މީޑިއާ ކޮމިޝަނަށް އައްޔަންކުރަން މަޖިލީހުން ފާސްކުރި ފަރުޝަތު (ކ) ސަރާހަތު (މ) އަދި ސޮފާ (ވ) ގައި: އެ ތިން ބޭފުޅުންނަށް މަޖިލީހުން ވަނީ ރުހުން ދީފައި --- ފޮޓޯ/މިހާރު
21 އޮކްޓޯބަރ 2025 - 14:10
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެމްބަރުންގެ މަގާމަށް ތިން ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންގެ މަގާމަށް ކުރިމަތިލެއްވި 10 ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ރުހުން ދޭން ފެންނަ ކަމަށް ނިންމީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ކުރީގެ މެމްބަރު އަދި މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ.
އެ ތިން ބޭފުޅުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި އެ ބޭފުޅުންނަށް ރުހުން ދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ ތެރެއިން 54 މެންބަރުން އަޣުލަބިއްޔަތުންނެވެ. ރުހުންދޭން ނުފެންނަ ކަމަށް އެމްޑީޕީގެ ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ.
މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލީ އަދި އެ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގުކުރީ ވެސް އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ. ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ ނޫސްވެރިން ވަރަށް ބޮޑަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން ރެގިއުލޭޓް ކުރެވޭ ގޮތަށް އޮތުމެވެ.
އެއާ އެކު، ކޮމިޝަނަށް ރައްޔިތުންގެ މަޖިލިހުން ތިން ބޭފުޅަކު އައްޔަން ކުރާ ގޮތަށް އޮތުމާއި ކޮމިޝަންގެ ހުރިހާ މެމްބަރުން ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭ ގޮތަށް އޮތުމަކީ ބޮޑު މައްސަލައެއް ކަމަށް ނޫސްވެރިން ދެކެ އެވެ.
މީޑިއާ ކޮމިޝަނަށް މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުންގެ މަގާމަށް ދާދިފަހުން ވަނީ މެމްބަރުން އިންތިހާބުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށަވިޔަނި
21 October 2025
ތި ފަރުސަތު ތީ ބޮޑު އަނގައެއް. ހައްދަވައިގެން ކަމެއް ނުކުރާނެ. ދެފުއްކެހެރިކަން އެހާމެ ބޮޑުވާނެ
ޟަމްހާ
21 October 2025
ކީކޭ ދެން ބުނާނީ. ފެއިލްވި ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުން ސިޔާސީ ނުފޫޒުން ޢަލުން ތިއޮތީ ވަޒީފާއެއް ހޯދާފަވިޔަ
ވަޒީފާއެއް
21 October 2025
ވަޒީފާއެއް ގޮތައް ހަމައެކަނި ބޯޑު މެމްބަރ ކަން ކޮއްގެން އުލޭ މީހުން ރާއްޖޭގަ މަދެއްނުން
ދަރިވަރު
21 October 2025
ތައުލީމީ ގާބިލު ބަޔަކު ހަމަޖެހުނީމަ މަރުހަބާ. މީޑިޔާ އިންޑަސްޓްރީ ރެގިއުލޭޓްކުރަން ބޭނުންވަނީ އިލްމީ އަދި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ މިފަދަ ބޭފުޅުން.
ޝަޖޫ
21 October 2025
ދިވެހި ރާއްޖޭގެ މީޑިއާ އިންޑަސްޓްރީ ކުރިއަރުވާ ނޫސްވެރިން ކުރިއަރުވަން ކޮންކަހަލަ މަސައްކަތެއް ހިދްމަތެއް ކޮށްދެވި ބޭފުޅުންތޯ މީ؟ ނޭނގޭތީ އަހާލީ!
ލޮލްލޮލް121
21 October 2025
އެބޭފުޅުންނަށް ވެސް ނޭންގޭ ކީއްވެގެންކަން މިހޮވުނީ. ދެން ކިހިނެއް އެހެން ބަޔަކަށް އެނގޭނީ. މިފާޑުގެ ބޭފުޅުން ހުރިހާ ތާކުވެސް. ހޮވުނުކަން އެންގީމަ ނުކުންނަން ޖެހިގެން ނުކުންނަނީ. މަސައްކަތް ކުރާހިތަކުން ނޫން،