ނިއު ރޭޑިއަންޓާ އެއްވަރު ކުރި މެޗަށް ފަހު ގްރީންގެ ކޯޗު އަލީ ނިސްތާރު މުހައްމަދު، އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
08 ނޮވެމްބަރ 2025 - 19:28
ދެ ލަނޑުގެ ލީޑަކާ އެކު ނިއު ރޭޑިއަންޓުން ކުރީގައި ވަނިކޮށް ގްރީން ސްޓްރީޓްސްއިން ފަހަތުން އަރައި 2-2 ން ނަތިޖާ ހަމަހަމަކޮށްފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިއުއިން ނިންމާލީ ދެ ލަނޑުގެ ލީޑާ އެކު އެވެ.
ފުލުގައި އޮތް ނަމަވެސް ގްރީންއިން ހިތްވަރު ނެރެ ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރި އެވެ.
މެޗުގެ 10 ވަނަ މިނެޓްގައި ނިއުއިން ލީޑް ނެގި އެވެ. އެ ލަނޑު ޖެހީ ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ.
އަލީ ފާސިރު ސެންޓޭ ފޮނުވާލި ބޯޅަ ގްރީންގެ ޑިފެންސުން ދިފާއުކުރުމުން ރީބައުންސްވި އެވެ. އޭރިއާގެ ބޭރުން އެ ބޯޅަ ލިބުނީ މުހައްމަދު އިރުފާން (އިރޭ) އަށެވެ.
އިރޭ އެ ބޯޅަ ދިނީ ހަންނަ އަށެވެ. ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އޭނާ އެ ބޯޅަ ފޮނުވާލީ ގޯލްގެ މަތީ ކަނަށެވެ.
ނިއުގެ ދެވަނަ ލަނޑު ޖެހީ ބްރެޒިލްގެ ފޯވާޑް ގިލްޔޭމީ ސިލްވާ އެވެ. ނިއުގެ އަހްނަފް ރަޝީދު ފޮނުވާލި ބޯޅ ގްރީންގެ ކީޕަރު އަބްދުލް މަޖީދު ވިޝާން ދިފާއު ކުރުމުން ރީބައުންސްވި އެވެ.
ނިއު އާއި ގްރީން ކުޅުނު މެޗުގައި: ނިއުގެ ދެ ލަނޑުގެ ލީޑަށް ނިމުން ގެނެސް ގްރީންއިން ނަތީޖާ ހަމަހަ ކުރި --- ފޮޓޯ: ނިޝާން އަލީ | މިހާރު
ރީބައުންސްވި ބޯޅަ ދިފާއު ކުރުމުގައި ކީޕަރަށް ކާމިޔާބެއް ނުވި އެވެ. އޭނާ ބޯޅަ ސަލާމަތް ކުރަން ދެވަނަ ފަހަރަށް މަސައްކަތްކޮށްކޮށް އޮއްވައި ބްރެޒިލްގެ ފޯވާޑް ސިލްވާ އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލި އެވެ.
ލަނޑު ޖަހާނެ ގިނަ އެހެން ފުރުސަތުތަކެއް ވެސް ނިއު އަށް ފަހިވި އެވެ.
ދެވަނަ ހާފުގެ ކުރީ ކޮޅު ގްރީންގެ ފުރަތަމަ ލަނޑު މިސްރުގެ ފޯވާޑް އަލް ސައީދު މަހްމޫދު ޖެހީ ޕެނަލްޓީއަކުންނެވެ.
ނިއުގެ އޭރިއާގެ ތެރެއިން ގްރީންގެ ޔޫޝައު ބިން އަލީ ނަޝީދަށް ނިއުގެ އިބްރާހިމް މައިސާން ފައުލު ކުރި އެވެ.
