އެމްޕީއެލްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިތުރު ތިން އަހަރަށް އާކުރުމުގެ އެއްބަސްވުން ޔޫތު މިނިސްޓްރީ އާއެކު ސޮއިކުރުން. --ފޮޓޯ: އެމްޕީއެލް
04 ނޮވެމްބަރ 2025 - 20:04
ޒުވާނުން ބާރުވެރިކޮށް، މަސައްކަތުގެ ތަޖުރިބާ އާއި ތަމްރީނުތައް ފޯރުކޮށްދިނުމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ޔޫތު މިނިސްޓްރީ އާ ދެމެދު ވެފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާ ކޮށްފި އެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަލީ ޝަމްއާނެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ލާނިން އެންޑް ޑިވެލޮޕްމަންޓް އޮފިސަރު އައިޝަތު ޝިމްލާ އެވެ.
އެމްޕީއެލް އިން ބުނީ، މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ، ޒުވާނުންނަށް ގައުމީ ފެންވަރުގެ ތައުލީމް ފޯރުކޮށްދިނުމުގައި މަސައްކަތުގެ ތަމްރީނު އަދި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތުތައް އިތުރުކުރުން ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްއިން ކަނޑައެޅިފައިވާ ދާއިރާތަކުގައި ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޕީއެލްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިތުރު ތިން އަހަރަށް އާކުރުމުގެ އެއްބަސްވުން ޔޫތު މިނިސްޓްރީ އާއެކު ސޮއިކުރުން. --ފޮޓޯ: އެމްޕީއެލް
މިގޮތުން، ޒުވާނުން ބާރުވެރިކުރުވުމާއި ޔޫތު މިނިސްޓްރީގެ ފަރާތުން، އެޕްރެންޓިސްޝިޕް ޕްރޮގްރާމް ޒުވާނުންގެ މެދުގައި ޕްރޮމޯޓްކުރުމުގެ އިތުރުން، މި ތަމްރީނު ޕްރޮގްރާމްތަކުގެ ކުރިއެރުމާއި ފެންވަރު މޮނިޓާކުރުން ހިމެނެ އެވެ. އަދި މި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ނޭޝަނަލް ސެޓްފިކެޓް ލެވެލް ތިނެއްގެ ސެޓްފިކެޓް އެރުވުންވެސް ހިމެނެ އެވެ.
އެމްޕީއެލްއިން ވަނީ ޔޫތު މިނިސްޓްރީއާ ގުޅިގެން ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 11 ބެޗް ކާމިޔާބުކަމާއެކު ނިންމާލާފަ އެވެ. މި އެއްބަސްވުން އާކުރުމަކީ ޒުވާނުންނަށް ބޭނުންވާ މަސައްކަތުގެ ތަޖުރިބާ ހޯދައިދީ، ގިނަ ފުރުސަތުތަކެއް ހުޅުވައިދިނުމަށް ލިބިގެންދާ ފަހި ފުރުސަތެއް ކަމަށް އެމްޕީއެލްއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިސްލިން
04 November 2025
ތި ޕްރޮގްރާމްގައި ކޮންމެހެންވެސް އެމްޕީއެލްގައި ހުންނަ ކޮންޓެއިނަރތައް ރަގަޅަށް ބަލަހައްޓަން ދަސްކޮށްދޭތި، މިހާރު އެތަނުގައި ހުންނަ 40 ފޫޓުގެ ކޮންޓެއިނަރ މީހަކަށް ހިލަމެއްވެސް ކޮށްނުލާ އެހެރަ ގެންދަނީ،