އިޖުތިމާއީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓުތައް އެހެން މީހުންނަށް ކުއްޔަށް ދޫކޮށްފައިވާ ނަމަ އެ ތަންތަން ދައުލަތަށް ނަގާނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވަ ފްލެޓުތައް: އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް އެހެން ބަޔަކަށް ކުއްޔަށް ދީފައިވާ ނަމަ ދައުލަތަށް ނަގާނެ ކަމަށް މިނިސްޓަރު މުއްތަލިބު މިއަދު ވިދާޅުވި.---ފައިލް ފޮޓޯ: ފަޔާޒު މޫސާ| މިހާރު
11 އޮކްޓޯބަރ 2025 - 17:29
އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް އެއްބަސްވުމާ ހިލާފަށް އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމަކަށް ނުވާތީ، އެ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކުގެ ތަޅުދަނޑި ދޫކުރަން ފެށިތާ އަދި ދެ ހަފުތާވީއިރު، ބައެއް ފްލެޓުތައް ބޮޑު އަގުގައި އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރަން އިޝްތިހާރު ޖަހާފައިވާ މައްސަލަ އިއްޔެ ވަނީ ފެންމަތިވެފަ އެވެ.
އެ ކަމާ ގުޅިގެން ހައުސިން މިނިސްޓަރު މުއްތަލިބު މިއަދު ވިދާޅުވީ، އެއްބަސްވުންތަކާ ހިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި އެ ތަންތަން ދީފައިވާ ފަރާތް ނޫން އެހެން ބަޔަކު ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާތިލްކޮށް އެ ފްލެޓުތައް ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
"އެގޮތުން، ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ވީހާ ވެސް އަވަހަކަށް ފެށުމަށް މި މިނިސްޓްރީން މި އަންނަނީ މަސައްކަތް ކުރަމުންނެވެ،" މިނިސްޓަރު އެކްސްގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކަކީ ރައްޔިތުންގެ ފައިސާ އިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒް ކޮށްފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމަށް ވާތީ، ބޮޑެތި އަގުތަކުގައި އެ ފްލެޓުތައް ކުއްޔަށް ދީ، އެއްބަސްވުމުގައި ސޮއިކުރި މީހާ ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށް އަދި އެހެން ބޭނުމަކަށް ވިޔަސް ބޭނުން ކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.
ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމުގައިވާތީ، އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން… pic.twitter.com/y5RsKvY63B
— Abdulla Muththalib (@muththo) October 11, 2025
މިނިސްޓަރު މުއްތަލިބު ވަނީ ގެދޮރުވެރިޔާ ފްލެޓުތައް ދޫކޮށްފައިވާ މީހުންނާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ތިން ވަނަ ފަރާތަކަށް އެ ފްލެޓުތައް ކުއްޔަށް ނުދެވޭނެކަން ބަޔާންކުރާ މާއްދާތައް ވެސް އާންމު ކުރައްވައިފަ އެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން ނަމަ އެފްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ކުއްޔަށް ހިފާ ފަރާތުން ތިންވަނަ ފަރާތަކަށް ފްލެޓު ކުއްޔަށް ދިނުމަކީ މަނާކަމެކެވެ. އަދި އެހެން ފަރާތަކަށް ފްލެޓު ކުއްޔަށް ދިން ކަމަށް ބުނެ އެފްޑީސީ އަށް ޝަކުވާއެއް ލިބިއްޖެ ނަމަ އެ ޝަކުވާއެއް ބެލުމާއި ފިޔަވަޅު އެޅުމުގެ އިހުތިޔާރު ވެސް އެ ކުންފުންޏަށް ލިބިގެންވެ އެވެ.
