ރާއްޖޭގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން): އޭނާ ވަނީ މެޗުގައި ކުޅުންތެރިން ކުރި މަސައްކަތް ފާހަގަ ކޮށްފަ --- ފޮޓޯ: ނިޝާން އަލީ | މިހާރު
14 އޮކްޓޯބަރ 2025 - 22:18
އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭން މިއަދު ދެއްކި ކުޅުމަށް ބަލައި 3-0 ގެ ނަތީޖާ ގަބޫލުކުރަން އުނދަގޫކަމަށް ގައުމީ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
މެޗަށް ފަހު އޭނާ ބުނީ މެޗުގެ ނަތީޖާ ފިޔަވައި ދިވެހި ޓީމުގެ ފަރާތުން ފެނުނު ކުޅުން ރަނގަޅު ކަމަށެވެ. ކުޅުންތެރިން ކުރި ބުރަ މަސައްކަތާއި ސަޕޯޓަރުން ދިން ތަރުހީބަށް އޭނާ ވަނީ ތައުރީފު ކޮށްފަ އެވެ.
"ޖުމުލަކޮށް މެޗަށް ބަލާލާކަމަށް ވަންޏާ، (ކުޅުންތެރިން) ކުރި ހިތްވަރާއި ދެއްކި ކުޅުމާ ދެތެރޭ ހިތްހަމަޖެހޭ،" ޕޯސްޓް މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މޯހަން ބުންޏެވެ.
"ހަގީގަތުގައި ދެއްކި ކުޅުމަށް ބަލައިފިކަމުގައިވާނަމަ އަޅުގަނޑު ގަބޫލެއް ނުކުރަން 3-0 ވާން ޖެހޭނެވަރުގެ ނަތީޖާއެއް ކަމަކަށް، އެއަށްވުރެ މާ ރަނގަޅަށް އަޅުގަނޑުމެންގެ ޓީމު ކުޅުނު."
އޭނާ ބުނި ގޮތުގައި ރާއްޖެ ކޮޅަށް ވަން ތިން ލަނޑުގެ ތެރެއިން ދެ ލަނޑަކީ ފަސޭހައިން ވަން ލަނޑުތަކެކެވެ. އެކަމަކު އެ ލަނޑުތައް ވަނީ ކުޅުންތެރިންނަށް ހެދުނު ކުދިކުދި ގޯސްތަކަކުން ކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅޭ އިރު އެފަދަ ކުދިކުދި ގޯސްތަށް ރަނގަޅު ކުރެވޭނީ އެކުވެރިކަމުގެ ގިނަ މެޗުތަކެއް އަމިއްލަ ދަނޑުގަޔާއި ރާއްޖޭން ބޭރުގައި ވެސް ކުޅެގެންނެވެ.
"(އެކުވެރިކަމުގެ) ގިނަ މެޗު ކުޅެގެން ނޫނިއްޔަކާ މި (ކުދިކުދި) ގޯސްތަކެއް ރަނގަޅެއް ނުކުރެވޭނެ. މެޗުތައް ކުޅެގެން ގޯސްތައް ހެދިގެން ރަނގަޅު ކުރެވޭނީ،" މޯހަން ބުންޏެވެ.
މޯހަން ބުނީ މެޗުގެ އެހާ ކުރީކޮޅު ގޯލެއް ވަނުމުން ތަޖިކިސްތާނަށް ހިތްހަމަޖެހުމަކަށްވި ކަމަށެވެ.
ރާއްޖޭން ގޭމް ޕްލޭން އެކުލަވާލީ ފުރަތަމަ 30 މިނެޓް ތަޖިކިސްތާން ހިފެހެއްޓުމަށް ފަހު ދެން ދިވެހި ޓީމުން ކުރިއަށް ޖެހި ފުރުސަތުތަކެއް ތަނަވަސްކޮށް ނުރައްކާ ކުރުމުގެ ވިސްނުމަކާ އެކު ކަމަށް މޯހަން ބުންޏެވެ.