އަލް ސައީދު ފޮނުވާލި ޕެނަލްޓީ ދިފާއު ކުރަން ނިއުގެ ޕާކިސްތާނުގެ ކީޕަރު ސާގިބް ހަނީފް ޑައިވް ކުރީ ވެސް ރަނގަޅު ފަޅިއަށެވެ. އެކަމަކު ތިރި ފޮނުވާލި ބޯޅަ ގޯލް ވަނީ ގޯލްގެ ކަނަށެވެ.
ގްރީންއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 87 ވަނަ މިނެޓްގަ އެވެ. ނިއުގެ ހާފުގެ ތެރެއިން ގްރީން އަށް ލިބުނު ހިލޭ ޖެހުން އޭރިއާ ތެރެއަށް ނަގައި ދިނުމުން ގްރީންއިން އުފެއްދި ހަމަލާ ނިއުގެ ކުޅުންތެރިޔަކު ދިފާއު ކުރީ ގޯލްލައިން މަތިންނެވެ. އޭގެ ފަހުން ރީބައުންސްވި ބޯޅަ އުޒްބެކިސްތާނުގެ ޝުކުރާލީ ޕުލާޓަވް ނިއުގެ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލި އެވެ.
ލީގުގެ މި ހަފުތާގެ ކުޅުން މާދަމާ ނިމެނޭ އެވެ. އެއަށް ފަހު ގައުމީ ޓީމު ކުޅޭ މެޗަށް ތައްޔާރުވާން ލީގް މެދުކަނޑަލާނެ އެވެ.
ލީގް ބްރޭކަށްދާނީ މާޒިޔާއިން އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑްގައި އޮވެގެންނެވެ. މިއަދުގެ މެޗުން ހޯދި އެއް ޕޮއިންޓާ އެކު ނިއު ވަނީ ދެވަނަ އަށް ޖެހިލައިފަ އެވެ. އެއީ ކުރިން ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް އަށް ވުރެ އިތުރަށް އެއް ޕޮއިންޓް ހޯދައިގެންނެވެ.
ގްރީން ހޯދި ޕއޮިންޓާ އެކު އެ ޓީމުން ވަނީ ޖުމުލަ ހަތަރު ޕޮއިންޓް ހޯދައި ތާވަލުގެ ފުލުން އަރައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރިޔާޒްސަ
09 November 2025
ނިއު ދެ މެޗަކުން މޮޅުވީމަ ހާބަރުގެ ސުޒޭނު އަނގަ ހުއްޓާނުލާ. އެހެން ޓީމުތަކާއި ކޯޗުންނަށް ފާޑު ކިއުމުގައި އުޅުނީ. ޓީމަކަށްވާ ޓީމަކާ ޖެހުނީމާ ފެންަވަރު ނެތްކަން މި ފެންނަނީ. ޝާކިއްޓޭ ލައްވާ ޕްރޯ ލައިސަންސް ކޯހުގެ ޕޭޕަރު ހެދިޔަސް މިޒަމާނުގައި ޓީމު ރާވާކަށް ނޭނގޭނެ. ބޭރު ކުޅުންތެރިން އެ ދައްކަނީ ކޯޗުގެ ރޭވުމެއްނެތް ވާހަކަ. އެމީހަކު ޖެހުނު ގޮތަކަށް ކުޅެންވީއޭ އެ މީހުންް އެ ބުނަނީ ކީއްވެ
ޒިންދަގީސް
09 November 2025
ކުޅުންތެރިން މޮޅުކަމުން މޮޅުވާނެނަމަ ކޮންމެ މީހަކު ހުއްޓަސް މޮޅުވާނެ. ނިއުއިން ފެންނަނީ އެކަންތައް. ކޯޗުގެ ރޭވުންތެރިކަމެއްނެތް. ދެ މެޗު ދޭތެރޭގައި ޓީމާމެދު ނުވިސްނާ، އިދިކޮޅު ޓީމު ދަސްނުކޮށް، ހެނދުނު ޖެނެރޭޝަން ބޭންގައި އުޅެފަ، މެންދުރު ވެޓްރަސް މީހުންނާއެކު އަނގަތަޅާފަ، ދާހިތްލާ ފޯވެގެން ހަވީރު ޕްރެކްޓިހަށް ގޮސްފަ، ރޭގަނޑު ކޮންމެވެސް ޓީވީއަކަށް އަރައި އަނގަތަޅާފަ، ހާބަރުގަ ކޮފީ ބައިފަ، ހުޅުމާލެ އަށް ބުރު ޖަހާފަ ކިހިނެތް ޓީމު މޮޅުކޮށްދޭނީ.
