09 ނޮވެމްބަރ 2025 - 21:46
ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓް ތަރައްގީކޮށް، ރަސްމީކޮށް މިރޭ ހުޅުވައިފި އެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންގެ އުޅުމާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ އަދި އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ އާ ޓާމިނަލާ އެކު، އެ އެއާޕޯޓު ވާނީ އުތުރުގެ ލޭންޑްމާކަކަށެވެ. މިއީ ރާއްޖޭގެ އުތުރުގައި މިހާރު އޮތް އެންމެ ބޮޑު އެއާޕޯޓެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓް ތަރައްގީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި އޮކްޓޯބަރު 1986 ވަނަ އަހަރު ހުޅުވި އެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ ފެބްރުއަރީ 2012 ގަ އެވެ. އަދި ޒަމާނީ ޓާމިނަލަކާ އެކު އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު 2022 ގަ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓުގެ ކުރިމަތީގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އެ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ އާއި ދެ ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެ އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓްގެ އެތެރެ: އެ އެއާޕޯޓް ތަރައްގީކޮށް މިރޭ ވަނީ ހުޅުވައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އާ ޓާމިނަލް ހުޅުވުމުގެ ގޮތުން ހަނިމާދޫ އެއާޕޯޓަށް ފުރަތަމަ ފަހަރަށް އޭ-320 މަރުކާގެ މަތިންދާބޯޓެއް މިރޭ ވަނީ ޖައްސައިފަ އެވެ. އެއީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓެކެވެ. އަދި މިރޭ ވަނީ އެ ރަށުގައި ހަވާ ވެސް އަރުވައިފަ އެވެ.
ރައީސްގެ ދެކަނބަލުން ހަނިމާދުއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުޚަބާއެއް ކިޔައިފަ އެވެ.
އިންޑިއާގެ ލޯނު އެހީގައި ހެދި ހަނިމާދޫ އެއާޕޯޓަކީ ރާއްޖޭގައި ހިންގި އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫއު އެވެ. އެ އެއާޕޯޓުގެ އާ ޓާމިނަލް މިދިޔަ މަހުން ފެށިގެން އަންނަނީ ބޭނުންކުރަމުންނެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓްގެ އެތެރޭގައި ހުރި ކަނޑުގެ ދިރުންތައް ފެންނަ ކުރެހުމެއް: އެ އެއާޕޯޓް ތަރައްގީކޮށް މިރޭ ވަނީ ހުޅުވައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު، 2022 ގަ އެވެ.
އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އެއިރޯ ބްރިޖަކާއި ޑިއުޓީ ފްރީ އާއި ލައުންޖާއި އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތަކާއި ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީ ވެސް ވަނީ ހަދައިފަ އެވެ.
އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ވަރަށް ތަރައްގީ ކޮށްފައިވާ ރަންވޭގެ މަސައްކަތް މިދިޔަ އަހަރު ވަނީ ނިމިފަ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަރީމު
10 November 2025
މުދާ ރައްކާކުރާ ގުދަނެއްހެން ހީވަނީ އެތެރެއްއް ވަނީމަ. އިންޓީރިއާ ހަދާލަން ބަޖެޓު ނެތީތޯ؟؟؟
ހަސަން
10 November 2025
ކޮބާ ނެތްތަ ފުލެޓް ކަރަންޓް އަދި ފެން ގުަޅޭނެ ތާރީހެއް އިގޭކަށް ދެހަރުން ވާންވީގިތް އިނގޭނެތާދޯ?
ކުކޫ
10 November 2025
ކޮބާ އިންޑިއާ ސިފައިން؟ ގައިމު ބުނި ތިތާ ހަދަނީ އެމީހުންގެ ތަނެކޭ.
ހޮޅިވާހަކަ
10 November 2025
ފޮނިވާހަކަ ދައްކާނެ. އިންޓަރނޭޝަނަލް ދަތުރެއް ނުކުރާނެ ތިތާކުން. ބަލަން ތިބޭތި. ވެލާނާ ނޫން ތަނަކަށް އިންޓަރނޭޝަނަލް ފްލެއިޓް ޖައްސާކަށް އެއްވެސް ސަރުކާރަކުން ބޭނުން ނުވަނީކަންނޭނގެ. މާފަރުގައިވެސް އިންޓަރނޭޝަނަލް އެއަރޕޯޓެއް އޮވޭ. އެކަމަކު އިންޓަރނޭޝަނަލް ދަތުރެއް ނުކުރޭ. ދެން ކޮބާ މިފަދަ ތަންތަނުގެ ބޭނުމެއް. މިފަދަ އެއަރޕޯޓްތަކުގެ ބޭނުމެއް ކުރާތަނެއް ނުފެނޭ.
2025
10 November 2025
ސީލިންކިރާނީ 60 ގަ މީ 25....... ބޮއިހަލަކި
އަބްޑޫޅް +
10 November 2025
Narrow (ހަނި) Big (މާ) Island (ދޫ) Airport (އެޔާޕޯޓު)
ޑަބްޑަބް
10 November 2025
ތިޔަށް ވުރެ ރަނގަޅުވާނެ "ނެރޯ ފްލަވަރ ޓަންގް"
އަބޫލް
10 November 2025
ޓާރމިނަލް އތެރެ ތިއޮތީ ކިހިނެއް.ތީހަމަ ކުރެހުން އޮތްގޮތްތަ؟؟ކިތައް މިލިއަނަށްތަ ކުރެހުން.މަތިންފެންނަ ފޮޓޯ ރީތިކޮށްލީ ހަމައެކަނި؟؟
ނިޒާމްބެ
10 November 2025
މާފަރު ރަންވޭ އަކީ 2.8 ކިލޯ މީޓަރު. ލޯނެއް ނަގައިގެން ނަމަވެސް މާފަރު ޓާރމިނަލް ބޮޑު ކުރަން ޖެހޭ. އަހަރަކު 10 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް. މާފަރަކީ ނ،ރ،ބ، ޅ ހިމެނޭ މެދު އުތުރު ސަރަހައްދުގެ އިގްތިސާދީ ނާރެސް
އިންޓީރިއަރ
10 November 2025
ސީލިންގ ވެސް ކޮށް ނުލާ މި ހުޅުވީ ؟
ބސބސ
10 November 2025
ޒަމާނީ ސީލިންގ
ޢަރުތަ
09 November 2025
"ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި އޮކްޓޯބަރު 1986 ވަނަ އަހަރު ހުޅުވި އެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ ފެބްރުއަރީ 2012 ގަ އެވެ. އަދި ޒަމާނީ ޓާމިނަލަކާ އެކު އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު 2022 ގަ އެވެ". ހޫނ ކުރިންވެސް އިންޓަނޭޝަނަލް އެއާޕޯޓެއްދޯ، އަނެއްކާ ޒަމާނީ ޓާމިނަލަކާ އެކު ތަރައްޤީ ކުރުމުގެ މަސައްކަތް 2022 ގަ ފަށައިގެން އައިސް ތިންއަހަރު ދުވަހުން ތަރައްޤިކޮށް ނިންމީ އުތަ، އަހުން ހީކުރީ އަލަށް.....