އެސްޑީއެފްސީ ރީބްރޭންޑްކޮށް ތައާރަފުކުރި "އެސްއެމްއީ ޑިޖިޓަލް"ގެ ލޯގޯ: އެ ކޯޕަރޭޝަން ވަނީ ރީބްރޭންޑް ކޮށްފައި --- ފޮޓޯ/އެސްޑީއެފްސީ
29 އޮކްޓޯބަރ 2025 - 12:55
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ރީބްރޭންޑްކޮށް އެސްއެމްއީ ޑިޖިޓަލްގެ ނަމަށް މިއަދު ބަދަލުކޮށްފި އެވެ.
ބީއެމްއެލްގެ ބައެއް ހިދުމަތްތައް ތައާރަފުކުރުމަށް މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި، ބީއެމްއެލްގެ ދަށުން ހިންގާ އެސްޑީއެފްސީގެ އާ ލޯގޯ އާއި ބްރޭންޑިން އިފްތިތާހުކޮށްދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ސީއީއޯ މުހައްމަދު ޝަރީފެވެ.
އެސްޑީއެފްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ މިއަދަކީ އެ ކުންފުނީގެ ކުރިމަގަށް ވަރަށް ހާއްސަ ދުވަހެއް ކަމަށާއި އެސްއެމްއީ ޑިޖިޓަލް އަށް އެ ކުންފުނި ރީބްރޭންޑްކުރީ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާއެކު، އެ ކުންފުނި ބައްޓަންކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެސްއެމްއީ ޑިޖިޓަލްއަށް ބަދަލުކުރުމާ އެކު މިއަދު މި ފެށިގެން ދަނީ ކުންފުނީގެ އާ ސަފުހާއެއް،" އޭނާ ވިދާޅުވި އެވެ.
ބަދުރުއްދީން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ކުންފުނި ވާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކަނި ފައިނޭންސް ފޯރުކޮށްދޭ ކުންފުންޏަކަށް ނޫން ކަމަށާއި އޭގެ ބަދަލުގައި އެ ކުންފުނި ވެގެންދާނީ ކުދި ވިޔަފާރިތަކަށް ބޭނުންވާ ހުރިހާ ހައްލެއް ލިބޭ ޑިޖިޓަލް ޕްލެޓްފޯމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
— SME Development Finance Corporation (@SDFC_mv) October 29, 2025
އެސްއެމްއީ ޑިޖިޓަލް ވެގެންދާނީ ޝަރީއާ އުސޫލުތަކާ އެއްގޮތަށް ކުރެވޭ ފައިނޭންސިންގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ އެކި ވިޔަފާރިތައް އެއް ތަނަކަށް ގެނެސްދޭ ޑިޖިޓަލް މާކެޓް ޕްލޭސްއަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުދި ވިޔަފާރިތަކަށް ފައިސާ މެނޭޖުކުރަން ބޭނުންކުރާ ޑިޖިޓަލް ޓޫލްސްތަކާއި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންސްތައް ވެސް އެސްއެމްއީ ޑިޖިޓަލްގެ މޯބައިލް އެޕް މެދުވެރިކޮށް ތައާރަފުކުރުމަށް ވަނީ ނިންމާފައި،" ބަދުރުއްދީން ވިދާޅުވި އެވެ.
ބަދުރުއްދީން ވިދާޅުވި ގޮތުގައި، ބީއެމްއެެލްގެ ސަބްސިޑަރީއަކަށް އެސްޑީއެފްސީ ބަދަލުކުރުމަށް ފަހު އެ ބޭންކާއެކު ކުރެވޭ އިންޓަގްރޭޝަން މަސައްކަތްތަކުގެ ތެރެއިން އެ ބޭންކުގެ މޯބައިލް އެޕާއި އޭޕީއައި އިން ގުޅުވާލައި އެ އެޕްގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތައް މާދަމާއިން ފެށިގެން ފެންނާނެ އެވެ.
އެ ފެސިލިޓީތަކަށް ބީއެމްއެލްގެ އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
— SME Development Finance Corporation (@SDFC_mv) October 29, 2025
އޭނާ ވިދާޅުވީ އެސްއެމްއީ ޑިޖިޓަލްއަކީ ރާއްޖޭގައި އެސްއެމްއީ ދާއިރާ ތަރައްގީކޮށް، ކުރިއެރުވުމަށް މަގުފަހިކޮށްދޭ އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިސްލާމީ ޝަރީއާއާ އެއްގޮތަށް ގާއިމް ކުރެވޭ ފުރަތަމަ މާލީ މުއައްސަސާ ކަމަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްޑީއެފްސީގެ މާލީ ގާބިލްކަން އިތުރުކޮށް އަދި ލޯނުތައް ހުއްޓުމެއް ނެތި ދޭން ބޭނުންވާތީ، އެ ކޯޕަރޭޝަންގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލަން ކެބިނެޓުން ނިންމީ މިދިޔަ ޖުލައި މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަލީ ކުރުސީ
29 October 2025
އަނެއް ބޮޑު ވަޢުދު ފުއްދާލީ! ސާބަހޭ ރައީސް!
ބޮޑުބެގެ ބެއްޔާ
29 October 2025
އެނިންމާލީ އަނެއް މެގަ ޕްރޮޖެކްޓް. ބާރަށް އަތްޖަހާ. ބޮއިހަލަކި.
އަހަންމަދާ
29 October 2025
ޖަހަންވީތަ ހަމަ؟
އައުދަނު
29 October 2025
މިއަންނަ އަހަރު ހުރިހާ ސަރުކާރުގެ މުއައްސަސާއެއްގެ ނަމުގެ ފަހަތަށް ޑިޖިޓަލް އަންނާނެ. މިސާލަކަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް ޑިޖިޓަލް. ކުޅިވަރާ ދުޅަހެޔޮކަމުގެ ސިއްހަތު ޑިޖިޓަލް.
ވޯލް
29 October 2025
ރާއްޖޭގެ ދައުލަތުގެ މުއައްސަސާއަށް އަންނަ ހަމަ އެކަނި ބަދަލަކީ ނަންބޯޑު. ރީބްރޭންޑް ކޮށްގެންނާ، ޤަނޫނު ވުޖުދުކޮށްގެން އުފައްދާ މުައްސަސާތަކުގެ ހިންކުންތެރިކަން އިތުރުވާތަނެއް ނުފެނޭ، އަދި އެފަދަ މުައްސަސާތަކުގެ އެތެރޭގެ ގަވާއިދުތައް ހުންނަނީކީ ތަނުގެ އެފިޝެންސީ އިތުރުވާ ގޮތަކަށް ނޫން.
އަބްޑޫޅް +
29 October 2025
ޙޫމް، އެސްއެމްއީޑީ ދޯވ؟
ކޮރަލް
29 October 2025
އަވަސް އަވަހަށް ކުންފުނިތައް ރި ބްރޭންޑް ކުރުމަކީ އެތައް މިލިއަން އިސްރާފް ވާނޭ ކަމެކެވެ.