އެކަމަކު މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގައި ތަޖިކިސްތާނުގެ މަނޫޝާކިރް ޝަފަރޯވް (މަނޫ) އެ ޓީމަށް ލީޑް ނަގައި ދިނެވެ. އޭނާ ލަނޑު ޖެހީ ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ދިފާއު ކުރި ޕެނަލްޓީ ރީބައުންސްވުމުން ރާއްޖޭގެ ޑިފެންޑަރުންނަށް ވުރެ އަވަހަށް ބޯޅަ ލިބިގަނެ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.
މޯހަން ބުނި ގޮތުގައި އެ ލަނޑާއި ތިންވަނަ ލަނޑަ ރާއްޖެ ކޮޅަށް ވަނަ ނުދީ ހިފެހެއްޓުނީހެވެ. އަދި އޭނާ ބުނީ މެޗުގެ އެހާ ކުރީކޮޅު ގޯލެއް ނުވަދެ ހިފަހައްޓާ ލެވުނުނަމަ، ރާއްޖޭގެ ކުޅުން އެއަށް ވުރެ މާ ރަނގަޅަށް ފެންނާނެ އެވެ.
އޭނާ ތަކުރާރުކޮށް ބުނީ އެ ގޯސްތަށް ރަނގަޅު ކުޅެވޭނީ އެކުވެރިކަމުގެ މެޗުތައް ގިނައިން ކުޅެ ތަޖުރިބާ ލިބިގެން ކަމަށެވެ.
"ގިނަ މެޗުތައް އަޅުގަނޑުމެން ކުޅެން ޖެހޭނީ. ހަމަ ހޯމް މެޗުތައް ވެސް އަވޭ މެޗުތައް ވެސް ގިނައިން ކުޅެން ޖެހޭނީ. މެޗުތަށް ނުކުޅޭތީވެ އެއިންނަ [ޖެހިލުންވުމެއް] ކުޅުންތެރިންގެ އިނދޭ. އިތުބާރު ނެތި. ލިބޭ ބޯޅަތައް ފަސޭހައިން ގެއްލޭގޮތްވޭ،" ތަފުސީލާ އެކު މޯހަން ކިޔައި ދިނެވެ.
"މިސާލަކަށް އިދިކޮޅު ކުޅުންތެރިޔާ އިންނަނީ ކިހިނެއްތޯ. އެ އިތުބާރު ގެއްލެނީ. އެ ބިރު އިންނަނީ އެ ބޯޅަ ރިސީވް ކުރާއިރުގައި. އެކަހަލަ ކަންކަން ގިނަ މެޗުތައް ކުޅެގެން ރަނގަޅުވާނީ."
އޭނާ ބުނީ އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅެން އެފްއޭއެމްގެ ކިބައިން އެދިފައިވާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެ މެޗުތައް ކުޅެވޭނެ އިންތިޒާމު ސްޕޯޓްސް މިނިސްޓްރީ އާއި އެފްއޭއެމްގެ މަސައްކަތުން ހަމަޖެހޭނެކަމަށް މޯހަން އުއްމީދު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިހްސާސް
15 October 2025
އެކުވަރިކަމުގެ މެޗް ކުޅޭށޭ ކިޔާފަ އަވަށްޓެރި ލަންކާއާ ކުޅެލާފަ މޮޅުވެގެން ބުނާ މިހާރު ދިވެހިޓީމު އެތިބީ ބަރާބަރަށޭ. ދެކުނު އޭޝިޔާ ޤައުމުތަކާ އެއްކަކުނޫން ފުރެންޑުލީ ކުޅެންވީއެއް. އެއަށްވުރެ ވަރުގަދަ ޤައުމުތަކާ.
ފޮނިޓައްޕު
15 October 2025
ތިބުނީ އެ3 ގޯލަކީ ރަނގަޅު ގޯލްތަކެއްނޫނޭ؟ އެހެންވީމާތާ ގަބޫލު ނުކުރެވޭނީ.
