ރައީސް ޑރ. މުހައްމަދު މުއިއްޒު ޅ. އޮޅުވެލިފުއްޓަށް މިއަދު ވަޑައިގަތުމުން މަރުހަބާ ކިޔަނީ. -- ފޮޓޯ: ރައީސް އޮފީސް
27 އޮކްޓޯބަރ 2025 - 12:09
އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކައުންސިލްތަކުގެ ބަޖެޓުން، ރަށްރަށުގައި އުޅޭ އެހީތެރިކަން ބޭނުންވާ މީހުންނަށާއި އިމަޖެންސީ ކަންކަމަށް ހޭދަކުރަން ލާޒިމްވާނެ ކަމަށް ރައީސް ޑރ. މުހައމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޅ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އޮޅުވެލިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.
ގާނޫނުގައި ބުނާ ގޮތަށް، މި ހަފްތާ ނިމުމުގެ ކުރިން މަޖިލީހަށް ބަޖެޓް ހުށަހަޅާއިރު އާ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ވެސް ހިމަނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ވައުދުވެ ވަޑައިގެންފައިވާ ގޮތަށް، މި އަހަރު ފެށި މަޝްރޫއުތަކުގެ އިތުރުން އަމަލީ މަސައްކަތް ނުފެށުނު މަޝްރޫއުތަކަށް ވެސް، އަންނަ އަހަރު ބަޖެޓުގައި ފައިސާ ހަމަޖައްސާފައިވާނެ ކަމަށެވެ.
ރައީސް މުއިއްޒު މިއަދު ޅ. އޮޅުވެލިފުށިގައި.-- ފޮޓޯ: ރައީސް އޮފީސް
ގާނޫނު އަސާސީއަށް ގެންނަ ބަދަލުގެ ތެރެއިން އަތޮޅު ކައުންސިލްތައް އުވާލަން ނިންމާފައި ވާއިރު ރައީސް ވިދާޅުވީ މީގެ ކުރިން އަތޮޅު ކައުންސިލްތަކަށް ދެމުން ގެންދިޔަ ފައިސާ ރަށު ކައުންސިލްތަކަށް ބަހާލަން ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ހަދަނީ ރައީސް ވިދާޅުވި ގޮތުގައި، ކައުންސިލް ބަޖެޓުގެ ތެރެއިން ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސާށެވެ.
"އަތޮޅު ކައުންސިލް ނެތުމުން އެ ސޭވްވާ އެމައުންޓް ހޭދަ މި ކުރަނީ ރައްޔިތުންގެ އިޖްތިމާއީ ކަންކަމަށް އޭގެން ފަހިވާ ގޮތަށް. އެ އިތުރުވާ ފައިސާ، ބަހާލެވޭ ފައިސާ ކޮންމެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް އެ ރަށެއްގައި ހުންނަ އިޖްތިމާއީ ގޮތުން ރައްޔިތުންގެ ތެރޭގައި ހުރި އެހީ ބޭނުންވާ ފަރާތްތަކަށް، އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަމަށް ވިޔަސް އެކި ކަހަލަ އެހީތެރިކަން ބޭނުންވާ މީހުންނަށާއި އިމަޖެންސީކޮށް ކަންކަން ދިމާވުމުން ކައުންސިލްގެ ބަޖެޓަށްދޭ ފައިސާ ބޭނުންކުރަން ލާޒިމްވާ ގޮތަށް ކައުންސިލްތަކަށް އެ ބަޖެޓް މި ހަމަޖައްސަނީ،" ރައީސް ވިދާޅުވި އެވެ.
ކައުންސިލްގެ ޒިންމާގެ ތެރޭގައި އެއީ އިޖުތިމާއީ ކަންކަމަށް ބޭނުންކުރަން ދޭ ފައިސާއެއް ކަމަށާއި އެ ފައިސާ ހަރަދުކުރަން ޖެހޭނީ ވެސް އެގޮތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ ބަދަލާ އެކު، މީގެ ކުރިން ކައުންސިލްތަކަށް ލިބެމުން ދިޔަ އާމްދަނީއަށް ވުރެ ބޮޑު އަދަދެއް އިތުރުވާނެކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެ ފައިސާ ބޭނުންކުރެވޭނީ ހަމަ އެކަނި އެފަދަ ވަކި ފަރުދުންނަށް ބޭނުންވާ އެހީތައް ފޯރުކޮށްދޭން ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓް ވެގެންދާނީ ރައީސް ވިދާޅުވި ގޮތުގައި، ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ވަރަށް އޯގާތެރި، އަޅާލައި އެހީތެރިކަން ފޯރުކޮށްދޭނެ ބަޖެޓަކަށެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން މިހާރު ނިންމާފައި ވަނީ 2،000 އިން ދަށުގެ އާބާދީގެ ރަށްރަށުގައި ތިން މެމްބަރުންގެ ކައުންސިލެއް އަދި 2،000 އަށް ވުރެ އާބާދީ ބޮޑު ނަމަ ފަސް ކައުންސިލަރުން ތިބޭ ގޮތަށެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް ގެންގުޅެނީ އެ ރޭޝިއޯ އެވެ. އެކަމަކު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާގެ މަގާމަށް މުޅި ރަށުގެ ރައްޔިތުން ވޯޓުލައިގެން މީހަކު އިންތިހާބުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ފުލްޓައިމް ވަޒީފާއަކަށް ހަދަން ގާނޫނު އިސްލާހު ކުރާނެ ކަމަށް ރައީސް ވެސް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިއްބަތް އަޒީޒް
28 October 2025
ރައީސް މުއިއްޒް ވަރެއް ނެތޭ ބުނާނީ މިހެންވެ. ގައުމުގެ އިޖްތިމާއީ ފޭރާން ވީރާނާ ވިޔަ ނުދޭން ކުރާ މަސައްކަތް މި ފެންނަނީ.
