި ތަހައްމަލު ކުރަން ޖެހުނު ދަތިތައް ތާރީހުގެ ތެރެއަށް ގެންދިޔަ ބޮޑު ކާމިޔާބީއެއް. މީގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ހައި ސްޕީޑް އިންޓަނެޓް ލިބުމަކީ ހިޔާލަށް ވެސް ގެންނަން އުނދަގޫ ކަމެއް. މިއީ ގައުމީ ހިދުމަތެއް." ދިރާގުގެ މަސައްކަތްތަކަށް ތައުރީފު ކުރައްވަމުން މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
ދިރާގުގެ ކާމިޔާބީ ސަރުކާރާއި ހިއްސާކުރުމަށް ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު، މިނިސްޓަރު އިހުސާންއަށް ހަނދާނީ ފިލައެއް ދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭނާ ވިދާޅުވި ގޮތުގައި، މިއީ ސަރުކާރުން ފަށާފައިވާ މޯލްޑިވްސް 2.0 ގެ ވެސް އެންމެ މުހިންމު އެއް ބައެވެ. އަދި ރާއްޖޭގެ އެކި ހިދުމަތްތައް ޑިޖިޓަލް ކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު މި ފަދަ "ޑިޖިޓަލް ބެކްބޯން" އެއް ގާއިމުވުމަކީ އެ މަސައްކަތްތަކަށް ވެސް ލިބުނު ކާމިޔާބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
ދިރާގުން މުޅި ރާއްޖެ އަށް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތްތައް ދޭން ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުން ދިރާގަށް ހާއްސަ ހަނދާނީ ފިލައެއް ދިނެވެ. އަދި ދިރާގުން ވެސް މި ތާރީހީ ކާމިޔާބީ ފާހަގަކުރުމަށް ސަރުކާރަށް ހާއްސަ ފިލައެއް ދިނެވެ.
ދިރާގަކީ ރާއްޖޭގެ އެންމެ ފުރަތަމަ ޓެލެކޮމިއުނިކޭޝަން ހިދުމަތް ދޭން ފެށި ކުންފުންޏެވެ. އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ޑިޖިޓަލް ރާއްޖެއަކަށް ބޭނުންވާނެ ހިދުމަތްތައް ތައާރަފު ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފއބ
11 October 2025
ފައިބާ އިންޓަނެޓޭ؟ ކޮންތަނަކުން ފައިބާ އެއްޗެެއް
ޖައްސާޖައްސާ
10 October 2025
މުޅި ރާއްޖެ އަށް ފައިބަރ ނެޓް ދިރާގުން ދީފިނަމަ ދެން އާބާދީކުދި ރަށްތަކުގައި ކޮންމެހެން ސަރުކާރުން ބޮޑެތި ޚަރަދުކޮށްގެން ސްކޫލް ތައް ހަދައިގެން އެތަންތަނަށް ބޮޑެތި ޚަރަދު ކުރަން ނުޖެހޭނެއޭ ބަދަލުގައި ވާރޗުއަލް ކްލާސް ރޫމްހަދާ ވާރޗުއަލް ސްކޫލް އިން ކިޔަވާދޭން ސަރުކާރުން ވިސްނާށޭ އިންޓަރނެޓް ސްޕީޑް ގައި ބޭނުންވަރަށް ލިބުން އެއީ ޚަރަދުކުޑަވެފައި އަދި ވަގުތު ސަލާމަތް ކުރެވޭނެ ކަމެކޭ މިކަންކަން ސަރުކާރުން ދަންނާށޭ މިކަން ކުރުން އަވަސް ކުރާށޭ
ޑަކުޓަރ ބަނާނާ
10 October 2025
އިންޓަނޭޓު ފައިބާ ވާހަކަ އޮތީމަ ރައްޔިތުންގެ ހިތްތަކުގެ ސަކަޖޯޝެއް އުފެދިއްޖެ. އެހެންކަމުން ޖޯޝު އިތުރުކޮށްލުމަށްޓަކާ މިކަމުގެ ތެރެއަށް ވަޒީރު ނަސީރު ކުޑަކޮށްނަމަވެސް ތަދަޚުލްވެލަންޖެހޭކަމަށް ނިކަމެތި އަޅުގަނޑުގެ ސިކުނޑިއަށް ވިސްނެނީ.
ކަބީތު
10 October 2025
އިންޓަނެޓަކީ މަތިން ފައިބާ އެއްޗެއްތަ؟؟
ދިޔާ
10 October 2025
ރާއްޖެއަށް އިންޓަނެޓްވެސް މިހާރު ފައިބަންފެށިތާ؟ ތިޔައީ އާދައިގެކަމެއްނޫން
ރަދީފު ބިން ރަފައިދާ
10 October 2025
ރައީސްމީހާ ތިޔަ ޖަލްސާގައި ނެތީމާ ވަރަށް ފަޅު.