ލަކީ
15 October 2025
ޙެހެ ރާއްޖޭގެ ފޫޓްބޯޅަދަނީ ދަށަށް ބައްލަވާ 1980 އިން 2000ހުގެ ކުރީކޮޅު ގަލޮޅު ދަނޑަށް ވަންނަން ކިޔުހަދައިގެން ޓިކެޓް ނުލިބިގެން ސަހަރާހިސާބުގަ ކިއު ޖެހިގެން ތިބިން ކޮބާ މިހާރު ދަނޑަށް ވަންނާނެ މީހަކުވެސް ނެއް ސަބަބަކީ ކުޅުންތެރިންގެ ޑިސިޕުލިންވެސް ވަރަށް މުހިންމު މިހާރު މިފެން ނަނީ މެޗަކުން ބަލިވާއިރަށް ރެފުރީގައިގަ ނޫނީ ކުޅުންތެރިން ތަޅާއިގަންނަނީ މީ ވަރައް ދެރަކަމެއް
ރަދީފްއޮފިޝަލް /
15 October 2025
ދަނޑަށް ވަދެލާނެ ބުޅަލެއް ވެސް ނުވޭ.ހެހެހެ
އޮޅުހިޔާ
15 October 2025
ހުރިހާ ބުޅާތައް ފެސިލިޓީއަށްގެންގޮސް މަރަނީ. ދެން ބުޅަލެއްވެސް ނުވަންނާނެތާ؟
ކޮރުކޮސް
15 October 2025
ކޮބާތަ އެއްކަލަ ދެ މެޗު ކުޅެގެން މިފަހުން ހޯދި ތަށި؟ ހޭބަލިވެދާނެ.
ސައިބޯނި
15 October 2025
ދިވެހިން އެއްމެ ޚަރަދުކުރާ ކުޅިވަރަކީ ފުޓުބޯޅަ އެކަމަކު މިއީ އަހަރުމެން އެއްމެ ނާކާމިޔާބު ކުޅިވަރު އެހެން ކުޅިވަރު ތަކަށް އިސްކަން ދޭން ވެއްޖެ، ބެޑްމިންޓަން ފެތުން ފަދަ ކުޅިވަރު ތަކަށް އަޅާލަން މާރަނގަޅުވާނެ، ހުރިހާ ރަށެއްގައި އެތަށް ޚަރަދެއްކޮށް ދަނޑުއަޅާ ހަމަ ދަނީ ފުލުން
ތީ ފާޑެއްގެ ބައްޔެއް
15 October 2025
ޕްރެސަރުގަ ރަނގަޅަށް ބޯޅަ ރިސީވްކޮށް ޕްރެޝަރުގަ ބޯޅަ ރަނގަޅަށް ހިފަހައްޓައިގެން ގެންގުޅޭ ކުދިން ޓީމަށް ނަގަން ފަށާބަލަ. އިސާހިތަކު ތިކަން ރަނގަޅު ވެދާނެ.
ޖެރާ
14 October 2025
ކުޅުމަކަށް ނުބަލާނެ މެޗްގެ ސްކޯއަށް ބަލާނީ.. ދެން ފަހަރަކުން އެކަން ކުޅުންތެރިންނަށް ދަސްކޮށްދޭތި..
ރަދީފްއޮފިޝަލް /
14 October 2025
ކޮން ޕޯސްޓް މެޗް ޕްރެސް ކޮންފަރެންސެއްތަ.ދިވެހި ބަހުން ލިޔެބަލަ.
ބސބސބދ
14 October 2025
ގޯސްވީމައިވެސް ލީޑަރސިޕުގެ ނަމުގެ މޮޅުކަމުގައި ކޮންމެވެސް ތަންކޮޅެއް ހިފައި "އަނެއްހެން ގޯހެއްނޫނޭ" ބުނެކިޔާތާ ވީހައިދުވަހެއްވީ. ސީދަލަށް ނިކަން ކެރިގެން ބުނެ ނިކަން ތަފާތު ޓީމެއް އުފެއްދޭނީ ކޮންދުވަހަކުންބާއޭ ހިތާހިތާ ސިވާލުކުރެވޭ. އަހަރެމެންވެސް ދެކެންބޭނުންވޭ ފިސާރި ރަނގަޅު ޓީމުތަކެއް.