އެފްޑީސީން ވެސް މިއަދު ވަނީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް ދޫކުރާ ފްލެޓުތައް އެއްބަސްވުމާ ހިލާފަށް ކުއްޔަށް ދޭ ނަމަ ފްލެޓުތައް އަތުލާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ހައުސިން މިނިސްޓަރު މުއްތަލިބާއި އެފްޑީސީގެ އެމްޑީ ހަމްދާން.---ފޮޓޯ: ރައީސް އޮފީސް
އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް "އެކްސް" ގައި މިއަދު ވިދާޅުވީ، އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އެ ފްލެޓުތައް ދޫކުރަނީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް އިސްކަން ދީގެން ކަމަށެވެ.
"އެއްބަސްވުމާ ޚިލާފަށް ފުލެޓު ކުއްޔަށް ދޭ ނަމަ ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދައި، އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ ފަރާތްތަކާ އެކު ހެދިފައިވާ އެއްބަސްވުން ބާތިލްކޮށް ފްލެޓް އަތުލެވޭނެ ވާހަކަ ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ނުވަތަ ފަހި ފްލެޓުގެ ތެރެއިން މިހާތަނަށް ހަވާލުކުރި ބައެއް ފްލެޓްތައް ފޮޓޯއާ އެކު މިހާރު ވަނީ ކުއްޔަށް ދޭން އިއުލާންކޮށްފަ އެވެ. އެކަމަކު ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. އެއީ، ފްލެޓް އަތުލެވިދާނެ ކަމެއް ކަމަށް އެއްބަސްވުގައި ވެ އެވެ.
ތިން ކޮޓަރީގެ ފްލެޓެއް 25،000 ރުފިޔާ އަށް ކުއްޔަށް ދޭން އިއުލާން ކޮށްފައިވާއިރު، އެ ތަނުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ 11،500ރ. އެވެ. އެހެންކަމުން އިއުލާންކޮށްފައި ވަނީ ކުއްޔަށް ވުރެ 13،500ރ. ބޮޑުކޮށް ދޫކުރުމަށެވެ.
އެކަމަކު ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. އެއީ، ފްލެޓް އަތުލެވިދާނެ ކަމެއް ކަމަށް އެއްބަސްވުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފާފު
13 October 2025
ހިޔާގެ ފްލެޓު ލިބުނު ބައެއް ޢާއިލާތަކަށް އެހެން ކުންފުނިތަކުގެ ފްލެޓް ލިބިފައި އެބަހުރި، މީގެތެރޭގައި ނުފޫޒު ގަދަ ފަރާތްތައް ވެސް ހިމެނޭ، އެފަދަ ފަރާތްތަކުން ވަނީ ދެވަނަ ފަރާތްތަކަށް ކުައްޔަށް ދީފައި، ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ޖާގަ ކުޑަވެގެން ވެސް ނުގޮސް އެބަތިބި، ކުދިންގެ ކިޔެވުން މާލޭގައި ކުރިޔަށް ދާތީވެސް ނުގޮސް އެބަތިބި. ބޭރުގައި އުޅޭތީ ވެސް އެބަތިބި. ފުލުހުން ވެސް ސިފައިން ވެސް މެ.
ހަސަނު
12 October 2025
މަށަކަށް ހިއެއްނުވޭ މިކަން މިސަރުކާރަށް ވާނެހެނެއް...
ސޯދޭ
12 October 2025
ސުރުޚީގަައި އޮތްގޮތް ކަމަކު ނުދޭ. ރަނގަޅު ގޮތަކީ "ބަލައި ފާސްކުރަނީ". ތަންތަން ބަލަން ފާސްކުރާނީ ކޮންމެސްބަޔަކު. މިސާލަކަށް މަޖިލީހުން. ތަފުސީލުގައި އޮތީ ރަނގަޅަށް ކަމަށް ފެނޭ.
ސްކޭމް ދޮންބެ
12 October 2025
ފްލެޓްތަކުގެ ކަންތައް ކިރިޔާވެސް ބަރާބަރަށް ހިނގީ މައުމޫންގެ ދުވަސްވަރު. އޭގެ ފަހުން އައި ސަރުކާރުތަކުން ހިންގައިގެން މިއުޅެނީ ފްލެޓް ސްކޭމް. ޕާޓީ މީހުންނަށް ފްލެޓް ދޭން ފެށިފަހުން މިއަށްވުރެ ބޮޑު ސްކޭމެއް މިގައުމުގައި ނެތް.