އަކްޝަމް/
28 October 2025
ވަރަށް މުހިއްމު ނިންމުމެއް. މީގެ ސަބަބުން އާއިލާތައް ބިކަ ނުވާނެ ހަމަ ޔަގީނުންވެސް.
އަބޫ
28 October 2025
ޓްރާސްޕޭރެންޓް ރަނގަޅު ނިޒާމެއްގެ ތެރެއިން ތިކަންކުރަންވީ އެއީ ރަށުފެންވަރުގައިވިއަސް ޤައުމީފެންވަރުގައިވިއަސް , ސިއްރު ސިއްރުން ވަކި ވަކި ފަރުރުދުންނަށް ތަކެތިބެހުން ނިމުމަކަށް ގެންނަންވީ
ކަބަޑު
27 October 2025
ކައުންސިލްތަކަށް ފައިސާކޮޅެއްދީފައި އެފައިސާކޮޅު ތިކަހަލަ ކަންކަމަށް ހަރަދުކުރަން މަޖުބޫރުކުރުމުގެ ބަދަލުގައި ކަމާބެހޭ މާސިންގާ މިނިސްޓްރީ ހުރިއިރު އެތަންތާ ބަޖެޓުން ކައުންސިލް މެދުވެރިކޮށް ތިހަރަދު ކުރެވިދާނެ.
ޱރ ހަވާ
27 October 2025
ބޭކާރު ޚަރަދު ކުރުން ހުއްޓާލާ ހުޅުމީދޫ ހަވާ އަރުވްން ކުރާ ޚަރަދު ހުއްޓާލާ. އެފައިސާ އެކައުންސިލައް ދީ ހެޔޮގޮތުގަ ބޭނުންކުރަން .
ފަގީރު މީހާ
27 October 2025
ތިޔަ ފައިސާ ލިބޭނީ "ދަތިހާލުގައި އުޅޭ" ސިޔާސީ މީހުންނަށް.
ހުސީނުބެ
27 October 2025
ވާނެ، ކުރާނެ، އަންނަނީ.... މިއީ ނިމުމެއް ނެތް އިންތިރާކަށް ވެއްޖެ. ކުރީ ސަރުކާރުން ވެސް ހުރިހާ ކަމެއް މިގޮތަށް. ހޮވިއްޖެ. ފުލެޓް ލިބޭ. އެކަމަކު ނުލިބުނު
ކަތްދައްތަ
27 October 2025
ރައްޔިތުން ނާށިގަނޑު ހިފައިގެން އުޅެންޖެހޭ ބައެއްގެ ގޮތުގައި ހަދަނީ ހެއްޔެވެ؟ އެހީ ދޭ ޖަމާޢަތްތަކަކަށް ދައުލަތުގެ އިދާރާތަކާއި ކުންފުނިތައް ބަދަލުކޮށް މުޅި ދައުލަތް ވެލްފެއަރ ސްޓޭޓަކަށް ބަދަލު ކުރުމުގެ މަތްލަބަކީ ކޮބާހެއްޔެވެ؟ މަސައްކަތްނުކުރާ އާބާދީއަކަށް ގައުމު ހެދުމުގެ އަމާޒަކީ ނުރައްކާ ކަމެއް ނޫންހެއްޔެވެ؟ ދައުލަތް މުއްސަންޖެއްނޫނެވެ. ބައިތުލްމާލާއި ރުފިޔާ ލިބޭ ކޮޅުތައް ވަގުންގެ އަތްމަތީގައެވެ. ރައްޔިތުން ސަލާންޖެހަށް ޖެހުމުގެ ސިޔާސަތެކެވެ.
ޖަބީލް
27 October 2025
މީޑިއާތަކަށް ނޫނީ ރައްޔިތުން ކުރިމަތީ ދައްކާ ވާހަކަތައް އޮމާންވެފަ ރީތިވާނެ..ދެން ކީއްވެބާ ބޮޑެތި ބަލިތަކަށް ފަރުވާހޯދަން ރައްޔިތުން ސަލާންޖަހަނީ..ބަޖެޓްގަ ބޮޑުއަދަދެއް ހިމަނާ..ރައްޔިތުންނަށް ކުރާ ހޭދަޔަށްވުރެ ތަނުގެ ހަރަދުމަތި..
މުކައްބަ
27 October 2025
ދަތުރުގައި ބައިވެރިވި އެއްވެސް ވަޒީރަކަށްވެސް މަޖިލިސް މެމްބަރަކަށްވެސް ނުވަތަ ކައުންސިލަކަށްވެސް އެނގިގެން ބުނާ ވާހަކަތަކެއްނޫން މިހުންނަނީ، މީހަމަ ހިތައް އެރީމަ އެ ހުރިތަނެއްގަ ވަރަށް ޕްލޭން ކުރަމޭ ޕްލޭން ނިމިފައޭކިޔާ ރައްޔިތުންނަށް އަވާ މެންދުރު ދެއްކުން. މި ހުންނަނީ ދިރާސާކޮށް އޭގެ ފައިދާއާއި ގެއްލުން ވަކިކޮށް ވަށާޖެހޭ އުސޫލެއްގެ ތެރެއިން ކުރާ ކަހަލަ ކަންކަން. ޖީބަށް އަތޮޅުގެ ފަޅުރައްތައް އަޅަައިގެން ގޮސް ބަހާ އުސޫލުން ކުރާކަންކަމެއް ނޫން.