މުލޭ
09 November 2025
ފުލުގައި އޮތް ޓީމު ފަހަތުން އަރައި ދެ ލަނޑު ޖައި އެއްވަރުކުރުން ބަލައެއް ނުގަނެވޭ. މިޓީމަށް ބޭނުންވަނީ ބޭރުގެ ރަނގަޅު ފެންވަރުގެ ކޯޗެއް. މިޓީމު އިތުރަށް ރަނގަޅުކުރުމުގެ ޤާބިލުކަމެއް ސުޒޭނުގެ ނެތް. އެކެޑެމީގެ ކޯޗަކަށް ސުޒޭނު ރަނގަޅުވާނެ.
ނަހުލް
09 November 2025
ސުޒޭނަކީ މޮޅު ކޯޗެއްނޫން އެއްއިރަކު ވެސް. ނިއުގެ ކޯޗުކަން ދިނީ އެފްއެއެމުން ބޭރު ކުރަންވެގެން. ޓީމެއް ބިނާކޮށްގެން، ރޭވުންތެރިކަމާއެކު އުޅޭ ކޯޗެއްނޫން. ޓެކްޓިކްސް އަކީ ހާބަރު ކަޑާގައި ކޯފީ ބޯން އިނދެފަ އައިސް ދެ ފަރާތުން ހުރަސްކޮށްފަ، އަނެއް ދުވަހު ޕްރެކްޓިހަށް އައިސް ކުދިންނޭ އިއްޔެ ހެދި ޑެރިލް ގޯހޭ އަސްލު ހަދަންވާނީ މިހެންނޭ ކިއުމެއްނޫން. ސުޒޭނަކީ ގޭމް ޕްލޭނެއް ނޯންނަ ހަމައެކަނި ދިވެހި ކޯޗު. މޮޅު ކުޅުންތެރިގެ އަމިއްލަ މަސައްކަތުން މޮޅުވިއްޔާ ވީ
ރަށްއިތުމީހާ
08 November 2025
މާޒިޔާ އެއްވަނައިގެ އޮތުމަކީ ހައިރާންވާންވީ ކަމެއް ނޫން. ނިއު ދެވަނައިގެ އޮތުމަކީ ހައިރާންވެ އަންތަރީސް ވާ ވަރު ކަމެއް.
ސޯބިރާ
08 November 2025
ސުޒޭނުއަށް ބުނެލަން އޮތީ އެންމެ ވާހަކައެއް. ރޭގަނޑު ހޭލާހާބަރު ކަޑައިގަ އިނދެފަ، ދުވާލު ކޮމިޓީ ތަކުގަ، ދެން ގޮވާލިހާ ޓީވީއަކަށް އަރާފައި ވަރުބަލިވެގެން ގޮސް ޕްރެކްޓިސް ކުރިޔަސް ޓީމު ކުރިނާރާނެ. ނިއުގެ ކުޅުން ދަނީ ހައްތަހާ ދަށަށް. ކޯޗުން ދެ މެޗު ދޭތެރޭގައި ތިބެނީ ހާބަރުގަ ސަޅިކަޑާކަށްނޫން. ސެންޓޭގެ ހުނަރުން ޓީމު މޮޅުކޮށްދިނުމަކީ ކޯޗުގެ މޮޅުކަމެއްނޫން. ކޯޗު މޮޅިއްޔާ ސެންޓޭ އަށް ނުވާ ދުވަހު ވެސް ޓީމު މޮޅުކޮށްދެވޭނެ. ހާއްސަކޮށްގްރީންއަތުން.