އަފްޣާނިސްތާނާއި ޕާކިސްތާން ގުޅުވައިދޭ ބޯޑަރު ކައިރީގައި ޗެކް ޕޯސްޓެއްގައި ތާލިބާނުންގެ މިއަދު ހަތިޔާރާ އެކު. -- އޭއެފްޕީ
12 އޮކްޓޯބަރ 2025 - 19:58
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު މައްސަލަ ބޮޑުވެފައި ވާއިރު ބޯޑަރު ކައިރީގައި ރޭ ދިން ހަމަލާތަކުގައި ދެ ގައުމުން ވެސް އެތައް ބަޔަކު މަރުވެއްޖެ އެވެ.
އަފްޣާނިސްތާނަށް ޕާކިސްތާނުން ވައިގެ މަގުން ކާބުލް އަށް ހަމަލާދިން ކަމަށް ބުނެ، ރައްދުގައި އަފްޣާނިސްތާނުގެ ތާލިބާނުން ޕާކިސްތާނު ސިފައިންނަށް ވަނީ ހަމަލާ ދީފަ އެވެ. އަފްޣާނިސްތާނަށް ހަމަލާ ދިން ކަމަށް ޕާކިސްތާނުން އެއްބަސްވެފައި ނުވިޔަސް އަފްޣާނިސްތާނުގެ ބިން، ޕާކިސްތާނަށް ހަމަލާ ދިނުމުގައި ބޭނުންކުރާ ކަމަށް ބުނެ ޕާކިސްތާނުން ޝަކުވާކުރެ އެވެ. އަދި އެ ސަރަހައްދަަށް ކުރިން ވެސް ހަމަލާ ދީފައިވެ އެވެ.
ތާލިބާނުން 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަން އަލުން ހޯދި ފަހުން ދެ ފަރާތުން ވަނީ ބޯޑަރު ސަރަހައްދުތަކުގައި އެތައް ފަހަރަކު ހަމަލާ ބަދަލުކޮށްފަ އެވެ.
ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވި ގޮތުގައި އަފްޣާނިސްތާނުގެ ހަމަލާތަކުގައި ޕާކިސްތާނު ސިފައިންގެ 58 މީހަކު މަރުވި އެވެ. އަދި އިތުރު 30 މީހަކު ޒަހަމްކޮށްލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ތާލިބާނުން ބުނީ އެ މީހުންގެ ތެރެއިން މަރުވީ ނުވަ މީހަކު ކަމަށެވެ.
އެކަމަކު ޕާކިސްތާނުން ބުނީ މަރުވީ ސިފައިންގެ 23 މީހަކު ކަމަށާއި ތާލިބާނުންނާއި އެ ޖަމާއަތާ ގުޅިފައިވާ އެކި ޖަމާއަތްތަކުގެ 200 މީހަކު މަރާލާފައި ވާނެ ކަމަށެވެ.
މި އަދަދުތައް މިނިވަންކަމާ އެކު ކަށަވަރުކުރެވޭނެ ގޮތެއް ނެތެވެ.
އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރު އާމިރް ޚާން މުއްތަގީ ވިދާޅުވީ މިހާރު ހާލަތު ވަނީ ކޮންޓްރޯލްވެފައި ކަމަށެވެ.
"ރޭގެ އޮޕަރޭޝަންގެ މަގްސަދު ހާސިލް ވެއްޖެ. އަޅުގަނޑުމެންގެ އެކުވެރިން ކަމަށްވާ ގަތަރާއި ސައޫދީ އަރަބިއްޔާ ފަދަ ގައުމުތަކުން ވަނީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައި. އެހެންވެ ހަމަލާތައް މިހާރު ވަނީ ހުއްޓިފައި،" އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އޭނާ ވިދާޅުވި އެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް ދިން ހަމަލާތަކުގައި ސިފައިންގެ 311 އަދި ފުލުހުންގެ 73 މީހަކު މަރެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްލާތޫން
13 October 2025
ތިޔަފެންނަނީ މުސްލިމުންގެ ފެންވަރު. ދެންވެސް ކިޔާ ހުޅަނގުން ރާވައިގެން ކުރިކަމެކޭ. ބަލަ ހުޅަނގުން ހުރިހާކަމެއް ރާވަނީ މުސްލިމުން މުސްލިމުންނާ އޮންނަންޖެހޭ ގުޅުން ކުޑަވީމަ. މުސްލިމުންނޭ މީގެ 100 އަހަރުކުރިން އުސްމާނީ ހިލާފަތާ ދެކޮޅަށް ބަގާވާތްވެސްކުރީ. އަރަބި ޓްރައިބަލް ލީޑަރުން ވަކިވަކި ގައުމުތަލެއް އޭރުގަހެދީ ހުޅަނގުގެ މަދަދާއެކީ. އެހެންވެގެން ފަލަސްތީނު މިއަދުވެސް އެހާލަތުގަ އޮތީ.
ސޭކު
13 October 2025
މީ އިންޑިޔާއާ އަފްގާނިސތާން ގާތްވުމުން ނިކުތް ކަމެއް
ހަސަން އަލީ
13 October 2025
ތާރީޚް ނޭނގޭނަމަ އެއްޗެއް ނުލިޔެ ތިބެބަލަ.... ތާލިބާނުންނާކީ އެމެރިކާގެ ސަރުކާރެއް