ކަފާސް
12 October 2025
ހުޅުމާލޭގެ މަގުމަތީގައި ހިނގާ ކަންކަން ނުބެލޭ ބަޔަކަށް އަދި ތަނެއްގެ އެތެރެ ބެލޭނެތަ. މަސްޖިދުލްވާލިދައިން ކުރަމަތީގައި ދުވާރުގައި ހޮޓަލެއް ހިންގާއިރު އެކަމެއް ނުހުއްޓުވުނު.
އަހަނދޭ
12 October 2025
ކާކު މި ފާސްކުރަނީ؟؟ ފާސްކުރަން ތައްޔާރުވާން ކުރަން މި ޖެހެނީ ކޮންކަމެއް؟
ފަރަންޖީ
12 October 2025
ތިޔަކުން ތިކަމަކަށް ހައްލެއް ނާންނާނެ.. ދެން ކުރާނީ ވަގަށް ދެބައި މީހުން ބައިވެރިވެގެން. ތިކަންކުރާއިރު ކުއްޔައް އުޅޭ މީހާއެތަނުން ނިކުންނަން ޖެހެންޏާ އޭނަވެސް ދޮގުހެދުމުގަ ބައިވެރިވާނެ. ތިތަނުގައި ކުއްޔައް ތިއުޅެނީ ހަގީގަތުގައިވެސް ހާލުގައި އުޅޭމީހާ. ފާސްކުރުމުގެ ބަދަލުގައި ކުއްޔައް އުޅޭމީހާ އެކަން ރިޕޯޓްކޮށްފިނަމަ އެމީހަކަށް ސަރުކާރުން އެތަން ދިގުމުއްދަތައް ދޭންވީ. އޭރުން ތިކަން ހައްލުވާނެ. ފޭސް 2 ވެސް ތިހެން ބަލާތި
ޝުއޭބު
12 October 2025
ކުއްޔަށް އުޅޭ ފަރާތްތަކަށް ވަގުތުން ފްލެޓް ހަވާލުކޮށްލީމަ ހުންނާނީ ރަނގަޅަށް.
ސަތޭކައިން ސަތޭކަ
12 October 2025
ނާސިރު ދައުރުގައި ކުއްޔަށް ދީފައި ހުރި ގޯތިތަކުގައި އުޅުނު މީހުންނަށް އެމީހަކު ހުރިތަނެއް ދިން. މިހާރުވެސް އެކަހަލަ ކެރޭ ވެރިޔަކު ހުރެގެން ސާބިތުކަމާއެކު މޫނަކަށް ކަދުރާއަކަށް ނުބަލައި ފިޔަވަޅު އަޅާއިރަށް ތިޔައީ ކުރަން އުނދަގޫ ކަމަކަށް ނުވާނެ.
އަލް ޖަބީނު
12 October 2025
އަދި ކިރިޔާ ރަގަޅު ކަމެއްގަ ތިއުޅެނީ މަގޭ ވޯޓު ޔަގީންވާނެ. މަކަރު ހަދާގެން ހައްގު ނޫންގޮތުގަ ފުލެޓް ހޯދާފަ އޭގޭން ވިޔަފާރި ކުރާ މީހުން އަތުން އަތުލާ ދުވަހަކުން
ދިވެސް
12 October 2025
އެބަ ރަނގަޅުވޭ، ކުއްޔަށްދޭނީ މަކަރުން ފުލެޓް އޭގެ ނީޑް ނެތި ހޯދާމީހުން. އަހަރެމެން މިޖެހެނީ ގަނަތެޅެން ފުލެޓުވެސް މިލިބެނީ ވަކިބަޔަކަށް. އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މީހުން އަތުން ވަގުތުން ވަގުތަށް އަތުލަން ވާނެ،