އެނގިފައިވާ ގޮތުގައި، އެ ކޮމިޝަންގެ މެމްބަރުންނަށް އަސާސީ މުސާރަ އާއި ލިވިން އެލަވަންސާ އެކު ޖުމްލަ 48،000ރ. ލިބޭނެ. އަދި ކޮމިޝަނުގެ ރައީސަށް ޖުމްލަ 59،000ރ. ގެ މުސާރައެއް ލިބޭނެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
23 އޮކްޓޯބަރ 2025 - 11:29
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އަށް ސެކްރެޓަރީ ޖެނެރަލެއް ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކުރި އިއުލާނެއްގައި ބުނީ އެމްއެމްބީސީއަށް އެސްޖީއެއް ހަމަޖައްސަން އެ މަގާމަށް ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
އެ މަގާމުގެ އަސާސީ ޝަރުތަކީ ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން ނުވަތަ ސިޔާސަތު ކަނޑައެޅުމާ ބެހޭ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުމެވެ. ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކަށް ވުމެވެ.
އެ އިއުލާނުގައި ބުނި ގޮތުގައި، އެ މަގާމަށް ކުރިމަތިލާ މީހަކީ 30 އަހަރުން މަތީގެ ދިވެއްސަކަށް ވާން ޖެހޭނެ އެވެ. މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ކަމުގައި ނުވަތަ އެޑިޓަރެއްގެ މަގާމު އަދާކުރަމުން އަންނަ މީހަކު ކަމުގައި ވެސް ވެގެން ނުވާނެ އެެވެ.
އަސާސީ މުސާރަ އާއި ލިވިން އެލަވަންސާ އެކު މަހަކު ޖުމްލަ 35،500ރ. އެސްޖީއަށް ލިބޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އެ ކޮމިޝަންގެ މެމްބަރުންނަށް އަސާސީ މުސާރަ އާއި ލިވިން އެލަވަންސާ އެކު ޖުމްލަ 48،000ރ. ލިބޭނެ އެވެ. އަދި ކޮމިޝަނުގެ ރައީސަށް ޖުމްލަ 59،000ރ. ގެ މުސާރައެއް ލިބޭނެ އެވެ.
މީޑިއާ ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގައި ޖުމްލަ ހަތް މެމްބަރުން ތިއްބަވާނެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންނާއި މީޑިއާތަކުގެ މެދުގައި ވޯޓުލައިގެން ހޮވާ ހަތަރު މެމްބަރުންނެވެ. މިހާރު އެ ހުރިހާ މެމްބަރުން ވެސް ވަނީ ކޮމިޝަނަށް އައްޔަންކޮށްފަ އެވެ.
އެ ކޮމިޝަނުގެ ރައީސަކު ކަނޑައެޅުމުގެ މައްސަލަ ދިރާސާކޮށް ގޮތެއް ކަނޑައެޅުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އިއްޔެ ވަނީ ފޮނުވައިފަ އެވެ.
އެ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރި ތިން ބޭފުޅުންނަކީ ސީއެސްސީގެ ކުރީގެ މެމްބަރު އަދި މީޑިއާ ކައުންސިލްގެ ކުރީގެ އެސްޖީ މުހައްމަދު ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ.
މިފަހަރުގެ އިންތިހާބުގައި މީޑިއާތަކުގެ ފަރާތުން ކުރިމަތިލި މެމްބަރުންގެ އަދަދު މަދުވުމުން އިންތިހާބަކާ ނުލައި ހަތަރު މެމްބަރަކު ވަނީ އެ ކޮމިޝަނަށް ހޮވިފަ އެވެ. އެއީ ބްރޯޑްކާސްޓިން ދާއިރާއިން ޒަމްއަތު އަހުމަދު ވަހީދާއި އަބްދުލްއަޒީޒް އިބްރާހިމްގެ އިތުރުން އޮންލައިން މީޑިއާގެ ދާއިރާއިން ހުސައިން ސަގީފާއި ސިމާހާ ނަސީމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
24 October 2025
ތިޔަހުންނަނީ ވަކިމީހަކަށް ފަހާ ކޯޓުތައް، ތިޔަ ހެޔޮވަރުވާނީ އެމީހާޔަށް އެކަނި.
ދިއްދާ
23 October 2025
1 ޝަރުތު އިތުރު ކޮށްލާތި، އޭރުން ފުރިހަމަ ވާނީ... "ރަބަރު ސްޓޭމްޕް ބޭނުން ކުރަން އެނގުން."
ފޫހި
23 October 2025
ބޭނުމެއްނެތް ކޮމިޝަންތައް؟ ރައްޔިތުންނަށް ތިޔަކަމުން އެއްވެސް ފައިދާއެއްނުކުރާނެ. ފެންވަރެއްނެތް މެމްބަރުން. އިންތިހާބޮޑު މުސާރަ. ދެރަވަރު. ޓެކްސްފައިސާއިން ތިޔަވަރު ނުކޮށްލިއަސް ތިޔަމަގާމަށް މާއެކަށީގެންވާ މީހުން ލިބޭނެ. ކުރަންވީކަމަކީ ނުފޫޒް ނުފޯރުވަންވީ. ރައްޔިތުން ކެތްތެރިކަން ޓެސްޓް ނުކުރޭ.
ރަދީފު ބިން ރަފައިދާ
23 October 2025
ކޮމިޝަން އުވާލާ. ތިވަރަށް ތިމީހަކަށް ލާރިދޭން ރައްޔިތުންއަތަކު ލާރިއެއް ނެތް.