އެސްޑީއެފްސީ: އަންހެނުންގެ ވިޔަފާރީގެ ދާއިރާއަށް ދޭ ލޯނަށް ވަނީ ހުޅުވާލާފައި --- ފޮޓޯ/މިހާރު
09 ނޮވެމްބަރ 2025 - 15:34
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނިކުތުމަށް ހިތްވަރު ދިނުމުގެ ގޮތުން އެކުލަވާލާފައިވާ އާ ފައިނޭންސިން ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
އެ ސްކީމަކީ އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނިކުތުމަށް ހިތްވަރު ދިނުމާއި ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެން ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އަންހެނުން ބާރުވެރި ކުރުވައި، އިގުތިސޯދީ މިނިވަންކަން އިތުރުކޮށް، އަންހެނުން ހިންގާ ވިޔަފާރިތައް ކުރިއެރުވުމަށް ދޫކުރާ ސްކީމެކެވެ. އެ ސްކީމުގެ ދަށުން އަލަށް ވިޔަފާރި ފެށުމަށާއި އެކި ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ ވިޔަފާރި ފުޅާ ކުރުމަށް އެސްޑީއެފްސީއިން ފައިނޭންސިން ފޯރުކޮށް ދޭނެ އެވެ.
އެ ސްކީމްގެ ދަށުން ޝަރީއާ އުސޫލުތަކުގެ ތެރެއިން 25,000ރ. އިން ފެށިގެން 250,000ރ. އާ ހަމައަށް ލޯނު ލިބޭނެ އެވެ. އެ ލޯނު ދެއްކުމަށް ގިނަވެގެން 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ހަތް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ރަހުނަކާ ނުލާ ދޫކުރާ އެ ލޯނުގެ ފައިދާ ރޭޓަކީ އަހަރަކު 9.5 ޕަސެންޓެވެ.
އެ ސްކީމުގެ ސަބަބުން އަންހެނުންނަށް ވިޔަފާރި ފެށުމަށާއި ކުރިއެރުވުމަށާއި އަދި ގައުމުގެ އިގްތިސާދީ ތަރައްގީގައި ބައިވެރިވުމަށް ބޭނުންވާ މާލީ ވަސީލަތްތައް ލިބިގެންދާނެ ކަމަށް އެސްޑީއެފްސީއިން ބުންޏެވެ.
އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ހަސަން ވަނީ އެ ސްކީމަކީ ދިވެހި އަންހެން ވިޔަފާރިވެރިންގެ ގާބިލުކަން ދައްކައިދިނުމަށް ހުޅުވައިދޭ މަގެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. އަދި އެ ސްކީމްގެ ސަބަބުން އަންހެނުންނަށް ވިޔަފާރީގެ ދާއިރާއަށް ނިކުމެ، އަމިއްލަ މަސައްކަތް ފެށުމަށާއި ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމެއް ހޯދުމަށް މަގު ތަނަވަސްވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސްކީމްގެ ސަބަބުން ގިނަ ފަރާތްތަކަކަށް އެފަރާތްތަކުގެ ވިޔަފާރީގެ ލަނޑުދަނޑިތައް ހާސިލުކޮށް، ވިޔަފާރީގެ މައިދާނުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާނެ ކަމަށް އުންމީދު ކުރެވޭ." އޭނާ ވިދާޅުވި އެވެ.
SDFC
SME Development Finance Company
އެސްޑީއެފްސީގެ ވެބްސައިޓް.
އެ ސްކީމަށް އެސްޑީއެފްސީގެ ވެބްސައިޓުގައި ހިމެނޭ ޕޯޓަލްއިން އެޕްލައި ކުރެވޭނެ އެވެ.
އެސްޑީއެފްސީއިން އަލަށް ތައާރަފްކުރި އެ ސްކީމްގެ އިތުރުން 2024 ވަނަ އަހަރު އިކޮނޮމިކް މިނިސްޓްރީ އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާ ގުޅިގެން ފަށާފައިވާ "ފަށާ މަދަދު ލޯނު" ސްކީމުގެ ދަށުން ވެސް ދަނީ ފައިނޭންސިން ދޫކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy