ރެޑް ކްރޮސްގެ ވެހިކަލެއް އިޒްރޭލުގެ އަސީރުން ބަލައި ދަތުރުކުރަނީ: އިޒްރޭލުން ގެންދަނީ ހަމާސް އިން އެއްބަސްވުމަށް އަމަލު ނުކުރާ ނަމަ ހަމަލާތައް އަލުން ފަށާނެ ކަމަށް ބުނެ އިންޒާރު ދެމުން. -- ފޮޓޯ: އޭއެފްޕީ
16 އޮކްޓޯބަރ 2025 - 05:58
ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް ހަމާސް އިން އަމަލު ނުކުރާ ނަމަ ޣައްޒާގައި އަލުން ހަމަލާތައް ފަށަން ޖެހިދާނެ ކަމަށް ބުނެ އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް އިންޒާރު ދީފި އެވެ.
އޭނާ މި އިންޒާރު ދީ ބަޔާނެއް ނެރުނީ އިޒްރޭލުގެ އަސީރުންގެ ތެރެއިން މަރުވެފައިވާ މީހުންގެ ކަށިތައް ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އިތުރު ދެ މީހެއްގެ ކަށިތައް އިޒްރޭލާ ހަވާލުކޮށް އިތުރު ހަށިތައް ޣައްޒާގެ ފުނޑުފުނޑު ވެފައިވާ އިމާރާތްތަކުގެ ތެރެއިން ހޯދައި ނަގަން އެކަމަށް ހާއްސަ އާލާތްތައް ބޭނުންވާނެ ކަމަށް ހަމާސް އިން ބުނުމާ އެކުގަ އެވެ.
އިޒްރޭލާއި ހަމާސް އިން ވެފައިވާ އެއްބަސްވުމުގެ ދަށުން، ހަމާސް އިން އިޒްރޭލުގެ ދިރިތިބި 20 އަސީރުންނާއި މަރުވެފައިވާ 28 އަސީރެއްގެ ހަށިތައް ހަވާލުކުރަން ޖެހެ އެވެ. އޭގެ ބަދަލުގައި އިޒްރޭލުން ފަލަސްތީނުގެ 2000 މީހަކު މިނިވަންކުރި އެވެ.
ހަމާސް އިން ބުދަ ދުވަހު ދެ މީހެއްގެ ކަށިތައް ހަވާލުކުރި އިރު، މަރުވި ކަމަށް ބެލެވޭ 28 އަސީރުންގެ ތެރެއިން ހަތް މީހެއްގެ ކަށިތައް ކުރިން ވަނީ ހަވާލުކޮށްފަ އެވެ. އިޒްރޭލުން ބުނި ގޮތުގައި މި ކަށިތަކާ އެކު، ރަހީނުން ނޫން އަށް މީހެއްގެ ކަށިތައް ވެސް ލިބިފައިވެ އެވެ.
"އެއްބަސްވުމުން ހަމާސް އިން އަމަލު ނުކުރާ ނަމަ އިޒްރޭލުން އެމެރިކާގެ އެހީތެރިކަމާ އެކު، ހަމާސް އެއްކޮށް ނައްތާލައި ޣައްޒާ ބަދަލުކުރުމުގެ ހަމަލާތައް ފަށާނަން،" ޑިފެންސް މިނިސްޓަރުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ހަމާސްގެ ހަތިޔާރުއެޅި ގޮފިން ބުނީ އިއްޔެ އެންމެ ފަހުން ހަވާލުކުރި ދެ މީހެއްގެ ކަށިތަކުގެ އިތުރުން މި ވަގުތަށް ހަވާލުކުރެވޭނެ ކަށިތަކެއް ދެން ނެތް ކަމަށެވެ.
"މި ހަރަކާތުންވާނީ ދިރިތިބި ހުރިހާ އަސީރުން މިނިވަންކޮށް އަދި ހޯދެން ހުރި ކަށިތައް ހަވާލުކުރުމަށް އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައި،" އިއްޒުއްދީން އަލް ގައްސާމް ބްރިގޭޑްސް އިން ނެރުނު ބަޔާނުގައިވެ އެވެ.
"ބާކީ ހުރި ކަށިތައް ހޯދުމަށް ވަރަށް ބޮޑެތި މަސައްކަތްކުރަންޖެހޭ. އެ ހޯދައި ނަގަން ހާއްސަ އާލާތްތައް ބޭނުންވާނެ. މިކަން ފުރިހަމަކުރުމަށް މި ގެންދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން."
ހަމަލާތައް އަލުން ފަށާނެ ކަމުގެ އިންޒާރު އިޒްރޭލުން ދިން ނަމަވެސް އެމެރިކާގެ އެޑްވައިޒަރުން ވަނީ ހަމާސް އިން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމުގެ ނިޔަތާ އެކު މަސައްކަތްކުރާ ކަމަށް ބުނެފަ އެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ ހަމާސް އިން އެއްބަސްވުމަށް އަމަލުކުރަން ބޭނުންވާ ކަމަށް. އެއްބަސްވުމުގައިވާ ކަންކަން ފުރިހަމަކުރަން އެ މީހުން ބޭނުންވާކަން،" ނަން ހާމަ ނުކުރާ ގޮތަށް އޭއެފްޕީއާ ވާހަކަ ދެއްކެވި އެޑްވައިޒަރަކު ވިދާޅުވި އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގައި، ހަމާސް އިން ހަވާލުކުރާ އިޒްރޭލުގެ ކޮންމެ މީހެއްގެ ކަށިތަކުގެ ބަދަލުގައި އިޒްރޭލުން ފަލަސްތީނު 15 މީހެއްގެ ކަށިތައް ހަވާލުކުރަންޖެހެ އެވެ. އިޒްރޭލުން މިހާތަނަށް ވަނީ 90 މީހެއްގެ ކަށިތައް ހަވާލުކޮށްފަ އެވެ.
ޣައްޒާގައި އަލުން ހަމަލާތައް ފަށާނެ ކަމަށް އިޒްރޭލުން އިންޒާރު ދޭއިރު މިހާރު ވެސް ޣައްޒާގެ ބައެއް ހިސާބުތަކުގައި އިޒްރޭލުން ހަމަލާދެ އެވެ. މިދިޔަ ދެ ދުވަހު ވެސް ހަމަލާތަކުގައި ބަޔަކު ޝަހީދުކޮށްލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެގާރަ
17 October 2025
ބަލަގަ ތިޔައީ، މިހާތަނަށް ހެދި އެއްބަސްވުންތަކާ ޚިލާފުވެފައިވާ ބައެއް. ދެއަނގައިން ވާހަކަ ދައްކާ ބައެއް. ވައުދެއް ވިޔަސް އެ ވައުދެއް ފުއްދި ބައެއް ނޫން. ހަދާ އެއްބަސްވުމަކަށް އިޙުތިރާމުކުރި ބައެއް ނޫން. ނުކުރާނަމޭ ބުނާ ކޮންމެ ކަމެއް ކުރާ ބައެއް.
ނަމެއް.
16 October 2025
މިއީ ނަތަންޔާހޫއަށް ބޮޑު އީދެއްކަހަލަ ކަމެއް. އަރަބިންގެ މޮޔަކަމުން އޭނާއަށް ގެއްލިފައޮތް ތާއީދު އަނބުރާ ލިބިއްޖެ. ރަހީނުންވެސް ލިބި ހަމާސްއާ ހިޒްބުއްލާގެ ހުރިހާ ބޮޑުންނާ އީރާނުގެ ރައީސުން ފެށިގެން އެތައްބަޔަކު މަރާލެވިއްޖެ. ލުބުނާނާ ސީރިޔާގެ ދުވަސްވެސް ދުއްވާލައިފި. ކުރިނަށްވުރެވެސް ބޮޑަށް ދެން އެމީހުން ބޭނުންހާގޮތެއް ހަދަން އެއޮތީ މަގުފަހިވެފަ. މިހާރުދެން ކުރެވޭނެ އެއްވެސް ކަމެއްނެތް. ތި ދޫކުރި 2000 މީހުންގެ އެތައްގުނައެއް އެމީހުން އަދި މަރާނެ.