މަސްމަލް
10 October 2025
ފައިބާތަ ފައިބަރ ތަ؟
ފީލްއިޓް
10 October 2025
ދިރާގަކީ އެއީ ގަތަރުގެ ކުންފުންނެއް ކަމަށްވެފައި އަދި ގަތަރަކީ ދުނިޔޭގެ އެންމެ މުއްސަނދި ގައުމުގެ ލިސްޓްގައި ހިމެނޭ ގައުމަކަށްވާއިރު ދިވެހިސަރުކާރާއި ގަތަރާއި އެކު ބައިލެޓްރެލް ރިލޭޝަންސްގެ ތެރޭން ދިރާގުގެ ވިޔާފާރި އިތުރަށް ފުޅާ ކުރެވިދާނެ ވަރަށް ގިނަ ގޮތް ތައް އެބަހުއްޓޭ މާލޭގައި ހުރި އެޑިއުކޭޝަނަލް އިންސްޓިޓިއުޝަންސް ތަކާއި ދިރާގާއި ގުޅިގެން ރާއްޖެ ޑިޖިޓަލް ގައުމަކަށް ބަދަލުވާ ރޯޑްމެޕް ގައި ހިމެނޭ ގިނަ ކަން ކަން ދިރާގަށް ކުރެވިދާނެ ކަން
ދަރޯގާ
10 October 2025
ދިރާގަކީ ބަހްރެއިން ޓެލެކޮމް ކޮމްޕެނީ ބަޓެލްކޯގެ ދަށުން ހިންގާ ކުންފުންޏެއް، ބަހްރެއިންއާ ގަތަރަކީ ތަފާތު ދެގައުމެއް. ވަރަށް ގިނަމީހުންނަށް އޮޅޭތީ ރަނގަޅުކޮށްލަދިނީ.
ސީޓްބެލްޓް
11 October 2025
ފީލްއިޓް މާ ބޮޑަށް ފީލްވެފައި ތިޔަ އޮތީ! ދިރާގަކީ ގަތަރާއި ގުޅިފައިވާ ކުންފުންޏެއް ނޫން. ގުޅިފައިވަނީ ބަހްރެއިން އާއި. މީގެ ދުވަސް ތަކެއް ކުރިން މިތާގައި އުޅޭ އޮނަރަބްލް ރޯނު އަފީފްދީދީ ވެސްް ރާއްޖޭގައި އޫރިދޫ އާއި ދިރާގަކީ ގަތަރުގެ ކުންފުންޏަކުން ހިންގާ 2 ތަނެކޭ އެހެންވެގެން ދެބައި މީހުން ގުޅިގެން ޚިދުމަތް އަގުހުޔޮ ނުކުރަނީއޭ ކިޔައިގެންވެސް ފަތިވަރުތަކެއް ދެމި!.
ހކޑއ
11 October 2025
އޮނަރަބްލްގެ ނަމުގެ ބަދަލުގަ ފީލްއިޓް ޖަހައިގެން ތިކޮމެންޓުކުރަނީޔޯ. ލިޔުން ވޯޑިންގ އިންފޮމޭސަން އެޓިޓިއުޑް އެކައްޗެއްވީމަ.
ގަޅި ދިވެހި ބަސް
10 October 2025
މުޅި ރާއްޖެ އަށް ފައިބާ؟؟ އުޑުންތަ ފައިބަނީ؟ އަނެއްކާ ކޮންއެއްޗެއް ފައިބަނީ؟
ދިވެހި އުސްތާޛު
10 October 2025
ދިވެހި ބަހެއް ނޫން ގަޅީކީ.. ކޮންޓެކްސްޓަށް ބަލާފަ، މާނަ ކުރަން ނޭނގުމަކީ ބަސް ގަޅިވުމެއް ނޫން..
ދަސްކުރޭ
10 October 2025
ފައިބަރ
ކުރާށޭ
10 October 2025
ރާއްޖެ ޑިޖިޓަލް ގައުމަކަށް ހަދަން ބޭނުންނަމަ ރާއްޖެ އެބަޖެހޭ ނަކަލު ކުރަން އިންޑިއާ އަދި ޗައިނާ ދަތުރު ކުރަމުންދާ ގޮތް ގިނަ އަދަދެއްގެ ދަރިވަރުން ތަކެއް އެބަޖެހޭ ސްޓެމް އަދި ސްޓީމް ސަބްޖެކްސް ތައް ކިޔަވާނެ ގޮތް ހަދަން އެކަން ކުރެވިދާނެއޭ ދިރާގަށް އިހަށް ދުވަހު މަމެން ދެކުނީމޭ މާލޭގެ ސްކޫލެއްގެ ދަރިވަރުން އަމިއްލަ ރޮބޮޓެއް ތައްުޔާރުކޮށް އޭގައި އޭއައި ހިމެނޭ ޕްރޮޓޯޓައިޕެއް މިކަން ދިރާގުގެ އެހީތެރިކަމާއި އެކު މާލޭގައި ތަރައްގީ ކުރެވިދާނެ އެކަން