ޓޯޕޭ
16 October 2025
ތިހެން ތިކަން ވާނެކަން މުޅި ދުނިޔެ އަށް ވެސް އެނގޭ. ޙަމާސް އަތްދަށުގަ ތިބި ޔަހޫދީން ހޯދަން އަތް ފުނާ އަޅާ މުޅިތަން ބިމާ ހަމަ ކޮށް ހޯދާދޭ މީހަކަށް މިލިޔަނުން ޑޮލަރ ދޭން ބުނީމަ ވެސް އެމީހުން ތިބި ތަނެއް ބުނެދޭނެ މީހަކު ނުވީމަ ގޮތް ހުސްވެގެން ދޮގުހަދަިއގެން ހަނގުރާމަ ހުއްޓާލީއޭ ކިޔާ އެމެރިކާ ވެގެން ރޭވިރޭވުމެއް އެއީ.ޔަހޫދީން މިނިވަންވީމާ ކުރީގަ ވެސް އޮތްގޮތަށް އަލުން ފަށާ ފަލަސްތީން އެންމެން ނެތިކޮށްލެވޭތޯ އެވެރިން ބަލާނެ. ޔަހޫދީން ވާނީ ޔަހޫދީންނަށް
އަޅި އަލީ
16 October 2025
ރޯނުގަ ޖެހިފގަ ތިއޮތީ!
ސަލާމަތެއް ނެތް ...
16 October 2025
އެމެރިކާ އިސްރާއިލް މީ ދުނިޔެއަށް ޖެހިފަ އޮތް ކެންސަރެއް. ކާބޭހަކުން ލުޔެއް ލިބުނުހެން ހީވިޔަސް ...
ހިތްތަލަ
16 October 2025
ތިޔާ މީހުން ރަނގަޅެއް ނުވާނެ ހަތް ފެނުލާ ކެއްކިޔަސް.
ދިގަލި
16 October 2025
ތިދަނީ ބުނިގޮތަށް، ތި ހިޔަޅުތައް ހުއްޓައެއްނުލާނެ. ޙައްލަކީ މަރުވަންދެން އެމީހުންނާ ކުރިމަތިލައިގެން ހަނގުރާމަކުރުން. ކޮންމެ މުސްލިމަކަށްވެސް އެމީހަކަށް ކޮށްދެވެން އޮތްކަމެއް ކޮށްދިނުން. އޭރުން އެންމެ ޝަހީދުވެއްޖެނަމަ އެކަން ނިމުނީ. ޔަހޫދީންގެ ކިބައިން ސަލާމަތް ވެއްޖެނަމަ އެކަންވެސްނިމުނީ. ބޭނުންވަނީ އިސްލާމީ ވަރުގަދަ ލީޑަރެއް. ތީ ޔަހޫދީން. ހިތްވަރެއްކޮށްލައިފިނަމަ އިސާހިތަކު ފިލަން ދުވެގަންނާނެ. ހުރިހާ ބަރެއް ހުރި އިރުވެސް އީރާނުއަތުންވެސް ބަލި
ގެންގަބޯ
16 October 2025
ތީ ކޮންބައެއް ޔަހޫދީން 7 ފެނުގައި ކައްކާފައި ރާހުތައް ލިޔަސް ޔަހޫދީން ވާނީ ހަމަ ޔަހޫދީންނަށް ދެން ހަމަލާތައް ފެށޭނީ އެމެރިކާގެ ހުއްދަ ލިބިގެން އަލުން ޔަހޫދީން ހަމަލާދޭން ފަށައިފި ނަމަ ހުރިހާ ގައުމަކުން އެމެރިކާގެ ރައްޔިތުން އެއްވެސް ގައުމަކަށް ނޭރޭނެ ގޮތައް އެގައުމުގެ ސަރުކާރުން ގަރާރުތައް ފާސް ކޮށްފައި ނެރެންވާނެއެވެ ރަށު ބަންދުގައި ތިބެން ޖެހުނީ މައި ރައްޔިތުންގެ ރުޅިގަދަވެގެން މަގުތަކަށް ނުކުމެ ޓްރަމްޕްގެ އިސްތިއުފާއަށް ގޮވަން ފަށާނެއެވެ
1828
16 October 2025
ކޮންމެވެސް ބަހަނާއެއް ދައްކާފައި އިސްރާޢީލުން ހަމަލާދޭނެ.